ސަރުކާރުގެ އޮފީސްތައް، އިތުރު ހަފްތާއަކަށް ނުހުޅުވާ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން އިތުރު ހަފްތާއަކަށް ސަރުކާރުގެ އޮފީސްތައް ބަންދު ކުރަން ވަޒީރުންގެ މަޖިލީހުން ނިންމާފައިވާއިރު، އޮފީސްތައް ނުހުޅުވާ މުއްދަތުގެ ތެރޭގައި، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖައްސަވާ ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.

ރައީސް އޮފީހުން ވިދާޅުވީ، ސަރުކާރުގެ އޮފީސްތައް ހުޅުވުން އިތުރު އެއް ހަފްތާއަކަށް ފަސް ކުރަން ނިންމާފައި ވާނީ ކޮވިޑް-19 ދިވެހިރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް އުފައްދަވައިފައިވާ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ދެއްވައިފައިވާ ފަންނީ ލަފަޔާއި އިރުޝާދަށް ރިޢާޔަތް ކުރެއްވުމަށް ފަހު، ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެ މަޖިލިހުގެ މެންބަރުން ދެއްވައިފައިވާ ލަފާގެ މަތިން ކަމަށެވެ.

އަދި، ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ސަރުކާރުން އަޅުއްވައިފައިވާ، ފިޔަވަޅުތައް އެގޮތުގެ މަތިން ކުރިޔަށް ގެންދެވުމަށާއި، އޮފީސްތައް ނުހުޅުވާ މުއްދަތުގެ ތެރޭގައި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަން، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރު ކުރުމަށް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.
(ހ) ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ފާމަސީތަކުގެ ޚިދުމަތްތައް؛
(ށ) ފެނާއި، ކަރަންޓާއި، ނަރުދަމާގެ ޚިދުމަތް؛
(ނ) ބްރޯޑްކާސްޓިންގގެ ޚިދުމަތް؛
(ރ) ފޯނާއި އިންޓަރނެޓުގެ ޚިދުމަތް؛
(ބ) ބޭންކުތަކުން ދޭ ޚިދުމަތް؛
(ޅ) ކައްކާ ގޭހާއި ފިޔުލްގެ ޚިދުމަތް؛
(ކ) ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކާއި ވިޔަފާރި ބަނދަރުތަކުގެ ޚިދުމަތް؛
(އ) ކަސްޓަމްސްއާއި އިމިގްރޭޝަނާއި އޭވިއޭޝަން ކޮމާންޑުގެ ޚިދުމަތް؛
(ވ) ސިފައިންނާއި ފުލުހުންގެ ޚިދުމަތް؛
(މ) ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތް؛
(ފ) ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ޚިދުމަތާއި ކޯޓުތަކުގެ ޚިދުމަތް؛
(ދ) ޚާރިޖީ ގުޅުންތަކާބެހޭ ޚިދުމަތް؛
(ތ) އިޖުތިމާޢީ ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތް؛
(ލ) ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން މީހުންނާއި ކުދިން ބަލަހައްޓާ މަރުކަޒުތަކުން ދޭ ޚިދުމަތް؛
(ގ) ޖަލުތަކުގެ ޚިދުމަތް؛
(ޏ) ރަށް ކުނިކަހައި ބެލެހެއްޓުމުގެ ޚިދުމަތާއި، ކުނިނަގައި އުކައިލުމުގެ ޚިދުމަތް؛
(ސ) މޫސުމާބެހޭ ޚިދުމަތް.
އަދި އެ ޚިދުމަތްތައް ދިނުމުގެ އިންތިޒާމު ހަމަޖެއްސެވުމަށްޓަކައި އެ ކަމަށް ހާއްސަ މުވައްޒަފުން ނެރެ، އިތުރު މުވައްޒަފުން ނުނެރުމަށް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ. އަދު އޮފީސްތަކުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް، ކަމާބެހޭ މުވައްޒަފުން ގޭގައި ތިބެގެންކުރެވޭނެ އިންތިޒާމު އޮފީސްތަކުން ހަމަޖެއްސެވުމަށާއި، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރެއްވުމަށް އޮފީސް ހުޅުވަންޖެހިއްޖެ ހިނދެއްގައި، އޮފީސް ހުޅުވައިގެން، ވީހާވެސް މަދު މުވައްޒަފުން ނެރުއްވައިގެން އެ މަސައްކަތެއް ކުރެއްވުމަށް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.
މީގެ އިތުރުން، އޮފީސްތައް ނުހުޅުވާ މުއްދަތުގެ ތެރޭގައި ދައުލަތުގެ އިދާރާއަކުން ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ދިނުމަށްޓަކައި، އެ އިދާރާއެއްގެ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކުން ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމަށާއި، މުވައްޒަފުން ޟަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށާއި، މި މުއްދަތުގެ ތެރޭގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އަންގަވާ އެންގެވުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި، އެ އޭޖެންސީން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަލިބެ

