ރާއްޖެއިންވެސް މިހާރު ފެނިފައިވާ ކޮވިޑް-19 އާ ގުޅިގެން މާލެސިޓީގައި ހިންގަމުންދާ މާރުކޭޓްތައް ހަވީރު 16:00 ގައި ބަންދު ކުރުމަށް މާލެ ސިޓީ ކައުންސިލުން އަންގައިފިއެވެ.

އެ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، ކޮވިޑް-19އާ ގުޅިގެން ހެލްތް ޕުރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ނެރުއްވާފައިވާ ޞިއްޙީ ކުއްލިނުރައްކަލުގެ ޙާލަތާ ގުޅިގެން މާލެސިޓީގައި ހިމެނޭ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މާރުކޭޓްތަކުން ޚިދުމަތް ދޭ ގަޑިތަކަށް މާދަމާއިން ފެށިގެން ބަދަލު ގެނެވިފައިވާ ކަމަށެވެ.

1 މާލޭ ލޯކަލްމާރުކޭޓް. ހެނދުނު 6:00 ން ހަވީރު 16:00 އަށް.

2. މާލޭ ދަތުރުވެރިންގެ މާރުކޭޓް. ހެނދުނު 6:00 ން ހަވީރު 16:00 އަށް.

3. މާލޭ މަސްމާރުކޭޓް . ހެނދުނު 6:00 ން ހަވީރު 16:00 އަށް

4. ވިލިމާލެ ލޯކަލްމާރުކޭޓް. ހެނދުނު 6:00 ން ހަވީރު 16:00 އަށް.

އެހެންކަމުން މާރުކޭޓު ގޮޅިތައް ހިންގާ ފަރާތް ތަކުންނާއި އަދި މާރުކޭޓުން ވިޔަފާރި ކުރާ ފަރާތްތަކުން މި ގަޑިތަކަށް އަމަލު ކުރުމަށް ވަނީ އެ ކައުންސިލުން އެދިފައެވެ.

އެ ކައުންސިލުން މާރުކޭޓް ގޮޅިތައް ހަވީރު 4 އަށް ބަންދު ކުރާ ގޮތަށް ހަދާފައިވާއިރު، މާލެ ސިޓީގައި 24 ގަޑިއިރު ހިދުމަތް ދޭ ފިހާރަތައް ރޭގަނޑު 11:00އަށް ބަންދު ކުރަން އެޗްޕީއޭއިން ވަނީ އަންގާފައެވެ. އަދި ކޮންމެ ދުވަހަކު ތިން ގަޑިއިރަށް މާލެ ސިޓީ ލޮކްޑައުން (ފުރަބަންދު) ކުރުމަށް ވަނީ ނިންމާފައެެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނީ މާރިޗް 12 ވަނަ ދުވަހުއެވެ.