ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ރާއްޖެއިން ބޭރުގައި ޤާއިމްކޮށްފައިވާ 17 ޑިޕްލޮމެޓިކް މިޝަންގެ އެންމެ އިސް ބޭފުޅުންނާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ރޭ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވެވި މި ބައްދަލުވުމުގައި ރާއްޖެއިން ބޭރުގައި ހުރި ރާއްޖޭގެ ހައިކޮމިޝަންތަކާ، އެމްބަސީތަކާ، ޕާމަނަންޓް މިޝަންތައް އަދި ކޮންސިއުލޭޓް ޖެނެރަލް މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާ އަދި ދިމާވާ ދަތިތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

އަދި ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ބޭރުގައި ދަތުރު ނުކުރެވި، ތާށިވެފައި ތިބި ދިވެހިންނަށް ވެދެވެން ހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މިޝަންތަކުގެ ވެރިން އަރިހުން މިނިސްޓަރ އެދިވަޑައިގަތް ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

މި ބައްދަލުވުމާ ބެހޭ ގޮތުން ޑިރެކްޓަރ، ކޮމިއުނިކޭޝަން މިއުވާން މުހައްމަދު ވިދާޅުވީ. އިއްޔެ ހުރިހާ ސަފީރުންނާ އެއްވަގުތެއްގައި ވީޑިއޯ ކޯލް މެދުވެރިކޮށް މިނިސްޓަރ ބައްދަލުކުރެއްވިނަމަވެސް ކޮންމެ ދުވަހަކުވެސް ވަކިވަކިން މިޝަންތަކުގެ އިސްވެރިންނާ ވާހަކަފުޅު ދައްކަވައި، ކޮންސިއުލަރ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާ ކަަމަށެވެ.

"ޚާއްސަކޮށް ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ދިމާވާ ދަތިތަކާ ބެހޭ ގޮތުން މައުލޫމާތު ހޯއްދަވައި، އެކަންކަން ހައްލުކުރުމަށް އެޤައުމުތަކުގެ ޚާރިޖީ ވަޒީރުންނަށް ފޯނުން ގުޅުއްވައި، މަޝްވަރާ ކުރައްވާ". މިއުވާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުއްޅަބޭ

    ރައްޔިތުން ހާންތިވާ އިރުވެސް ތިމާމެންގެ މޮޅުކަން ދައްކަންއުޅޭ ބައިގަނޑެއް.
    މިރާއްޖެއަށް ގެސްޓުން ނައުމަށް ގޮވާލައި މުޅި ޔޫރަޕުގައި ދުވި ބައިގަނޑަށް މިއަދު އެނގޭނެ ގެސްޓުން ނައިމާ ވާގޮތް.. ކަރުބުޑުގައި ތިއޮތީ ހިތިރަހަލާފައި. އަދިވެސް މީޑިއާތަކަށް އަރައި ރައްޔިތުންނަށް ތިމާމެންނަށް ކަންކަންވާކަންދައްކަން ތެޅިއަރުވައަރުވާތިބޭ

  2. ޑިޕްލޮމެޓިކޯ

    ތިޔަ ބުނާ މިޝަންތަކުގެ މީހުންނޭ އެ ބުނަނީ ސަރުކާރުން ނެތޭ ތާށިވެފަ ތިބި މީހުންނަށް އެހީވާނެ ގޮތެއް ކަޑައަޅާފަވެސް.... މީހުންނަށް އޮޅުވާލަން ވަރަށް ފޯރި އެބަހުރި އެހީވަނީ އޭ ކިޔައިގެން... ކޮން ގަޮތަކުންތޯ އެހީ ތިވަނީ... ތިވާ އެހީ އެއްގެ އެއްވެސް ތަފްސީލެއްވެސް ދޭން ނުކެރެނީ ތޯ... ބަލަގަ އެމްބަސީތަކުން އެ ބުނަނީ އަހަރެމެންނަށް ނެތޭ ސަރުކާރުން އަންގާފަ ނުވަތަ ބަޖެޓެއްވެސް ހަމަޖައްސާފަ ބޭރުގަ ތިބި މީހުންނަށް އެހީވާން...ފުލޯކު ވާހަކަ ނުދައްކާ ހުރުން އެދެން މީހުން ގުބޯ ހައްދަން