މިއަހަރު ދައުލަތުގެ ބަޖެޓުން 12 ބިލިއަން ރުފިޔާ ޑެފިސިޓް ވެދާނެ ކަމަށް ސަރުކާރުން ލަފާކޮށްފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ މިއަހަރު ބަޖެޓްގައި ގައުމީ އުފެއްދުންތެރިކަން 7.5 އިންސައްތަ ކުރިއަރާނެ ކަމަށް ލަފާކުރި ނަމަވެސް މިހާރުގެ ހާލަތާއި ގުޅިގެން ބަޖެޓްގެ އަންދާސާތައް ބަދަލުވެއްޖެ ކަމަށެވެ. ގައުމީ އުފެއްދުންތެރިކަން މިއަހަރު 5.5 އިންސައްތަ ދަށަށް ދާނެ ކަމަށް ނުވަތަ އެއަށްވުރެ ބޮޑަށް ދަށަށް ހިނގައިދާނެ ކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއަހަރު ފަތުރުވެރިން އަންނަ މިންވަރު މިދިޔަ އަހަރާއި ބަލާއިރު 50 އިންސައްތަ އާއި 30 އިންސައްތަ އާއި ދެމެދު އަދަދަކަށް ދަށަށް ދާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު ލަފާކުރެވޭ ގޮތުގައި ދައުލަތުގެ 30 ބިލިއަން ރުފިޔާގެ ބަޖެޓުން 12 ބިލިއަން ރުފިޔާ ބަޖެޓް ޑެފިސިޓް ވެދާނެ ކަމަށެވެ.

މިހާލަތުގައި ސަރުކާރުން ވަނީ ދައުލަތުން ކުރަމުންދާ ޚަރަދުތަކުގެ ތެރެއިން އެއް ބިލިޔަން ރުފިޔާ އުނިކުރަން ކުރިން ނިންމާފައި ކަމަށާއި ނަމަވެސް ކުރިއަށް އޮތްތަނުގައި އެއަށްވުރެ ގިނަ ފައިސާ ޚަރަދު ކުދަކޮށްގެން ސަލާމަތް ކުރަން މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިކަމުގެ އެންމެބޮޑު ބޭނުމަކީ އިޤްތިޞާދީ ގޮތުން ކުރިމަތިވާ ދަތިތަކުން އަރައިގަނެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުނަނުދީ ހިންގެވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕީއެސްއައިޕީގެ އެއްވެސް މަޝްރޫޢެއް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ސަރުކާރުންވަނީ ނިންމަވާފައި ކަމަށް މިރޭ ވެސް ތަކުރާރުކޮށް މިނިސްޓަރ ވިދާޅުވިއެވެ.

"ސަރުކާރަށް އާމްދަނީ މަދުވެގެން 12 ބިލިއަން ރުފިޔާ ގެއްލިގެންދާނެ. އެ ފައިސާ ސަރުކާރުތަކުން ވެސް ހޯދަން އެބަ މަސައްކަތް ކުރަން. ބައިލެޓަރަލްކޮށް ވެސް އެބަ ވާހަކަ ދައްކަން. ގައުމުތަކާއި އެބަ ވާހަކަދައްކަން. ބަޖެޓްގައި ހިމެނޭ 150 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިން މިހާރު ވެސް އަޅުގަނޑުމެންނަށް ވަނީ 50 މިލިއަން ޑޮލަރު ލިބިފައި." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ މިއީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ކާރިސާއެއް ކަމަށްވުމުން މި ކަމުން އަރައިގަންނަން ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.