ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ތިން މީހުނަށްވުރެ ގިނައިން މަގުމަތީގައި އެއްވެ އުޅުން މަނާކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ނެރުނު ބާޔާނެއްގައި ވިދާޅުވީ، މި ހިނގާ އޭޕްރީލް ދެވަނަ ދުވަހުގެ މެންދުރު 12:00 އިން ފެށިގެން މާލެއާއި، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭގޮތަށް ތިން މީހުނަށްވުރެ ގިނައިން މަގުމަތީގައި އެއްވެ އުޅުން މަނާކުރާ ކަމަށެވެ.

މީގެ އިތުރުން އެޗްޕީއޭ އިން ވަނީ މާލެ ސަރަހައްދު ކޮންމެ ދުވަހަކު ތިން ގަޑިއިރަށް ފުރަބަންދުކުރަން ނިންމާފައެވެ. އެގޮތުން އޭޕްރީލް ދެވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އާއި ހަމައަށް މާލޭގައި ބޭރަށް ނިކުމެ އުޅުން މަނާވާނެއެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓް ކަމަށްވާ ބަހާއި، ފެރީގެ ޙިދުމަތް ދިނުން މަނާވާނެއެވެ.

ތިން ގަޑިއިރަށް މާލެ ސަރަހައްދު ފުރަބަންދުކުރި ނަމަވެސް ސަލާމާތީ ބާރުތަކާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މުއައްޒަފުންނާއި، އެ މުއައްޒަފުން ދުއްވާ އުޅަނދުތަކާއި، ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކާއި އުޅަނދުތައް، ވޭސްޓް މެނޭޖްމެންޓް މުއައްޒަފުން އަދި އުޅަނދުތައް، އުރީދު، ދިރާގު، ބޭންކުތައް، އެސްޓީއޯ، ސްޓެކްލޯ، އެމްޑަބްލިޔުއެސްސީގެ ޔުނިފޯމު އެޅި ފަރާތްތަކާއި އެ ފަރާތްތައް ދުއްވާ އުޅަނދުތައް އިސްތިސްނާ ވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ދައުލަތުގެ ޖީ ބޯރޑު ޖެހި އުޅަނދުތަކާއި، ޑިޕްލޮމެޓިކް އުޅަނދުތަކާއި، އެމްބިޔުލާންސް، އެންއީއޯސީގެ ފާސް ލިބިފައިވާ އުޅަނދުތަކާއި، ފާމަސީ މުއައްޒަފުންނާއި އެމުއްޒަފުން ދުއްވާ އުޅަނދުތައް އަދި އެޗްޕީއޭއިން ދޫކޮށްފައިވާ ޚާއްސަ ސްޓިކާ ޖަހާފައިވާ އުޅަނދުތައްވެސް އިސްތިސްނާ ވާނެއެވެ.

އެޗްޕީއޭއިން މި ފިޔަވަޅުތައް އަޅާފައިމިވަނީ ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުން އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ވިދާޅުވެފައި ވަނިކޮށެވެ. އަދި ސަރުކާރު އޮފީސްތަކާއި، ސްކޫލުތައް އަދި ކޮލެޖުތައް އިތުރު އެއް ހަފްތާއަށް ބަންދުކުރުމަށް މިހާރު ވަނީ ނިންމާފައެވެ.

ރާއްޖެއިން މިހާތަނަށް 18 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެތެރޭގައި ތިން ދިވެއްސަކުވެސް ހިމެނެއެވެ.

މިހާތަނަށް ރާއްޖެއިން 1137 ސާމްޕަލް މި ބައްޔަށް ވަނީ ޓެސްޓުކޮށްފައެެވެ. އޭގެތެރެއިން 1114 ސާމްޕަލްއެއް ވަނީ ކޮވިޑް-19 އަށް ނައްސިވެފައެވެ. ކޮވިޑް-19 އަށް ޓެސްޓުކުރި 18 ސާމްޕަލެއް ފައްސިވެފައިވާއިރު، އަދި ނަތީޖާ ނުލިބި 5 ސާމްޕަލްއެއް އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ވިސްނާލުމަށް އެދެމޭ

  ވައިރަސް ބޭރުތެރޭގަ އުޅޭގަޑި ޗޕއ އަށް ހޯދުނީތަ... އިރުއޮއްސި 6 ކުން 8 ކަށް މިގަޑީގަ ބޭރަށް ނު ކުތުން މަނާވީ....އަނެއް ކާ ތިންމީހުންނަވުރެ ގިނަމީހުންގެ ގްރޫޕަ ކަށް އެޓޭ ކްދީފަ މަދުގްރޫޕެނަމަ އެޓޭ ކެނުދޭ...ޗޕއ ޓެގް ގްރޫޕު ގެންދަންވީނުން އެމެރި ކާއަށް.. މިހާމޮޅުބަޔަ ކު އެމެރި ކާގަ އުޅޭ ކޮވިޑް އަތުލާނެ..ރައްޔިތުންނަށްވާނެ ދައްޗެ ތަ ކުލީފެ ބަލާނެ ކަމެނެތް..ރާއްޖެތެރޭގަ މިހުރި ކުދިރައްތަ ކުގަ ކާޑުގެ ބާވަތްއެހާދަތި...ބޭހެއްނެތް ޑޮ ކްޓަރެނެތް...އިންޑިޔާގަ ކަމެ ކުރީމަ ހަމަ މިތާންގަ އެގޮތައް އެ ކަމެ ކުރަންޖެހޭތަ... ކޮވިޑް6 ކުން 8 ކަށް މަގުމަތީގައުޅެފަ އޭގެފަހުން ނިދަނީތަ...

  3
  6
 2. ހަތަރެތިން އެކަތި

  ތިޔަ އެންގުް އޮތްގޮތުން ހީވަނީ ކޮންމެ ހަތަރެތިން އެ ކަތީގަ ހެން ވައިރަސް ހުންނަނީ. ޢެއްފަހަރާ އެއްވާ 3 މީހުންގެ ތެރޭގައި ވައިރަސް ހުރި މީހަ ކު ނުހުނަނާނެ ކަމެއް ކިހިނަ ކުންތޯ އެނގެނީ؟

 3. ގުރާބުތުނޑި

  އެޗް.ޕީ.އޭ އަށް ސުކުރިއްޔާ.
  އަދި އަޑުގަދަ ވޯކުސޮޕު ތަކާއި ގަރާޖު ތައްވެސް އިރުއޮއްސޭ ގަޑިން އިރުއަރަންދެން މައިތިރި ކޮށްލަދީބަލަ. އަަދި މޭޔަރު ސިފާ ހުއްދަދީގެން ކުރުވާ ދަންވަރު މަގުކޮނުންވެސް ހުއްޓުވާލަދީ ބަލަ!

 4. ގިތް

  އެޗް.ޕީ.އޭ އަށް ސުކުރިއްޔާ.
  އަދި އަޑުގަދަ ވޯކުސޮޕު ތަކާއި ގަރާޖު ތައްވެސް އިރުއޮއްސޭ ގަޑިން އިރުއަރަންދެން މައިތިރި ކޮށްލަދީބަލަ. އަަދި މޭޔަރު ސިފާ ހުއްދަދީގެން ކުރުވާ ދަންވަރު މަގުކޮނުންވެސް ހުއްޓުވާލަދީ ބަލަ!
  އަދި ބަންގާޅީންގަނޑު ކޮންޓްރޯލް ކޮށްލަދީބަލަ!