ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާ ގުޅިގެން މިހާރު އާންމުވެފައިވާ ދިރާސާއެއްގައި އެ ވައިރަސް ވައިގެ ތެރޭގައި ވެސް އުޅެދާނެތީ އާއި ނޭވާލާއިރު އެ ވައިރަސް ޖެހިދާނެތީ ފޮތި މާސްކް އަޅަން އައިޖީއެމްއެޗްގެ ޑޮކްޓަރަކު މިއަދު އެދިވަޑައިގެންފިއެވެ.

މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ނައިބު ރައީސް ކަން ވެސް ކުރައްވާ ޑރ. މުހައްމަދު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވައިރަސް ވައިގެ ތެރޭގައި ވެސް އުޅެދާނެ ކަމަށް ދާދި ފަހުން ހެދި ދިރާސާއަކުން ސާފުވެފައިވާ ކަމަށެވެ. އެހެންވެ، ނޭވާލާ އިރު ވެސް އެ ވައިރަސް ޖެހިދާނެ ކަމަށް އޭނާ ވިދާޅުވއެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވި ގޮތުގައި މީގެކުރިން އަޑު އިވިފައި އޮންނަ ގޮތުން ކޮވިޑް-19 ފެތުރެނީ ކެއްސާ ކިނބިހި އަޅާއިރު، ނުވަތަ ބަލި މީހަކު ހުރެފައިދާ ތަނަކުންނެވެ. އެކަމަކު ދާދި ފަހުން ހެދި ދިރާސާ އިން މި ވައިރަސް ވައިގެ ތެރޭގައި އުޅޭ ކަމަށް ވެސް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

ހޯލްވޭއި ތަކުން ނަގާފައިވާ ސާމްޕަލްތަކުގެ 66.7 އިންސައްތަ ދައްކާ ގޮތުން ވައިރަސް ހިމެނޭހެން ލޮލަށް ނުފެންނަ ޖަރާސީމު އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރެއެވެ. މިގޮތަށް އެއްތަނުން އަނެއް ތަނަށް މިވައިރަސް ދަތުރުކޮށްފައިވަނީ ބަލި ޖެހިފައިވާ މީހަކު އޮތް ތަނަކުންނެވެ. އަދި މި ސާމްޕަލްތައް ޓެސްޓް ކުރި އިރު އޭގައި ނުރައްކާތެރި މި ވައިރަސް ހުއްޓެވެ.

މި ދިރާސާއިން ބުނެފައިވަނީ ވައިރަސް ޖެހިފައިވާ މީހެއްގެ ކިބައިން ވައިގެ ތެރޭގައި ވައިރަސް ހުރެގެން އެހެން މީހުންގެ ގަޔަށް ފެތުރެނޭ ކަމަށެވެ. އަދި އެމީހަކު ހުރި ތަނެއްގައި ވައިރަސް ގަޑިއިރުން ފަށައިގެން ދެ ދުވަހާއި ހަމައަށް ހުންނާނެ ކަމަށެވެ.

ޑރ. މުހައްމަދު އަލީ ވަނީ ބޭރަށް ނިކުންނައިރު ހުރިހާ ފަރާތްތަކުން ވެސް ފޮތި މާސްކު އަޅައިގެން ރަނގަޅަށް މޫނު ނިވާ ކުރުމަށް އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް މިހާތަނަށް 19 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން 13 މީހަކު މިބަލިން ވަނީ ރަނގަޅުވެފައެވެ. އަދި އޭގެތެރެއިން ބައްޔަށް ފަރުވާ ދެމުން އަންނަނީ ހަތަރު މީހަކަށެވެ. އެ ހަތަރު މީހުންނަކީ ދިވެހިންނެވެ. ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ އެ ހަތަރު ދިވެހިންގެ ހާލަތުވެސް ރަނގަޅު ކަމަށެވެ.

ޗައިނާގެ ވުހާން ސިޓީން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފެނިފައިވާ މި ވައިރަސް މިހާތަނަށް ދުނިޔޭގެ 205 ގައުމަކާއި ހިސާބަކަށް ފެތުރިފައިވާއިރު މި ބަލި ޖެހިގެން މިލިއަނަކަށްތުރެ ގިނަ މީހުން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި 60,115 މީހަކު މަރުވެފައިވާއިރު، 234,023 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަސް

    މޫނުބުރުގާ ޝަރުޢުކުރެއްވީ އަންހެން ކަނބަލުންގެ ރައްކާތެރިކަމަށް

    18
  2. އެމަންޖެ

    ނޫނޭ ކަލޭމެން ބުނޭ އާމު ރައްޔިތުން މާސްކު އަޅާނެ ކަމެއްނެތޭ...ހަމަ އެކަނި ބަލިޖެހިފަ ތިބޭ މީހުން އެޅީމަ ފުދޭނޭ.

    15
    1
  3. ޜައްޔިތު މީހާ

    ފޮތި މާސް.ކު ! ފޮތިމާސް ކު! މިމެޑިކަލްމާސްކުކަމުނުދަނީތޯ!ތިބުނާފަށަލަހުންނާނީއެމާސްކުގައޭތިބުނުއްވަނީ ! މެޑިކަލްމާސްކުއެޅުމުންގެއްލުމެއްލިބެނީތޯސުވާލަކީ! ނޫންނަމައެވަރަށްމެޑިކަލްމާސްކުއެސްޓީއޯއިންނުލިބޭނީތޯ ! ؟

    • ޢަހްމަދު

      ޢެވަރަށް ނެތީ. ޢެއެއަޗެހި ސިއްހީމީހުންނަށް ރިސާވް. ސިއްހީމީހުން ސަލާމަތުން ހުރީމަދޯ އެހެން މީހަކަށް ފަރުވާދެވެނީ. ބާމު ލައިގެން މިއެއް ރަނގަޅެއް ނުވެޔޯ

  4. ބްރޯ

    ފޮތި މާސްކް ލިބެން ހުރީ ކޮންތާކު ؟