ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނާ މެދު އެ ސިނާއަތުގައި ހަރަކާތެރިވާ ވިޔަފާރިވެރިން ކަންކަން ކުރާ ގޮތާއި މެދު ހިތްހަމަޖެހިވަޑައިނުގެން، އެކަމަށް ރައްޔިތުންގެ މަޖިލިހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔާސިރު އަބްދުއްލަތީފް މިއަދު ފާޑު ވިދާޅުވެއްޖެއެވެ.

އޮންލައިންކޮށް ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި ޔާސިރު ވިދާޅުވީ ބޮޑެތި ވިޔަފާރިވެރިންނަށް ހަތަރު މަސް ދުވަހަށް މުވައްޒަފުން ނުބެހެއްޓިދާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

އަދި ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން ވިޔަފާރިވެރިންނަށްވާ ގެއްލުން ކުޑަކުރަން އެހީތެރިވުމަށް، ސްޓިމިއުލަސް ޕެކޭޖްތަކެއް އެކުލަވާލުމުން ވެސް 11،000 އެއްހާ މުވައްޒަފުންނަށް ނޯޕޭ ލީވް ދީފައިވާ ކަން ފާހަގަކުރައްވާ ޔާސިރު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

"ރާއްޖޭގައި ބަޔަކަށް ސަވައިވް ކުރެވޭ ނަމަ މިކަމަށް، ސަވައިވް ކުރެވޭނެ އެންމެ ބޮޑު ފަރާތަކަށް ވާނީ އަޅުގަނޑުމެން މިއޮށް ހުރިހާ ދުވަހު ބައްޓަން ކުރި ބޮޑު ކުރި ޓުއަރިޒަމް އިންޑަސްޓްރީގެ ބޮޑެތި ވިޔަފާރިވެރިންނަށް. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެ ބޭފުޅުންގެ މުވައްޒަފުންނަށް އެ ބޭފުޅުންގެ މުވައްޒަފުން ތިން މަސް ދުވަހަށް ނޫނީ ހަތަރު މަސް ދުވަހަށް ބެލެހެއްޓެން ޖެހޭނެ." ޔާސިރު ވިދާޅުވިއެވެ.

ޔާސިރު ވަނީ މި ދަނޑިވަޅުގައި ލިބެން ޖެހޭ ފިލާފަވަޅަކީ ހަމައެކަނި ފަތުރުވެރިކަން ކުރިއެރުވުމުގެ ބަދަލުގައި، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުން މުހިއްމުކަން ދެނެގަތުންކަމަށް ވިދާޅުވެފައެވެ.

ޚާއްސަކޮށް ރާއްޖޭގެ ވަށައިގެންވާ ކަނޑުތަކުގެ ބޭނުން އެކަށީގެންވާ ގޮތުގައި ކުރެވޭނެ މަގު ހޯދަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ބައިތުލްމާލު، މިއަދު މި ހަރަދު ކުރެވޭ ފައިސާ މި ހަރަދު ކުރެވެނީ އެންމެ ރަނގަޅު ދިމާލަށްތޯ އަޅުގަނޑުމެން އެބަ ޔަގީން ކުރަން ޖެހޭ. ހަމަ އެއާ އެކީގައި ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން މާތް ﷲ ގެ އިރާދަފުޅުން މިކަމުން އަރައިގަނެގެން ދާއިރުގައި އަޅުގަނޑުމެންނަށް މި ނިކުމެވެނީ އެންމެ ރަނގަޅު ދިމާލަށްތޯ، އަޅުގަނޑުމެން ކުރިއަށް ދާނީ ކޮން މިސްރާބަކަށްތޯ އަޅުގަނޑުމެން އެބަ ޔަގީން ކުރަން ޖެހޭ،" ޔާސިރު ވިދާޅުވިއެވެ.

އެންމެ ސިނާއަތަކަށް މުޅި އިގްތިސާދު ބަރޯސާވުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށާއި އެކަން ނިމުމަކަށް ގެންނަންވީ ވަގުތަކީ މިއީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް ދަނޑުވެރިކަމާއި މަސްވެރިކަމަށް އެކަށީގެންވާ ގޮތަށް އަޅާ ނުލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މަސްވެރިކަމާއި ދަނޑުވެރިކަން ހުޅުވާލައި އެ ސިނާއަތްތައް ކުރިއަރުވާ ފުރިހަމަ ގޮތުގައި ކުރިއަށް ދެވޭނެ މަގު ފަހިކޮށްދޭން ޖެހޭ ކަމަށް ވެސް ޔާސިރު ވިދާޅުވިއެެވެ.

