ރާއްޖެ އިން ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެނިފައިވާތީ ފަސްކުރަން ޖެހުނު ލޯކަލް ކައުންސިލާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބު އަންނަ ޖެނުއަރީ 6 ގައި ބާއްވަން ސަރުކާރުން ހެދި ބިލް ރައްޔިތުންގެ މަޖިލިހަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، މަޖިލިހުގެ ޖަލްސާ ނިންމަވާލައްވަމުން އިއްޔެ ވިދާޅުވީ ލޯކަލް ކައުންސިލް އިންތޚާބު ފަސް ކުރުމާ ގުޅޭ ބިލް މަޖިލިހަށް ލިބިފައިވާ ކަމަށެވެ. އެކަމަކު، އެ ބިލަށް ބަހުސް ކުރަން ފަށާނެ ތާރީހެއް ރައީސް ނަޝީދު ވިދާޅެއް ނުވެއެވެ.

ބެލެވޭ ގޮތުގައި އަންނަ ހަފްތާގައި މި ބިލްގެ ފުރަތަމަ ކިޔުން އިއްވައި، ބަހުސްގެ މަރުހަލާ ފެށޭނެ ކަމަށް ބެލެވެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެންމެ ފުރަތަމަ ނިންމާފައި އޮތީ ލޯކަލް ކައުންސިލް އިންތިޚާބުު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށެވެ. އޭގެ ފަހުން، އަދި ކޮވިޑް-19 އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު އަންނަ މަހުގެ 18 ވަނަ ދުވަހަށް ފަސް ކުރަން އީސީން ނިންމިއެވެ.

މީގެއިތުރުން އިންތިޚާބު ބާއްވާ ތާރީޚް ފަސްކުރުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް އީސީން ހުށަހެޅިއެވެ. އެކަމަކު، މި މައްސަލައަށް އަވަސް ހައްލެއް ހޯދައި ދިނުމަށް ރައްޔިތުންގެ މަޖިލިހުން ތައްޔާރަށް އޮތުމާ ގުޅިގެން ސުޕްރީމް ކޯޓަށް އީސީން ހުށަހެޅި މައްސަލަ އަނބުރާ ގެންދިޔައީއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި އެޓާނީ ޖެނެރަލް އޮފީހުން "ކައުންސިލް އިންތިޚާބުގެ ޚާއްސަ ގާނޫނު"ގެ ނަމުގައި ބިލެއް ވަނީ އެކުލަވާލައިފައެވެ.

މި ބިލްގެ މަގްސަދަކީ، މިހާރު އަމަލުކުރަމުން އަންނަ ގާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ތާރިޚްގައި ނުބޭއްވޭނެތީ އެކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ހުށަހަޅާ ބިލެކެވެ. އެ ބިލްގައިވާ ގޮތުން އިންތިޚާބަށް އަލުން ހުޅުވާނުލައި ކުރިއަށް ގެންދާނީ މިހާރު ކުރިމަތިލާފައިވާ ކެންޑިޑޭޓުންނާ އެކުގައެވެ. އަދި އީސީގެ މަސައްކަތްތައް މިހާރު ހުއްޓިފައިވާ ހިސާބުން ފަށަން ޖެހޭނެ ކަމަށް ބިލްގައި ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކުރަން އެދެން ޖެހުނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހާލަތާއި ދުނިޔޭގެ ހާލަތު ވެސް އަންދާޒާ ކުރަން ނޭނގޭ ގޮތަށް ބަދަލުވަމުންދާތީ ކަމަށެވެ. އަދި މީހުން އެއްވެ ނޫޅުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން އެންގި އެންގުމަށް ތަބާވުމުގެ ބޭނުމުގައި ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބަށް ކުރިމަތިލާން ހުޅުވާލުމާ އެކު ގިނަ ބަޔަކު ފޯމު ހުށަހެޅިއެވެ.

އިންތިޚާބުގައި، ސިޓީ ކައުންސިލްތައް ހިމެނޭ ގޮތުން 982 ކައުންސިލަރުން އިންތިޚާބުކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑަކައިތި

    ތިއީ މިހާރު ޑަސްބިނަށް ލާފައޮތް ކުނިގަނޑެއް ހަދާންނައްތާލާ ރީދޫ މީހުންގެ ކެނެރީގޭ ކޮވިޑްބުއްޅަބެ ކިތަންވެވަރަކަށްވިޔަސް ތިކަމެއް ދެނެއްނުވާނެ

  2. ހިސާން

    ‎އިންތިޚާބު ފަސްކުރުން ރަނގަޅު. އެކަމަކު އެކަން ކުރަންވާނީ ޤާނޫނީ މައްސަލަތަކެއް ކުރިމަތި ނުވާނެ ގޮތަކަށް. މިހާރުގެ ހާލަތާ ގުޅިގެން ގިނަ ކަންތައްތަކެއް ބަދަލުވާނެ. 18 އަހަރު ފުރިގެން ކުރިމަތިލާން ބޭނުންވާ މީހުންވެސް ތިބޭނެ. މިހާރުގެ ހާލަތާ ގުޅިގެން ދިރިއުޅުން ރަށަށް ބަދަލުކުރާ މީހުންވެސް ވަރަށް ގިނަ. އެމީހުންގެ ތެރޭގައިވެސް ތިބޭނެ ކުރިމަތިލާން ބޭނުންވާ މީހުން. އަދި ކުރިމަތިލާން ބޭނުން ނުވާ މީހުންވެސް ތިބޭނެ. އެ ފުރުސަތު އެމީހުންނަށް އޮންނަންވާނެ