ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވެ އިޤްތިސާދު ރަނގަޅުކުރުމުގެ ގޮތުން ހ.ދ. ވައިކަރަދޫ، އަދި ހއ. ހޯރަފުށީގެ ކައުންސިލް އިން އެ ދެރަށުގެ ރައްޔިތުންނަށް ދަނޑުވެރިކަން ކުރުމަށް ބިން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ވުމުގެ ފުރުުސަތު ހުޅުވާލައިފިއެވެ.

ވައިކަރަދޫ ކައުންސިލް އިން ބުނީ ފެތުރެމުންދާ ވައިރަހާއި ގުޅިގެން ދިމާވެދާނެ އިގްތިޞާދީ ހީނަރުކަމަށް ބަލާ ރައްޔިތުންނަށް ބޭނުންވާ ކާނަގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި ރަށުގެ އެކި ސަރަހައްދުގައި ހުސްކޮށް ހުރި ބިންތައް ވަގުތީ ގޮތުން ދަނޑުވެރިކަންކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ ކައުންސިލުން ބުނީ އެރަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ ރަށުގައި ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް ދަނޑެށް ކަމަށެވެ. އެގޮތުން ދަނޑުވެރިކަން ކުރުމަށް ދޫކުރެވޭ ބިމުގެ ކުޑަ ބޮޑުމިން ކަނޑައެޅޭނީ އެ ގޭބިސީގައި ދިރިއުޅޭ މީހުންގެ ނިސްބަތުން ކަމަށެވެ. އަދި މި ގޮތަށް ދޫކުރެވޭ ދަނޑުބިންތަކަކީ ކުރުމުއްދަތަށް ދޫކުރާ ވަގުތީ ބިންތައް ކަމުން މި ދަނޑުތަކުގައި ހެއްދޭނީ ގޮވާމާއި ފަލަމަޑީގެ ބާވަތްތައް ފަދަ ކުރު މުއްދަތެއްގައި ކަނޑަން ލިބޭ ބާވަތްތަށް ކަމަށް ކައުންސިލް އިން ބުނެއެވެ.

މީގެ އިތުރުން މި މަސަތްކަތަށް ބިން ބޭނުންވާ ފަރާތް ތަކުން މި މަހު 7 ވަނަ ދުވަހުގެ ކުރުން އެ ރަށުގެ ކައުންސިލަށް ގުޅައި ނަންނޯޓް ކުރުމަށް އެއިދާރާއިން ވަނީ އެދިފައެވެ. އަދި ނަންނޯޓް ކުރުން ކުރިއަށްދާނީ ކޮންމެ ދުވަހަކު 13:00 އިން 16:00 އަށް ކަމަށް ކައުންސިލް އިން ބުނެއެވެ.

ދުނިޔެއަށް މިހާރު ކުރިމަތި ވެފައިވާ ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއަށް ދިމާވެދާނެ އިގްތިޞާދީ އިނދަޖެހުމުން ސަލާމަތް ވެވޭތޯ ގިނަ ރަށްރަށުން އިސްނަގައި، ދަނޑު ގޮވާމުގެ މަސައްކަތައް ތައްޔާރުވަމުން އަންނައިރު ހއ. ހޯރަފުށީން ވެސް ވަނި ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުުވާލާފައެވެ.

އެގޮތުން ހޯރަފުށީ ކައުންސިލް އިން ބުނީ ކޮވިޑް-19 އާ ގުޅިގެން ހޯރަފުށީގައި ދަނޑުވެރިކަމުގެ އުފެއްދުންތަށް އިތުރުކުރަން ބޭނުންވާތީ ބިމުގެ ތަނަވަސްކަން ހުރި މިންވަރަކުން ބިން ދޫކުރަން ގަސްތުކުރާ ކަމަށެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތް ތަކުން ފޯމު ދޫކުރުމާއި ބަލައިގަތުން އާދީއްތަ އަދި އަންގާރަ ދުވަހުގެ މެންދުރު ފަހު 13:00 އިން 14:00 އަށް އެއިދާރާ ގައި އޮންނާނެ ކަމަށް ކައުންސިލް އިން ބުނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އިޤްތިސާދު ރަނގަޅުކުރުމުގެ ގޮތުން ގިނަ މަޝްވަރާތަކެއް ކުރެވެމުންދާއިރު ގިނަ ގައުމުތަކުގެ އިޣްތިސާދު ވަރަށް ބޮޑަށް ދަށަށް ދާނެ ކަމުގައި އެ ގައުމުތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ވަޙީދު

  ހ.އ ހޯރަފުށީ ކައުންސިލް އިން ބިންދޫކުރަނި ކޮން ބިމެއްތޯ؟ ހޯރަފުށީގައި ދަނޑުވެރިކަން ކުރަމުންދާ ބިޒްވިލް މޯލްޑިވްސް "ފުނޑާލާ" އެތަނުގަ ހިންގަމުންދާ ދަޑުތަށް ހުއްޓުވާ މައްސަލަ ވަނީ ކޯޓަށް ވެއްދިފަ، މިފަދަ ކައުންސިލަކަށް ކޮން ބިމެއްތޯ ދޫކުރެވޭނީ؟ ތީ ވޯޓު ހޯދަން ޖަހާ މަކަރެއް.

