ކޮވިޑް-19 އާ ގުޅިގެން ކ. މާފުށީގައި މޫދަށް އެރުމާއި މަސް ދަތުރު ދިއުން ފަދަ ބައެއް ކަންކަން އެ ރަށު ކައުންސިލުން މަނާކޮށްފިއެވެ.

މާފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 ގެ ނުރައްކާތެރިކަން ކުރިއަށް އޮތް ދެ ހަފްތާގައި ރާއްޖޭގައި އިތުރަށް ބޮޑުވާނެ ކަމަށް ސިއްހީ މާހިރުން ބުނަމުންދާތީ އެ ރަށުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން ވަރުގަދަކޮށްފައިވާ ކަމަށެވެ. އެގޮތަށް ނިންމީ އެ ރަށުގައި ގާއިމުކޮށްފައިވާ ޓާސްކް ފޯހާ މަޝްވަރާކޮށްފައެވެ.

އެގޮތުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި އާންމުން އެއްވެ އުޅޭ ފިނި މައިޒާންތަކާއި ޕާކްތަކަށް ރައްޔިތުން ނުކުތުމާއި އެއްވެސް ގޮތަކަށް މޫދަށް އެރުމާއި މަޖާ ކުރުމުގެ ގޮތުން މަސް ދަތުރު ދިއުން ވެސް މަނާ ކުރިއެވެ. އަދި ގެއިން ބޭރުގައި ގްރޫޕް ކެއުންތައް ބޭއްވުމާއި ބާބަކިއު ހެދުމާއި ފުޓްސަލް ދަނޑާއި ބޯޅަ ދަނޑުގައި ކުޅުން ވެސް މަނާ ކުރިއެވެ.

އެބަޔާނުގައި ބުނި ގޮތުގައި އެ ގޮތަށް މަނާ ކުރީ މިއަދުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

މާފުށީ ކައުންސިލުން ވަނީ އެ ރަށުގެ އެންމެންވެސް ރައްކާތެރިކަމުގެ ގޮތުން ފަރުދީ ޒިންމާ އަދާކޮށް މި އެންގުމާއި އެއްގޮތަށް އަމަލު ކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި މި އެންގުމާއި ހިލާފުވާ މީހުނަށް ކަމާ ބެހޭ މުއައްސަސާތައް މެދުވެރިކޮށް ނަސޭހަތް ދޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

މާފުއްޓަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަަކުރުމަށް ގޮސް އުޅޭ ރަށެކެވެ. އެކަމަކު، މިހާރު އެ ރަށުގައި ފަތުރުވެރިން ވަރަށް ބޮޑަށް މަދުވެއްޖެއެވެ.