މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކަކާ ގުޅުން ހުރި ބައެއްގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައަކީ މިދިޔަ ޖެނުއަރީ މަހާއި ފެބްރުއަރީ މަހު، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނުގައި 10 ގެއަކާއި ވެހިކަލްތަކެއް ބަލައި ފާސްކޮށް ނުވަ ކިލޯގެ ހެރޮއިނާއި ހަތަރު ގްރާމް ކޮކެއިނާއި ގިނަ އަދަދެއްގެ ފައިސާ ފެނުނު މައްސަލައެވެ.

މި މައްސަލައިގައި ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ އަށް މީހެއްގެ މައްޗަށެވެ. އެ އަށް މީހުންނަކީ ގދ. ހޯޑެއްދޫ، އަލޯރާ އަރުޝަދު ހާލިދާއި ގދ. ހޯނޑެއްދޫ، ގުލޭނޫރެންމާގެ އަލީ ޒުބައިރާއި ގދ. ހޯނޑެއްދޫ، އިރުމަތީގެ އަޙްމަދު ސުނައިނާއި މއ. ވައިލެޓްމާގެ އަސްލަމް ނާޒިމާއި ލ. ކަލައިދޫ، މަތަރަސްމާގެ ހުސައިން ޒަހީނާއި ގދ. ހޯނޑެއްދޫ، މެޑްރިޓްހައުސް އަހްމަދު ގިޔާސް އާއި މ. ދާރުލްޤަރާރު އިސްމާޢީލް ވިޝާލް އާއި ޅ. ނައިފުރު، މިސްކިތްދޮށުގެ އަޙްމަދު އިމްސާހެވެ.

މި މީހުންގެ ތެރެއިން އަރުޝަދުގެ މައްޗަށް ކުރަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ. އަލީ ޒުބައިގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ ކުރާ އިރު، ސުނައިންގެ މައްޗަށް ކުރަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އާއި މަސްތުވާއެއްޗެއް ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ.

އަސްލަމްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާކުރާ އިރު، ޒަހީންގެ މައްޗަށް ކުރަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ. ގިޔާސްގެ މައްޗަށް ކުރަނީ ޑައިމޯފިން ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. ވިޝާލްގެ މައްޗަށް ކުރަނީ ޑައިމޯފިން ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ކެނެބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ. އަދި އިމްސާހުގެ މައްޗަށް ކުރަނީ ޑައިމޯފިން ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާގައި އެދިފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ލިބުނު ކަމަށް ތުހުމަތު ކުރެވޭ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނަގައި ދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލިކާ

    މާދަމަ ތި އެންމެން ދޫކޮށްލާނެ... މަ ގައުމުގަ ތިކަމެއް ނުހުއްޓުވޭނެ.

  2. ކޮރަލް

    އެސްޓް ވެސް ނަގަން ޖެހެ އެވެ.

  3. ތޮށަލިތަކުރު

    ކޮން ޝަރީޢަތެއް؟ ކޮން ހުކުމެއް؟ ހުކުމްކުރެވިދާނެ، ހައްޔަރުކުރެވިދާނެ، ކްލެމެންސީ ކިޔާ މާފައްކާ އެއްޗެއް އޮންނާނެ. އޭގެ ތެރެއަށް އެރޭއިރަށް ލޮދިހިކައެއްހެން ދޫވާނެ. މިރާއްޖޭގައި އޮތް އެންމެ ފައްކާ ވިޔަފާރި ހުއްޓުވައިގެން ވާކަށް ނޯންނާނެއެއްނު. މި ވިޔަފާރިއަކީ ފިހާރައެއް ބޭނުމެއް ނުވާ، ސޭޓެއް ބޭނުމެއް ނުވާ، ކަރަންޓަކަށް ފެނަކަށް ޚަރަދުކުރަން ނުޖެހޭ، ޖީއެސްޓީއެއް ދައްކަން ނުޖެހޭ، އިންކަމްޓެކްސް ފްރީ ވެފައި އޮތް ވިޔަފާރިއެއް. މިހާ ފައިދާ ބޮޑު ވިޔަފާރިއެއް ހުއްޓުވަން މީހުން ހައްޔަރުކުރާތީ ބޮޑު މަޖިލީހުގެ ބޮޑު ބޮސް އޮތީ ފުލުހުން ކުށްވެރިކޮށްފައި ހައްޔަރުކުރަން ޚަރަދުކުރާތީ ކަންބޮޑުވެފައި ނޫންތަ. އަނެއްކާ ބޮޑު ބޮސް އަންގާ ގޮތަކަށް ނޫންގޮތަކަށް ޝަރީޢަތެއް ހިންގައިފިތަ، އެ ބުނާ ސުލޫކީ މިންގަނޑަކަށް އެ ފަނޑިޔާރު ފެތިގެން، ކަނޑާ އެއްލާލީމާ ނިމުނީ ނޫންތަ! އެންމެން ގުޅިގެން އެންމެން މުއްސަދިވާ ވިޔަފާރިއާ ފުލުހުންވެސް ބެހެނީ ނޫސްތަކުގައި ސުރުޚީޖަހަން އެކަނި. ވަލްހަމްދުލިއްލާހި. ވައްސަލާމް. އަލިފު.ހާ.