 2. ވަރުވާ

  ރާއްޖޭގައި ވަރުވާއަށް ދީފައިވާ ފަޅުރައްތަކުގައި ދަނޑުވެރިކަމުގެ އިންވެސްޓްމެންޓް ކުރަން ފަށަން ހިނގާށެވެ. ކުޑަކޮށެއް ނޫނެވެ. މުޅިރާއްޖޭގެ އެންމެނަށް ބޭނުންވާވަރު އުފައްދަން ޓާގެޓް ކޮށްގެންނެވެ. އިންޝާﷲ މުސްތަޤުބަލުގައި އިމްޕޯޓަށް ބަރޯސާވާން ނުޖެހޭވަރަށެވެ.
  އެކިރަށްރަށުގައި ހައްދާނީ އެކި އެއްޗިއްސެވެ. މިސާލަކަށް، ބިންބޮޑު އެއްރަށް އުއްދަނޑި ހައްދަން ހާއްސަކުރެވިދާނެއެވެ. އެރަށުގައި ހަކުރު އުފައްދާ ފެކްޓްރިއެއް ހެދިނާނެއެވެ. ދިވެހިންގެތެރޭގައި ކަމަށް ޤާބިލް ބަޔަކު ތިބިނަމަ އެމީހުންނާ ހަވާލުކޮށްގެނެވެ. ނެތްނަމަ ބޭރުގެ ތަޖުރިބާހުރި ބަޔަކަށް ހަވާލުކޮށްގެންވެސް މިކަން ކުރެވިދާނެއެވެ. އެކަމަކު ތަނުގައި މަސައްކަތްކުރާ 90% މީހުންނަކީ ދިވެހިންނަށް ވާންޖެހޭނެއެވެ. އޭރުން މިވަގުތު ވަޒީފާ ގެއްލިފައިތިބި 11000 މީހުންގެ ތެރެއިން މީހުންނަށް ވަޒީފާގެ ފުރުސަތުވެސް ލިބުނީއެވެ. ރަށުގައި މުވައްޒަފުން ކެއުމާއި އަދި ތިބޭނޭ ރަނގަޅު އިމާރާތެއް ހުންނަން ޖެހޭނެއެވެ. ރިސޯޓްތަކުގަވެސް އޮފް ލިބޭގޮތަށް ކޮންމެމަހަކުވެސް އޮފް ލިބިފަ، އެކަށީގެންވާ މުސާރައެއް ލިބޭނަމަ ވަޒީފާއަށްދާނެ ދިވެހިންވެސް ވާނެއެވެ. ނޫންނަމަ އެނދުތަންމަތި އަޅާށާއި ފާޚާނާ ދޮވެސާފުކުރުމަށް ރިސޯޓްތަކުގަ މަސައްކަތް ކުރާނެ ރޫމްބޯއީން ނެއްވެސް ނުލިބުނީހެވެ. ގޭގެއިން ކުނިއުކާލަދޭން، ވެމްކޯއަށް ވަންނާނެ މީހުނެއްވެސް ނުވީހެވެ. އެއްވެސް މަސައްކަތަކީ ޙަލާލު ގޮތިގައި ފައިސާ ލިބޭނަމަ ހަޑި މަސައްކަތެއް ނޫނެވެ. ދިވެހިން މިއަދުވަނީ މިކަން ސާބިތުކޮށް ދީފައެވެ.
  އުއްދަނޑި އެކަންޏެއްނޫނެވެ. ކުކުޅުވެސް ގެންގުޅެންވީ އެވެ. ބޮޑު ދެ ރަށެއް ގައި ދެ ފެކްޓްރީއެއް ހިންގާލެވޭތޯ އުޅެމާބަހީ އެވެ. ދިވެހިންނަށް ބޭނުންވާ ކުކުޅާ، ބިހާ އަދި ކުކުޅުން އުފައްދާ އެހެން ބާވަތްތަށްވެސް އިމްޕޯޓް ކުރާކަށް އިންޝާﷲ ނުޖެހޭނެއެވެ. ކުކުޅުގެ އިތުރުން ގެރި ބަކަރި ވެސް ގެންގުޅެ އާލާކޮށް އެއިން އުދައްދާ ތަކެތިވެސް އުފައްދަންވީއެވެ. އޭރުން ހިކިކިރު، ދިޔާކިރު ، ޔޯގަޓް، ޗީޒް، ކަރޑް އަދި އައިސްކްރީމް ފަދަބާވަތްތައް އުފެއްދިދާނެއެވެ.
  މެވާއާއި ތަރުކާރީ އަދި ފަލަމަޑީގެ ބާވަތްތައްވެސް ހަމަ މިގޮތަށް ވަކިރަށްރަށުގައި ފުޅާދާއިރާއެއްގައި ދަނޑުހައްދާ އުސޫލުން އިންޝާﷲ ހެއްދޭނެއެވެ.

 3. ހަސަންބެ

  ޚަބަރެއް ހަދާލީ. ދޫކުރާނެ ބިމެއް ނެތް.