ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި މާސްކު އަޅަން ލަފާދީފައި ނުވާ ކަމަށް ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

ޑރ. މުރާދު މިގޮތަށް ވިދާޅުވެފައި ވަނީ، ކޮވިޑް-19 އާއި ގުޅިގެން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ސަރުކާރުން ސިލްސިލާ ގޮތެއްގައި ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިރޭ ދެއްކެވި ވާހަކައިގައެވެ.

ޑރ. މުރާދު ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން މާސްކު އަޅަންޖެހެނީ ވަކި ހާލަތްތަކެއްގައި ކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން ސިއްހީ ދާއިރާގެ ބައެއް ބޭފުޅުންގެ މެދުގައި ވެސް ޚިޔާލު ތަފާތުވުންތަކެއް ހުރިކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށްވެސް އެބަ ފެނޭ މި ދުވަސްކޮޅުގަ ސޯޝަލްމީޑިއާ އާއި އެހެންވެސް މީޑީއާތަކުން މާސްކު އެޅުމާ ބެހޭގޮތުން ތަފާތު ޚިޔާލުތައް. އަޅުގަނޑު ބުނެލަން ބޭނުންވަނީ މެޑިކަލް ކޮމިއުނިޓީ ތެރޭގައި ވެސް ތަފާތު ޚިޔާލު ތަކެއް ގޮތުގައޭ މާސްކު މައިގަނޑު މިއުޅެނީ،" ޑރ. މުރާދު ވިދާޅުވިއެވެ.

ޑރ. މުރާދު ވިދާޅުވީ ދުނިޔޭގައި ނަންކިޔާ ސިއްޙަތު ޖަމިއްޔާތަކުގައި ވެސް، މާސްކު ބޭނުންކުރުމާއި ބެހޭ ރިކޮމެނޑޭޝަންތަކުގައި ތަފާތު ޚިޔާލުތަކެއް ހުރި ކަމަށެވެ. ނަމަވެސް ގިނަ ޖަމިއްޔާތަކުން ލަފާ ދެނީ މުޖުތަމަޢުގައި ވައިރަސް ނުފެތުރޭނަމަ ކޮންމެހެން މާސްކު އަޅަން ނުޖެހޭ ގޮތަށް ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.

"މިއަދު ސީޑީސީ އިންވެސް ލަފާ ދީފައި އޮތީ ބޭރަށް ދާއިރު މާސްކު އަޅަން. ވިސްނާލަން ޖެހޭ ކަމަކީ ސީޑީސީން މިގޮތަށް ލަފާ ދިނީ އެމެރިކާގައި ވަރަށް ބޮޑަށް ބަލި ފެތުރިގެން ގޮސްފައިވާ ހާލަތެއްގައި ކަން. އޭގެކުރިން ސީޑީސީ ސްޓޭންޑް އޮތީ މާސްކު ބޭނުން ނުކުރާގޮތަށް،" ޑރ. މުރާދު ވިދާޅުވިއެވެ.

ޑރ. މުދާރު ވިދާޅުވީ ޤައުމުތަކުގައި މާސްކު އަޅަން ލަފާދެނީ ހަމައެކަނި މާސްކު އެޅުމަށް ނޫން ކަމަށާއި، މާސްކު އަޅަން ޖެހެނީ ސޯޝަލް ޑިސްޓެންސިންގާއި ވެސް އެކީކަމަށެވެ.

ޑރ. މުރާދު އިތުރަށް ވިދާޅުވީ، ކޮވިޑް-19 އަކީ އާ ވައިރަސްއެއް ކަމަށާއި، އެހެންކަމުން ބައްޔާއި ބެހޭ ކަންކަން އެނގެމުންދާ ވަރަކަށް މި ބައްޔަށްދޭ ރެކޮމެންޑޭޝަންތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފަައްސިވީ 19 މީހުންގެ ތެރެއިން 13 ބިދޭސީއަކު މިހާރު ވަނީ ރަނގަޅުވެފައެވެ. ރާއްޖެ އިން ބަލި ޖެހުނު ދެ މީހަކު ވަނީ ރާއްޖެ އިން ފުރައިގެން ގޮސްފައެވެ. އެހެންކަމުން މިހާރު ރާއްޖޭގައި ފަރުވާ ދެމުން ގެންދަނީ ހަތަރު މީހުންނަށެވެ. އެ ހުރިހާ މީހުންނަކީ ވެސް ދިވެހިންނެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނަކީ އިނގިރޭސި ވިލާތުން ރާއްޖެ އައި ހަތަރު ދިވެހިންގެ އިތުރުން ކުރެއްދޫ އައިލެންޑް ރިސޯޓުން ފަސް މީހަކާއި ސޭންޑީޒް ބަތަލާ ރިސޯޓުން ދެ މީހަކާއި ކުރަމަތި މޯލްޑިވްސްއިން ދެ މީހަކާއި އަނަންތަރަ ދިގު މޯލްޑިވްސްއިން ދެ މީހަކާއި ސަފާރީ އަކުން ހަތަރު މީހެކެވެ. އެހަތަރު މީހުންގެ ތެރެއިން ދެމީހުންނަކީ ރާއްޖެ އިން ފުރައިގެން ދިޔަ ދެމީހުންނެވެ.

ރާއްޖެ އިން ކޮވިޑް-19 ފެނުމާއި ގުޅިގެން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު ގެ ދަށުން 12 މާރިޗު 2020 އިންފެށިގެން 30 ދުވަހަށް ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ހާލަތު އިއުލާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކައްޕަޅި

    މާސްކެއްނެތް އަތުޖެހޭހިސާބަކު! ހުރެގެންތާ އެޅޭނީ! ދެންމިޖެހެނީ ސްނޯކްލިންއަށްދާ މާސްކް އަޅަން!

  2. ސޮނިފުހޭ

    ހިތްތަކުގައި މާސްކު އަޅަމާތޯއެވެ .ބޮޑާ ކަމާ ކިބުރުވެރިވުމުގެ ވައިރަސް އިންސާނީ ސިކުނޑި ކާލިޔަ ނުދެމާތޯއެވެ ތިމާއަށް ތިމާފެނި މަވެތި ވުމުގެ ސަބަބުން އިންސާނިއްޔަތު ބީ ވިޔަ ނުދިނުމަށްޓަކައެވެ އެމާސްކް ގެންގުޅޭ މީހުން މުޅި ދުނިޔޭންވެސް މަދުވެއްޖެއެވެ ރާއްޖޭންވެސްދަނީ ނެތެމުންނެވެ ﷲ އަށްޓަކައި ތިބާ އިޚްލާސްތެރިވާށެވެ ތިބާ ތިބާގެ ނަފްސައް އެދޭ ކޮންމެ ހެވެއް ތިބާގެ މުސްލިމް އަޚާ އަށްޓަކައިވެސް އެދޭށެވެ