    ސަރުކާރުގެ އޮފީސްތައް ނުހުޅުވިނަމަވެސް ގޭގައި ތިއްބަވައިގެން ރައްޔިތުން އެދޭ އެކިބާވަތުގެ ހުއްދަތަކާއި އެހެންވެސް އެބާވަތުގެ ކަންކަމަށްއެދޭ ފަރާތްތަކަށް އެފަދަ ހުއްދަތައް އޮންލައިންކޮށް ލިބޭގޮތަށް ހަމަޖެއްސުން ވަރަށް ރަނގަޅުވާނެކަމަށް ފެނޭ.

    25
  2. ގައިސަން

    ޔޫކޭއިން އަންނަ މީހުންނަށް އެކަނި ދޯ މިހާރު ޖެހެނީ ބަލި.ދެން އަހަރެމެން ބަންދުކޮށްގެން ކޮންކަމެއް ވާނީ އެމީހުން ރާއްޖެ ނާދެވޭގޮތް ހަދާބަލަ ، ރޯދަމަސް އަންނައިރުވެސް މިހާލަތެއްގަ ދާނީ

    12
    3
  3. ރ

    އެއްވެސް މީހަކައް އެނގޭތަ ފެމެލީ ކޯޓުގެ ހިދުމަތް ދޭގޮތް.އޮންލައިންކޮށް ލާ ރި ދައްކާ ގޮތް

  4. ޥިލާޔަތު

    ޕްރައިވެޓު އޮފިސްތަކުންވެސް ކޮންމެވެސްވަރަކަށް މިކަމަށް ސަމާލުކަންދީ ސްޓާފުން ކޮންމެދުވަހަކު ނުނެރި ވަގުތު ވެސް މަދުކުރަންޖެހޭ..

  5. ހަސިން

    ފެމިލީ ކޯޓް ނުހުޅުވިގެން މިުޅެނީ ކީއްވެބާ؟ފޯމް ތައް ހުށަހަޅާފަ ހުންނަތާ މަސް ދުވަސް ؟

  6. Anonymous

    ބޮޑު އަތޮޅެއްގެ ބޮޑު އާބާދީއެއް އޮންނަ ބަޔަކަށް ޚިދުމަތްދޭން ހުރި ގދ. ތިނަދޫ ޢަބަުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ޚިދުމަތް ލިބެނީ ހަފްތާއަކު 2 ދުވަހު. ގައްދޫ ފަދަ ކުޑަ އާބާދީއެއް އޮންނަ ރަށެއްގަ ވެސް ހެލްތް ސެންޓަރުގެ ޚިދުމަތް ލިބޭ 2 ދުވަހު...
    ފޮނުވެސް ކައުންޓަރުން ނަގަނީ މަދު ފަހަރަކު... އެހެންކަމުން އެހެން ރަށްރަށުގެ މީހުންނަށް އެޕޮއިންޓްމެންޓް ވެސް ލިބެނީ މަދުން. މިވެސް އިންސާފުދޯ
    މި ކޮމެންޓް ކެރޭނެބާ ޖަހާލަދޭން...

  7. ރަހުމާ

    ކައިވެނީ ގެ ކަންތަ ކިހިނެޓޯ އޮތީ؟. ފޯމުުލާ ރަޒިޝްޓީީ ފީީީވެސްްް ނިމިފަ ތިބިމީހުންް ގެއް؟މިހާރު ހަފްތާއެއް މިވީ ކައިވެނި ނުކުރެވިގެން އުޅޭތާ .