ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް މަސައްކަތްތެރިންނަށް ހައްގު ހޯދައި ދިނުމަށް އެންމެ ރަނގަޅު ގޮތަކީ ޕެންޝަނުން ކޮންމެވެސް އެއްޗެއް ލިބޭނެ ގޮތް ހަމަޖެއްސުން ކަމަށް ރައްޔިތުން މަޖިލިހުގެ ފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނިހާދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ނިހާދު ވިދާޅުވީ ކޮވިޑް-19 ރާއްޖެ އިން ފެނިފައިވުމާ ގުޅިގެން އެ ރޯގާ އިތުރަށް ރާއްޖޭގައި ފެތުރުނަ ނުދިނުމަށްޓަކައި އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުން ހާސިލް ކުރަން ބޭނުންވާ މަގްސަދު ހާސިލް ކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ސަރުކާރުގެ ސްޓިމިއުލަސް ޕެކޭޖްގެ ދަށުން ވިޔަފާރިވެރިންނަށް ފައިސާ ދިނުމުން، ރިސޯޓްތަކުގެ ވެރިން އެ ފައިސާ މުވައްޒަފުންނަށް ދީފާނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށާއި އެ ފައިސާ ވެސް އެހެން ކަމަކަށް އިންވެސްޓްކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

" މި ސްޓިމިއުލަސް ޕެކޭޖްތަކުން ރައީސުލްޖުމްހޫރިއްޔާ ހާސިލްކުރައްވަން ބޭނުންފުޅުވާ، ދައުލަތުން ހާސިލްކުރައްވަން ބޭނުންފުޅުވާ ނަތީޖާއެއް ނުނެރެވޭނެ. އަޅުގަނޑު ގަބޫލު ކުރަނީ މި ނަތީޖާ އަޅުގަނޑުމެންނަށް ދިވެހި ރައްޔިތުންނަށް މަސައްކަތްތެރިންނަށް ހޯދަ ދިނުމަށްޓަކައި އެންމެ ރަނގަޅު ގޮތަކަށް އޮންނާނީ، އެ މަސައްކަތްތެރިންގެ ޕެންޝަން ފަންޑުގެ ތެރެއިން، ޕެންޝަންގެ ތެރެއިން ކޮންމެވެސް އެއްޗެއް އެ މަސައްކަތްތެރިންނަށް ލިބޭނެ ގޮތް ހަމަޖައްސަދީގެން ކަމަށް،" ނިހާދު ވިދާޅުވިއެވެ.

ނިހާދު ވަނީ ރިސޯޓްތަކުގެ ވެރިން މުވައްޒަފުންނާ މެދު ކަންކަން ކުރާ ގޮތް ރަނގަޅު ނޫން ކަން ފާހަގަ ކުރައްވައި އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން ހައްގުވާ ޗުއްޓީ ވެސް ނަގަން މަޖުބޫރުކޮށް، މުވައްޒަފުންނަށް މުސާރަ ނުލިބޭ ގޮތަށް ވަކި މުއްދަތެއް ވަންދެން ތިބެން މަޖުބޫރު ކުރާ ކަމަށާއި އެކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނިހާދު ވަނީ ސަރުކާރުން އަންގާ ގޮތް ނުހަދާ ފަރާތްތަކުގެ މުދާ ނެގުމަށް ވެސް ގޮވާލައްވައިފައެވެ.

"ގައުމުގެ ހަޒާނާ ވިއްކައިގެން މުއްސަނދިވެގެން، ހަތަރު ފަސް ހަ ރިސޯޓް ހަދައިގެން ތިބެމެ އެންމެ މަސް ދުވަހަކަށް ރިސޯޓްގައި ތިބި މުވައްޒަފުންނަށް މުސާރަ ދޭން ދިވެހި ދައުލަތުން އެދި އާދޭސްކުރީމާ، އެެން އެކަން ނުކޮށް، މަގުމަތި ކުރަމުން އެ ގެންދަނީ." ނިހާދު ވިދާޅުވިއެވެ.

ނިހާދު ވަނީ ކުދި ވިޔަފާރިތަކުގެ ބިލްތަކަށް ފައިސާ ލިބޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖައްސާދިނުމަށް ގޮވާލައްވާފައެވެ.

ކޯވިޑް-19 އާ ގުޅިގެން އިގްތިސާދީ ގޮތުން އަންނަ ލޮޅުންތައް ކުޑަކުރުމަށް ސަރުކާރުން އެކުލަވާލި ސްޓިމިއުލަސް ޕެކޭޖާއި މެދު މަޖިލީހުން ދެކޭ ގޮތް ހާމަކުރަން ބަހުސްކުރަމުންދާ އިރު އެންމެ ބޮޑަށް މެމްބަރުން ފާހަގަކުރާ އެއްކަމަކީ ރިސޯޓްތަކުގެ ވެރިން މުވައްޒަފުންނާއި މެދު ކަންކަން ކުރާ ގޮތް އިހާނެތިކަމުގެ ވާހަކައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައްޔިތުމީހާ

    މިކަމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫނެވެ. ބޮޑެތި ވިޔަފާރިވެރިންނަށް ސަރުކާރުން ލޯނު ދީފައި ދަތިކަމާއި ތުރާތަކާއެކު ވަޒީފާ އަދާކުރި ނިކަމެތި މުވައްޒަފުގެ ޕެންޝަން ފައިސާއިން ނިކަމެތި ރައްޔިތުމީހާއަށް އެހީވުމަކީ އެއްވެސް ޙާލެއްގައި ޤަބޫލު ކުރެވޭނެ ކަމެއްނޫނެވެ. މިއަށްވުރެ ލުއިގޮތެއް ޢައްމު މުވައްޒަފަށްވެސް އޮންނަންވާނެއެވެ.