ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ރޯގާއާ ހެދި މި އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތް ކެންސަލް ކުރަން ނިންމައިފި އެވެ.

އަހަރުގެ ތިންވަނަ ގްރޭންޑް ސްލޭމް ކެންސަލް ކުރަން ނިންމީ ވިމްބަލްޑަން އިންތިޒާމު ކުރާ އޯލް އިންގްލެންޑުގެ ބޯޑުން ރޭ ބޭއްވި ކުއްލި ބައްދަލުވުމެއްގައެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު ވިމްބަލްޑަން ނުބާއްވަން ނިންމި ފުރަތަމަ ފަހަރެވެ. މިއަހަރުގެ މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައި އޮތީ ޖޫން މަހުގެ 29 އިން ޖުލައި މަހުގެ 12 އަށެވެ.

ވިމްބަލްޑަންގެ އެންމެ ފަހުގެ ފިރިހެން ސިންގަލްސް ޗެމްޕިއަނަކީ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗް އެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ޖޮކޮވިޗް ވަނީ މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ސްވިޓްޒަލެންޑުގެ ރޮޖާ ފެޑެރާގެ މައްޗަށް 3-2 ސެޓުން ކުރިހޯދައިފައެވެ. އަނެއްކޮޅުން ސީދާ 2 ސެޓުން އެމެރިކާގެ ސެރީނާ ވިލިއަމްސް ބަލިކުރުމަށްފަހު އަންހެން ބައިގެ ޗެމްޕިއަންކަން އެންމެ ފަހުން ހޯދީ ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި މިވަގުތު އޮތް ރޫމޭނިއާގެ ސިމޯނާ ހަލެޕް އެވެ.

ވިމްބަލްޑަން ކެންސަލް ކުރަން ނިންމިއިރު އަހަރުގެ ދެވަނަ ގްރޭންޑް ސްލޭމް ކަމަށްވާ ރޮލަންޑް ގެރޮސް ނުވަތަ ފްރެންޗް އޯޕަން ވަނީ މި އަހަރުގެ ފަހުކޮޅަށް ފަސްކޮށްފައެވެ. ކްލޭ ކޯޓުގައި ކުޅޭ މި މުބާރާތް ބާއްވަން ކުރިން ތާވަލުކޮށްފައި އޮތީ މެއި މަހުގެ 24 އިން ޖޫން މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. ކަލަންޑަރަށް ގެނައި ބަދަލުތަކާއެކު މި އަހަރުގެ ފްރެންޗް އޯޕެން ބާއްވަން އޭޓީޕީ އިން މިހާރު ނިންމާފައިވަނީ އަންނަ އޮގަސްޓް މަހުގެ 20 އިން އޮކްޓޯބަރު މަހުގެ 4 އަށެވެ.

މި އަހަރުގެ ކުރީކޮޅު ޗައިނާއިން އިން ފެތުރެން ފެށި ކޮރޯނާ ވައިރަސް މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމަކަށް ބަދަލުވެފައި ވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ހާމަކޮށްފައިވާއިރު މި ވައިރަހުގެ ސަބަބުން އެހެން ކުޅިވަރުތަކެކޭ އެއްފަދައިން ޓެނިހުގެ ހަރަކާތްތައްވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ.