އައްޑޫ ސިޓީގައި ދަނޑުވެރިކަން ކުރުމަށް އިތުރަށް ބިން ދޫކުރަން ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ދަނޑުވެރިކަމަށް ބިން ދޫކުރުމަށް ނިންމާފައި ވަނީ މިހާރު ހަލުވި ކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާ ގުޅިގެން ދިވެހިން ހައްދާ މޭވާ އާއި ތަރުކާރީގެ ނިސްބަތް އިތުރުކުރުމުގެ ގޮތުން ވީހާ ވެސް ގިނަ ބަޔަކަށް ދަނޑު ހެއްދުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ކަމަށެވެ.

އެ ކައުންސިލުން ވަނީ މިހާރު ވެސް މީގެ ކުރިން ދޫކޮށްފައިވާ ބިންތަކުގައި ދަނޑުވެރިކަން ކުރަމުންދާ ފަރާތްތަކަށް އެމަސައްކަތް ހުއްޓާ ނުލައި ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފައެވެ.

ސިޓީ ކައުންސިލަށް ބިމަށް އެދި ހުށަހެޅުން މިހާރު ވަނީ ހުޅުވާލައިފައެވެ.

އެގޮތުން ކޮންމެ އަވަށެއްގައި ދިރިއުޅެމުންދާ މީހުން އެއަވަށެއްގެ އޮފީހަށް އީ-މެއިލްގެ ޒަރިއްޔާއިން ދަނޑުވެރިކަން ކުރާނެ ބިމަށް އެދި ހުށަހެޅުމުން ބިންދޫކުރެވެން އޮތް މިންވަރަކުން ބިންދިނުން ކުރިއަށް ދާނެ ކަމަށް އެކައުންސިލުން ވަނީ ބުނެފައެވެ.

އެ ކައުންސިލުން ބުނީ ދޫކުރާ ބިންތަކުގައި ދަނޑުވެރިކަން ފަށައިގަންނަ ފަރާތްތަކަށް ބޭނުންވާ ތަފާތު އެހީތެރިކަން އެ ކައުންސިލުން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އެހެނިހެން އިދާރާތަކުންވެސް މި މަސައްކަތަށް ބޭނުންވާ އެހީތެރިކަން ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.

ދަނޑުވެރިކަމުން ރާއްޖޭގައި އުފައްދާ ތަކެތި އިތުރުކޮށް އެތަކެތި ބޭރުގެ މާކެޓުތަކައި ހަމައަށް ފޯރުކޮށް ދިނުމުގެ ފުރުސަތު ފަހިކޮށް، އިގްތިސާދު އިތުރަށް ފުޅާ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ.