ދަރިންނަކީ މާތްﷲ އިންސާނުންނަށް ދުނިޔެމަތީގައި ދެއްވާ އެންމެ ބޮޑު ނިޢުމަތް އަދި ނަސީބެވެ. ދަރިންގެ ސަބަބުން އާއިލީ ދިރިއުޅުން ބާއްޖަވެރިވެ ހަޔާތަށް އުފާވެރިކަން ގެނުވާއިރު، އެއާއެކު ބައެއް ފަހަރު މައިންބަފައިންނަށް ދުނިޔެމަތީގައި ކުރިމަތިވާ އިމްތިހާނަކަށް ވެސް ދަރިން ވެގެން ދެއެވެ. ބައެއް ފަރާތްތަކަށް ކުރިމަތިވާ އިމްތިހާނުތައް އަނެއްބައި ފަރާތްތަކަށް ކުރިމަތިވާ އިމްތިހާނުތަކަށް ވުރެ ބޮޑުވެފައި އުނދަގުލެވެ.

ލ.ގަން، ތުނޑި، ޒިރްކޮން އުމުރުން 10 އަހަރުގެ ހައްވާ ޝަނުމް ހަލީލް އަކީ އުފެދުމުގައި ނުކުޅެދުންތެރިކަން ހުންނަ ކުއްޖެކެވެ. ޝަނުމްގެ ނުކުޅެދުންތެރިކަމުގެ ސަބަބުން އޭނާގެ އާންމު ދިރިއުޅުމަށާއި ސިއްހަތަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ޝަނުން މިހާރު އޮތް ހާލަތުން އެއަށް ވުރެ ރަނގަޅު ހާލަތަކަށް ގެންދިއުމަށް ބޭނުންވާ ފަރުވާ ހޯދުމަށް ކެތްތެރިކަމާއި ހިތްވަރުގަދަކަމާއެކު މަސައްކަތް ކުރުން ވެފައި ވަނީ އޭނާގެ މައިންބަފައިންނަށް ކުރިމަތިވެފައިވާ ބޮޑު އިމްތިހާނަށެވެ. ޝަނުމްގެ ހާލަތާއި، އޭނާގެ ސިއްހީ މައްސަލަތަކުގެ ތަފްސީލާއި އެ މައްސަލަތައް ހައްލު ކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ވާހަކަ ޝަނުމްގެ މަންމަ ޒައިނަބު އަހްމަދު ވަނީ "ވަގުތު އެހީ" އާއި ހިއްސާ ކޮށްފައެވެ.

ޝަނުމްއަކީ ވިހެއުމުގެ ތެރޭގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން "ސެރެބްރަލް ޕަލްސީ" ނަމަކަށް ކިޔާ ބައްޔެއް ޖެހިފައިވާ ކުއްޖެކެވެ. އެ ބަލީގެ ސަބަބުން އާދައިގެ މީހުންނަށް ހަރަކާތްތެރިވެ އުޅެވޭ ގޮތައް ހަރަކާތްތެރިވުމުގެ ނަސީބު ޝަނުމްއަށް ލިބިފައެއް ނުވެއެވެ. "އެ ކުއްޖާ އަށް ނުވެއް ހިނގޭ، ވާހަކައެއް ނުދެއްކޭ، ނުއެއް އިށީނދެވޭ." ޝަނުމްގެ މަންމަ ކިޔައިދިނެވެ.

"ލޭ ލީކުވަނީ ހަށިގަނޑު ތެރެއަށް. ބޮޑުކަމު ދިއުމުގައި ވެސް ހިފެހެއްޓުމެއް ނުވޭ. އުފެދުމުގައި ވެސް ފުރަގަސް ފަރާތް ނެތް ކުއްޖެއް." މަންމަ ބުންޏެވެ.