މީގެއިތުރުން ޔާސިރު ވަނީ ސަރުކާރުން ކުދި ވިޔަފާރިތަކަށް ދޭން ޖެހޭ ފައިސާ ވީއެންމެ އަވަހަށް ދިނުމަށް ވެސް ގޮވާލައްވައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފަގީރު މީހާ

    ހަމައެކަނި ޓޫރިޒަމް އިންޑަސްޓްރީ ކުރިއަރުވަނީ ރައްޔިތުން އަޅުވެތި ކުރުމުގެ މަގްސަދުގަ. އެރުން މުއްސަދިންނާއި ސިޔާސީ މީހުންނަށް ރައްޔިތުން އަބަދުވެސް ތިބެންޖެހޭނީ އަޅުދާސްވެގެން

    9
    2
  2. ރަޝީދު

    ދިވެހި ޤައިމަށް މިއަދު ކުރިމަތިވެފައިވާ މި ޚައްސާސީ ދަނޑިވަޅުގައި ޔާޞިރު ތިޔަ ފާޅުކުރެއްވި ޚިޔާލާއި އަގުހުރި ބަސްކޮޅަށް އިޚްލާޞްތެރިކަމާއިއެކު ޝުކުރު އަދާކުރަން. ރައްޔިތުންނާމެދު އިޚްލާޞްތެރި ބެލުމަކުން ބަލާނަމަ ކޮންމެ މެންބަރެއްގެ ވިސްނުމަކަށްވާންވާނީ ނިކަމެތި ޙާލު ދިމާވެދާނެ އަފުރާދުންގެ މުހުތާދުތައް ފުރިހަމަ ކުރެވިދާނެ ގޮތަކާއިމެދު. ސަރުކާރުގެ މިސްރާބު ހުރިދިމާ ކިތަންމެ ރަނގަޅަސް ވިޔަފާރިވެރިންގެ މިސްރާބަކީ މިވަގުތުވެސް ނާޖާއިޒް ފައިދާތަކެއް ހޯދުން.

    10
    1
  3. ފުރީޢަ ދުމައްޙަމު

    ދިވެހި ޤައިމަށް މިއަދު ކުރިމަތިވެފައިވާ މި ޚައްސާސީ ދަނޑިވަޅުގައި ޔާޞިރު ތިޔަ ފާޅުކުރެއްވި ޚިޔާލާއި އަގުހުރި ބަސްކޮޅަށް އިޚްލާޞްތެރިކަމާއިއެކު ޝުކުރު އަދާކުރަން. ރައްޔިތުންނާމެދު އިޚްލާޞްތެރި ބެލުމަކުން ބަލާނަމަ ކޮންމެ މެންބަރެއްގެ ވިސްނުމަކަށްވާންވާނީ ނިކަމެތި ޙާލު ދިމާވެދާނެ އަފުރާދުންގެ މުހުތާދުތައް ފުރިހަމަ ކުރެވިދާނެ ގޮތަކާއިމެދު. ސަރުކާރުގެ މިސްރާބު ހުރިދިމާ ކިތަންމެ ރަނގަޅަސް ވިޔަފާރިވެރިންގެ މިސްރާބަކީ މިވަގުތުވެސް ނާޖާއިޒް ފައިދާތަކެއް ހޯދުން.

  4. އުބޭ

    އަލިފު އޮންނަނީ ތެދަށް ކަން ނޭންގޭ މީހަކަށް ވިޔަފާރި އެއީ ކޯޗެއްކަން އިގޭނެތަ! ޥިޔަފާރި ކޮއްގެން ލިބެންވާ ފައިސާ ނުލިބި ޙަރަދު ކުރަނީ ޔާސިރުގެ މުސާރައިންތަ؟

    7
    9
  5. ހުސޭނުބޭ

    އަދި ކިރިޔާ ކަލޭމެންގެ ތެރެއިން މީހަކަށް ތި މަޖިލީހުގައި ދައްކަންޖެހޭ ވާހަކައެއް ތި ދެއްކުނީ!

    12
    4
  6. ބްރޯ

    ފާޑު ކިޔާނެ ކަމެއްނެތް . މިސަރުކަރު އައިފަހުން ވިޔަފާރިތައް ދަށްވެގެން ދިޔައީ ހިތާމަކުރަންޖެހޭ މިންވަރަށް މިހާރު ވިޔަފާރި ޒީރޯ ވީމަ ދެންފައިސާ ހޯދާނީ ކޮންތާކުންކަން ބުނެދިބަލަ.

    9
    6
  7. ޓަކަފިރޯށި

    އެއްކަލަ އިސްޓިކާ ސޭޓު މަސްހޫރުވާ އެއްޗެކޭ ކިޔަންފަށަފި

    8
    4
  8. އަލްޖިބްރާ

    ކަމެއްވީމަ ނޫނީ އަހަރުމެންގެ ގިނަދިވެހިންނަށްވެސް ހޭވެރިކަމެއް ނުވާނެ ! ޓުއަރިޒަމް ގެ ދާއިރާއަށް ދިވެހިން އަވަހަށް ފިރުކާލަނީ މަސައްކަތް ލުއިވެފަ ލިބޭ އާމްދަނީ ގިނަވީމަ ! ފަހަރެއްގަވެސް އެމީހުންގެ ވެރިން މިފަދަ އަނިޔާވެރި ގޮތަކަށް އަމަލު ކުރާނެ ކަމަށް ހިތައްވެސް އަރާފަ ނުވާނެ ! އެކަމު މީގެފަހުން ޓްއަރިޒަމް ރަގަޅުވިއަސް ހަމައެކަނި ޓްއަރިޒަމްއަށް ބަރޯސާވެގެން ތިބެވެން ނެއްކަން ، ރިސޯރޓްތަކުގައި މަސައްކަތް ކޮށްކޮށްތިއްބާ ވަޒީފާ ގެއްލުނު މީހުނަށް ވިސްނޭނެ ކަމަށް ހީކުރަން !