ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަަހަރުގެ ސަލާމަތީ ސެޓްފިކެޓާއި ލައިސަންސްގެ މުއްދަތު ޓްރާންސްޕޯޓު އޮތޯރިޓީން އިތުރުކޮށްދީފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނީ މާޗް އެއް ވަނަ ދުވަހުން ފެށިގެން މުއްދަތު ހަމަވާ ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ސެޓްފިކެޓްތަކުގެ މުއްދަތު މި އަހަރުގެ 30 ޖޫން އިތުރުކޮށްފައިވާ ކަމަށެވެ.

ސެޓްފިކެޓްތަކުގެ މުއްދަތު އިތުރުކޮށް ދިންކަމުގައިވީ ނަމަވެސް އުޅަނދުފަހަރުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ހުރުމަށް ލާޒިމްކުރާ ތަކެއްޗާއި ކަންކަން ހަމަޖެއްސުމަށްފަހު އުޅަނދު ފަހަރު އޮޕަރޭޓް ކުރުމަށް އުޅަނދުފަހަރު އޮޕަރޭޓުކުރާ ފަރާތްތަކަށާއި އުޅަނދުފަހަރުގެ ވެރިންނަށާއި އަދި އުޅަނދުފަހަރު ދުއްވާ ކެޕްޓަނުން ޔަގީން ކުރުމަށް ފަހު އުޅަނދު ފަހަރުގެ ދަތުރަށް ފެށުމަށް ޓްރާންސްޕޯޓް އޮތޯރިޓީން އިލްތިމާސް ކުރެއެވެ.

އަލަށް އުޅަނދެއް ރަޖިސްޓަރީކޮށް 12 މާރިޗު ގެ ފަހުން 30 ދުވަހުގެ މުއްދަތު ހަމަވެފައިވާ އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް 31 ޖުލައިގެ ކުރިން ސަލާމަތީ ސެޓްފިކެޓް ހެދުމަށް ނުވަތަ އެ އުޅަނދަކީ އޮޕަރޭޓް ނުކުރާ އުޅަނދެއްކަން ބަޔާންކޮށް ރަށްރަށުގެ ރަށު ކައުންސިލްތަކުން ނުވަތަ ޓްރާންސްޕޯޓް އޮތޯރިޓީން ލިޔުން ހޯދައިފިނަމަ އެ އުޅަނދެއް ޖޫރިމަނާ ނުކުރާ ގޮތަށް ކަނޑައަޅާ ކަމަށް ޓްރާންސްޕޯޓްގެ އިއުލާންގައިވެއެވެ.

ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސްގެ މުއްދަތު މާޗް އެކަކުން ފެށިގެން ހަމަވެފައިވީނަމަވެސް އެ ލައިސަންސްގެ މުއްދަތު 30 ޖޫން އިތުރުކޮށްދީފައިވާނެ ކަމަށް ވެސް އެ އިއުލާންގައިވެއެވެ.