ބޮޑުކަމުދިއުމަށް ބޭނުންކުރާނެ ފުރަގަސްފަރާތަކާއި ނުލައި އުފަންވި ޝަނުމްގެ ހަށިގަނޑުން ބޮޑުކަމުދާ ތަކެތި އެންމެ ފުރަތަމަ ބޭރު ކުރީ ޑޮކްޓަރުން އޭނާގެ ހަށިގަނޑުން ގޮހޮރުތައް ބޭރުކޮށްގެންނެވެ. އޭގެ ފަހުން އޮޕަރޭޝަން ކޮށްގެން ގޮހޮރުތައް އަނެއްކާވެސް ހަށިގަނޑުގެ ތެރެއަށް އެތެރެ ކުރިއެވެ. އަދި ބޮޑުކަމުދާ ތަކެތި ބޭރުކުރަން ފުރަގަސް ފަރާތެއް އުފެއްދުމަށް ޑޮކްޓަރުން މަސައްކަތް ކުރިއެވެ. ނަމަވެސް އެފަހަރު އޮޕަރޭޝަންގައި ޑޮކްޓަރުންނަށް ޝަނުމްގެ ހަށިގަނޑުގައި ފުރަގަސް ފަރާތެއް އުފެއްދުނީ އެންމެ ރަނގަޅަކަށް ނޫނެވެ. އެހެންކަމުން އަނެއްކާވެސް އޮޕަރޭޝަން ކޮށްގެން އެތަން ރަނގަޅު ކުރިއެވެ.

ނަމަވެސް އެ އޮޕަރޭޝަނަށް ފަހުވެސް ދާއިމީ ހައްލެއް ލިބޭގޮތް ވަނީ ނުވެފައެވެ. "އެކަންތައް ވެސް އެއްކޮށް ރަނގަޅެއް ނޫން. ހިފެހެއްޓުމެއް ނުހުންނާތީވެ." ޒައިނަބު ބުންޏެވެ. އޭނާ ބުނީ މީގެ ހައެއްކަ މަސް ކުރިން އިންޑިއާއަށް ގޮސް ހެދި ޓެސްޓުތަކުގެ ނަތީޖާއިން، ޝަނުމްގެ ބަނޑުތެރެރޭގައި ކުޑައިރުއްސުރެ ހަރުލާފައި ހުރި ބޮޑުކަމުދާ ތަކެތި އަދިވެސް ހަރުލާފައި ހުރިކަން އެނގުނެ ކަމަށެވެ. އެއާއެކު އެކަން ރަނގަޅު ކުރަން ޝަނުމްއަށް ބޭސް ދޭން ފެށިއެވެ. ޝަނުމްގެ ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދުމަށް އޭރުވެސް މިހާރުވެސް ބޭސް ދެމުން ދާއިރު ވެސް އަދި ޝަނުމްއަށް ކާން ދިނުން ވެސް އެއީ ވަރަށް އުނދަގުލުން ކުރެވޭ ކަމެކެވެ.

"ވަރަށް އުނދަގުލުން ކާން ދެވެނީ. ތިން ހަތަރު ގަޑިރު އިނދެގެން އެއްޗެއް ދެވޭ ގޮތް ވަނީ. އެ ކުއްޖާއަށް ވޭން އަޅާތީވެ." ޒައިނަބު ބުންޏެވެ.

ޑޮކްޓަރުން މިގެ ކުރިން ވިދާޅުވެފައި ވަނީ އެކަށީގެންވާ ފަރުވާ ދެވިއްޖެނަމަ ޝަނުމްއަށް އަމިއްލައަށް ހިނގައި ބިނގައި އުޅެވޭ ވަރު ވާނެ ކަމަށެވެ. އަދި އަމިއްލައަށް ދިރިއުޅުމުގެ އާދައިގެ ކަންތައްތައް ކުރެވޭ ވަރުވާނެ ކަމަށެވެ. އާއިލާއިން މިހާރު ބޭނުންވަނީ ޝަނުމްއަށް ފަރުވާދީ އޭނާއަށް އަމިއްލައަށް އުޅެވޭ ވަރު ކުރާށެވެ. އެއީ ޝަނުމްގެ އުމުރުން ދުވަސްވާވަރަކަށް އޭނާ އެއްތަނުން އަނެއް ތަނަށް ގެންދިއުން ފަދަ ކަންތައްތައް ކުރުމަށް އުނދަގޫ ވާތިއެވެ.

