ސްޓެލްކޯއިން ފޯރުކޮށްދެމުން އަންނަ ބައެއް ހިދުމަތްތައް އޮންލައިންކޮށް ދިނުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

ސްޓެލްކޯ އިން ބުނީ ކޮވިޑް-19 އާ ގުޅިގެން އެ ކުންފުނިން ދޭ ބައެއް ހިދުމަތްތައް ހުއްޓާލަން ޖެހިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތީ ރޯދަ މަހަށް ވުމާ އެކު، ރައްޔިތުންނަށް ބޭނުންވާ މުހިންމު ބައެއް ހިދުމަތްތައް އޮންލައިންކޮށް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި އޮންލައިންކޮށް ދޭ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ ބައެއް ފޯމުތައް ހުށަހެޅުމާއި ފައިސާ ދެއްކުމުގެ އެންމެހައި ހިދުމަތެކެވެ.

ސްޓެލްކޯ އިން މިހާރު ވެސް އެ ކުންފުނީގެ ބައެއް ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދެއެވެ. އަދި މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އީމެއިލް މެދުވެރިކޮށް ވެސް ބައެއް ހިދުމަތްތަކަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

މީގެއިތުރުން އަތޮޅުތެރޭގެ އެ ކުންފުނިން ހިންގަމުން އަންނަ އންޖީނުގެތަކުން ދެމުން އަންނަ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން މެންދުރު ފަހު 15:00 އާއި ހަމައަށް އިންޖީނުގެތަކުން ހިދުމަތް ދެމުން ގެންދާނެ ކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

ސްޓެލްކޯ އިން ވަނީ ކޮންމެހެން ބޭނުން ނުވާ ހިދުމަތްތައް މި ދަނޑިވަޅުގައި ލަސްކޮށްލުމަށް އިލްތިމާސްކޮށްފައެވެ. އަދި ބިލަށް ފައިސާ ދެއްކުމަށް އެ ކުންފުނީގެ އޮފީސްތަކަށް ދިނުމުގެ ބަދަލުގައި ވެބްސައިޓާއި އެޕްލިކޭޝަން އިން މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ވެސް އެ ކުންފުނީގެ އިއުލާންގައި ވަނީ އެދިފައެވެ.

ސްޓެލްކޯ އިން މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވަނީ އެކުންފުނީގެ ކަސްޓަމަރުންގެ ތެރެއިން ފޯނު ބިލް ކުންފުންޏަށް ދީފައިވާ ފަރާތްތަކަށް އެސްއެމްއެސްއެއްގެ ޒަރިއްޔާއިން ކަރަންޓު ބިލް ފޮނުވުމަށް ނިންމައިފައެވެ.

ސްޓެލްކޯގެ އިތުރުން އެހެން ބައެއް ކުންފުނިތަކުން ވެސް ދަނީ ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ނޫން އެހެން ބައެއް ހިދުމަތްތައް މެދު ކަނޑާލައި، އޮންލައިންކޮށް ބައެއް ކަންކަން ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފައެވެ.

މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އާއި ގުޅިގެން އެންމެންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަމާ ބެހޭ އިދާރާތަކުން އަންނަނީ މީހުން އެއްވެ ނޫޅުމަށާއި ކޮންމެހެން ކުރަން ޖެހޭ ކަމެއްގައި ފިޔަވައި ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށްފައެވެ. މީހުން މަގުމަތީގައި އުޅެމުންދަ މިންވަރު ކޮންޓްރޯލް ކުރުމަށް ފުލުހުންވެސް މިހާރު ދަނީ މާލެ ސަރަހައްދުގެ މަގުތައް މަތީގައި އުޅެމުންދާ މީހުން ގެއަށް ފޮނުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޏުވާނެ

    ޙިދުމަތް ދޭނެ މޮޅުގޮތްގޮތް ކިޔަނީ ! މިފަހަރު ބިލްތަކުން ޑިސްކައުންޓް ދޭނަމޭ ކިޔާފަ ނުދެވުންއިރު ، ބިލް އައއއޢީ 30 މާރިޗްގައި ، މުއްދަތު ހަމަވނީ 1އޭޕްރީލްގައި ، ކިހާ ހެޔޮ