ރާއްޖެ އައުމުން ކަރަންޓީން ކޮށްފައި ތިބި 49 މީހަކު 14 ދުވަސް ހަމަ ކުރުމުން އެމީހުންގެ ޓެސްޓް މިހާރު ހަދާފައިވާ ކަމަށާއި އެމީހުންގެ ނަތީޖާ ނައްސި (ނެގެޓިވް) ވެއްޖެނަމަ މާދަމާ އެންމެން ދޫކޮށްލާނެ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ މަބްރޫކް އަޒީޒް ވިދާޅުވީ އެމީހުން ދޫކޮށްލުމުން މާލެ ގެންނާނެ ސަރަހައްދެއް އާއިލާ ތަކަށް އަންގާނެ ކަމަށެވެ.

"މާދަމާ، ރާއްޖޭގައި ކަރަންޓީން ފެސިލިޓީތަކުގައި ތިބި ބަޔަކު ދޫކޮށްލެވޭނެ. އެފަދަ 49 މީހެއްގެ ޓެސްޓް ވަނީ ހެދިފައި. އަދި އެމީހުންގެ ސާމްޕަލް މާތްﷲ ގެ އިރާދަފުޅާއި އެކު ނެގެޓިވް ކަމުގައިވާނަމަ މާދަމާ ދޫކޮށްލާ ގޮތަކަށް ހަމަޖައްސާފައި ވަނީ. މިކަމާ ގުޅިގެން އަޅުގަނޑުމެންގެ އިލްތިމާސްއަކީ އެ މީހުން ބަލާ އެކަކަށްވުރެ ގިނަ މީހުން ނުދިއުން. އަދި އެތަން ތޮއްޖެހިފައި އޮންނަ ތަނެއްގެ ގޮތުގައި ނުބޭއްވުން." މަބުރޫކް ވިދާޅުވި އެވެ.

ކަރަންޓީން ފެސިލިޓީތަކުގައި މިހާރު 881 މީހަކު އެބަތިއްބެވެ، އަދި އައިސޮލޭޝަންގައި ތިބީ 11 މީހުންނެވެ. މި 11 މީހުންވެސް އައިސޮލޭޓްކޮށްފައި ވަނީ ވެލިދޫ ރިސޯޓްގަ އެވެ.

މިހާތަނަށް ރާއްޖޭގައި 19 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވެ އެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެފައި ވެއެވެ. އަދި ދެމީހަކު ވަނީ ބަލި ޖެހިފައި ތިއްބާ ރާއްޖެ އިން ފުރައިގެން ގޮސްފައެވެ. މިހާރު ފަރުވާދެމުން ދަނީ ހަތަރު މީހަކަށެވެ. އެއީ، އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެހިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލުބާނު

    ދޫކުރަންޏާ ވަރަށް ދިރާސާކޮށްފަ ތިކަންކުރޭ ފަހުން އަލާމާތެއް ފެނިގެން ކޮވިޑް19 ޕޮޒޮޓިވް ވެއްޖިއްޔާ މާލެ އިޓަލީއަށް ވާނެކަންހަދާންކުރާތި..