"އުމުރުން ދުވަސްވާވަރަކަށް އަތްމަތީގައި ގެންގުޅެންވެސް ވަރަށް ދަތިވޭ." ޒައިނަބު ބުންޏެވެ.

ނަމަވެސް ފަރުވާ ހޯދުމަށް ގިނަ ގޮންޖެހުންތަކާ ވަނީ ކުރިމަތިވެފައެވެ. ފަރުވާ ހޯދުމަށް އިންޑިއާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުގައި އެތައް މަހެއް ވަންދެން މަޑުކުރަން ޖެހޭ އިރު، ފަރުވާ ހޯދުމަށާއި އެވަރުގެ ދަތުރެއް ކުރުމުގެ މާލީ ގާބިލުކަން އާއިލާގައި ނެތެވެ. އާސަންދައިގެ ފަރާތުން ވެސް ޝަނުމް އަށް މިހާރު އެހީ ލިބޭ ގޮތް ވަނީ ނުވެފައެވެ. ނަމަވެސް ކުރިން ވަނީ އާސަންދަ އިން އެހީ ލިބިފައެވެ.

އެހެންކަމުން، މިހާރު ޝަނުމްގެ މަންމަ ޒައިނަބު ހުރީ، ގޮތް ހުސްވެފައެވެ. އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ މީހެއްގެ އިންތިޒާރުގައެވެ. ލޯބިވާ ދަރިފުޅަށް ކިރިޔާ ވެސް އާދައިގެ ދިރިއުޅުމެއް އުޅެވުމުގެ ފުރުސަތު އޮތް ނަމަ އެކަން ކުރުމަށް އޭނާ ހުރީ ކެތްމަދުވެފައެވެ. ޝަނުމްގެ ބަލި ހާލަތާއި ބެހޭގޮތުން އިތުރު މައުލޫމާތު އޮޅުންފިލުވަން ބޭނުންވާ ފަރާތްތަކުން ޝަނުމްގެ ދައްތަ ފާތިމަތު ޝިފާޒާގެ ފޯން ނަމްބަރު 9116956 އަށް ގުޅުއްވައިގެން މަޢުލޫމާތު ހޯއްދެވުން އެދެމެވެ. އަދި ފައިސާގެ އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކުން ޝަނުމްގެ މަންނަ ޒައިނަބު އަހްމަދުގެ ބޭންކް އެކައުންޓް ނަމްބަރު 7730000181006 އަށް ފައިސާ ޖަމާކޮށްދިނުމަށް އެދެމެވެ.

މާތް ﷲ ޝަނުމްއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އަދި އަޅަމެންނީ އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކު ކަމުގައި ލައްވައި މުޅި އިސްލާމީ އުންމަތް ބަލިމަޑުކަމާއި ނުރައްކާތެރި ރޯގާތަކުން މިންޖުކުރައްވާށިއެވެ. އާމީން!

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަރިޔަމް

    މިފަަދަ ކުދިންނަށް އާސަންދައިން އެހީ ނުދޭތީ ހަމަ ހައިރާންވޭ.

  2. ޙ

    އިންޑިޔާގެ ކޮއިންޕަތޫރު ހޮސްޕިޓަލް އަކީ ވަރަށް ރަނގަޅު ތަނެއް.

  3. ޙަޤީޤަތް

    މިފަަދަ ކުދިންނަށް އާސަންދައިން އެހީ ނުދޭތީ ހަމަ ހައިރާންވޭ.