ލަންކާ ނޫން އެހެން ޤައުމުތަކަށް ކާގޯ ބޯޓުގައި ތަކެތި ނުގެންދެވެނީ އެތަކެތި ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރުމުންކަމަށް ކޮވިޑް19އިގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ރައީސް އޮފީހުގެ އަންޑަރ ސެކެޓްރީ މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ލަންކާ ފިޔަވާ ދިވެހިން ތިބި އިތުރު ތަންތަނަށް ވެސް ތަކެތި ގެންދަން މޯލްޑިވިއަން އިން އޮތީ ތައްޔާރަށް ކަމަށާ މޯލްޑިވިއަން މެދުވެރިކޮށް އެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ.

"ކާގޯ ފްލައިޓްތަކުން އެއްޗެހި ގެންގޮސް ދިނުމުގައި އަޅުގަނޑުމެންނަށް ދައްޗެއް ނުވޭ. އެކަން ކުރެވޭނެ ގޮތް އަޅުގަނޑުމެންނަށް އެބަ އޮތް މޯލްޑިވިއަން އާއި އެކީގައި. ދެން އެހެން ޤައުމުތަކުގައި އެ އިންތިޒާމް ކުރާނެ ގޮތުގައި އުނދަނގުލެއް ހުރީމަ، އެއެއް މި ހޯދަނީ ކިހިނެތްތޯ ހެދޭނެ." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ ލަންކާގައި ދިވެހިން ދިރިއުޅޭ ތަންތަން ފަސޭހަކަމާއި އެކު އެނގޭ ކަމަށާ، އެ ރައްޔިތުންނަށް ތަކެތި ފޯރުކޮށްދިނުމުގައި ދައްޗެއް ނެތްކަމަށެވެ.

"ލަންކާގައި ފަސޭހަ ގައުމެއް ގޮތަށް އެއްޗެހި ޑިސްޓްރިބިއުޓްކުރުމަށް. ތަންކޮޅެް ފަސޭހަ އިންޑިއާ އާއި އަޅުގަނޑުމެން އަޅުވާކިޔާ އިރު، މިސާލަކަށް އިންޑިއާގައި ވެއްޖެއްޔާ އެގައުމުގެ ލޮކްޑައުންގެ ހާލަތުވެސް ތަފާތު. އަނެއްކާ މީހުން ތިބި ހިސާބުތައް ވެސް ދުރު. ދެން ކިިނެތްތޯ ފޮނުވަދޭނީ އަޅުގަނޑުމެން މިހާރު މި ހޯދާ ކަމަކީ. އެކަން ކުރެވުނީމަ، އިރާދަކުރެއްވިއްޔާ ހަމަ އިންޑިއާއަށް ވެސް މެލޭޝިއާއަށް ވެސް އެހެންގައުމުތަކަށްވެސް މިކަން ކުރެވޭނެ." އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އެއްވެސް ރައްޔިތަކު ބޭރުގައި ހާލުގައި ޖެހެން ދޫކޮށްނުލާނެ ކަމަށް މަބްރޫކް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ލަންކާ އަށް ދާ ކާގޯ ފްލައިޓްގައި ލަންކާގައި ތިބި ދިވެހިންނަށް ތަކެތި ފޮނުވުމަށް ފުރުސަތު ހުޅުވާލާފައި ވާއިރު، އެ ފުރުސަތު ދެނީ ނަންނޯޓު ކުރި ތަރުތީބުންނެވެ.

އަދި އާއިލާއަކަށް 15 ކިލޯގެ ތަކެތި ފޮނުވުމަށް ވަނީ ފުރުސަތު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނޫންތައަޅެ

    މިހާރު އެބަވިސްނޭ މިނިވަން ކޮންމެ ގައުމެއްގައި ކޮންމެހެން ހުންނަން ޖެހޭނެ ބައެއް އެސެޓްތައް. ގައުމީ އެއާލައިނަކާއި ޝިޕިންގ ލައިނަކާއި ތެޔޮއުފުލޭނެ ބޯޓެއް. އޭރުން އެހެން ގައުމަކުން ކުއްޔަށް މިއިން އެއްޗެއް ނުލިބޭ ދަނޑިވަޅުތަކުގައިވެސް އެގައުމެއްގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްލެވޭނެ. މިދަނޑިވަޅުގައި ސަރުކާރުން ހުއްޓާނުލާ ގެންދަންވީ ބިން ބޮޑުކުރުމުގެ މަޝްރޫޢު. ސަބަބަކީ ތެޔޮވެސް އަގުހެޔޮ އަދި މީހުން މަސްހުނިވުންވެސް މަދުމަަސައްކަތަކަށް ވާތީ.