ކޮވިޑް-19 ގެ ސަބަބުން ކަރަންޓީން ކޮށްފައިވާ މީހުންނާއި އައިސޮލޭޓް ކޮށްފައިވާ މީހުންނަށް ހިލޭ އިންޓަނެޓްގެ ހިދުމަތް ދިނުމަށް މުއާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް ސަރުކާރުން ހުށަހަޅައިފިއެވެ.

ކޮވިޑް-19 ގެ ސަބަބުން ކަރަންޓީން ކޮށްފައިވާ މީހުންނާއި އައިސޮލޭޓް ކޮށްފައިވާ މީހުންނަށް ހިލޭ އިންޓަނެޓްގެ ހިދުމަތް ދިނުމަށް މުއާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް ސަރުކާރުން ހުށަހަޅައިފިއެވެ.

ރައީސް އޮފީހުން މިއަދު ނެރެފައިވާ ބަޔާނުގައި ވިދާޅުވީ، ސަރުކާރާއި ސްކޫލްތައް ބަންދުކުރެއްވުމާއި، ޟަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނަށް އެންގެވުމަކީ، ކޯވިޑް-19 ބައްޔާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމާއެކު ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކެއް ކަމަށެވެ.

މި ދަނޑިވަޅުގައި ރައްޔިތުންނަށް ލުއިތަކެއް ހޯދައިދިނުމަށް ސަރުކާރުން ގެންދަނީ މަސައްކަތްތަކެއް ކުރަމުން ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ ތެރެއިން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަނީ މުއާޞަލާތީ ޚިދުމަތްތައްކާއި އިންޓަރނެޓުގެ ޚިދުމަތްތައް މެދުކެނޑުމެއްނެތި، އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް އެ ބަޔާނުގައި ވަނީ ހިމަނާފައެވެ.

އެގޮތުން މުވަސަލާތީ ހިދުމަތް ދެމުން އަންނަ ކުންފުނިތަކަށް ސަރުކާރުން ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމުގެ ދަށުން އެކަހެރިކޮށްފައިވާ (ކަރަންޓީން އަދި އައިސޮލޭޓް ކޮށްފައިވާ) މީހުންނަށް އެއްވެސް އަގަކާއި ނުލައި އިންޓަރނެޓުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހުށަހަޅާފައެވެ. އަދި ކޯވިޑް ޓާސްކްފޯސްގެ މަސައްކަތްތަކަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެން.އީ.އޯ.ސީ) އާއި އެ އިދާރާގެ ސެލްތަކަށް ބޭނުންވާ އިންޓަރނެޓުގެ ޚިދުމަތްތައް އެއްވެސް އަގަކާއި ނުލައި ފޯރުކޮށްދިނުންވެސް ވަނީ ހިމަނާފައެވެ.

މީގެ އިތުރުން މި ދަނޑިވަޅުގައި އިންޓަރނެޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަމަށް ބަލައި، "ޑޭޓާ ކެޕް" ނުވަތަ އިންޓަރނެޓު ޕެކޭޖްތަކުގައި ކަނޑައަޅާފައިވާ "ޑޭޓާ އެލަވަންސް" އިތުރުކޮށްދިނުމާއި، އެ ޕެކޭޖެއްގައި ކަނޑައަޅާފައިވާ ޑޭޓާގެ މިންވަރު ހަމަވުމުން އިތުރު ޑޭޓާއަށް އެދުމަށް ދޫކުރާ "ޑޭޓާ ބޫސްޓަރ" ޕެކޭޖުތަކުގެ އަގު ހެޔޮކޮށްދިނުމަށް ސަރުކާރުން ވަނީ އެ ކުންފުނިތަކަށް ހުށަހަޅާފައެވެ.

ސަރުކާރުން ވަނީ އެ ހުށަހެޅުމާއި އެއްގޮތަށް މުވާސަލާތީ ކުންފުނިތަކުން އަމަލުކޮށް، ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮރަލް

    އޮރިޔާން ސައިޓް ތަކަށް ނުވަދެވޭ ގޮތް ހަދާ ދިނުން އެދެމެވެ. ސައިޓް ތަކަށް ވަންނަ މީހުން ވ ގިނަ އެވެ.

    2
    1