ކޮވިޑް-19 އާ ގުޅިގެން މާލޭ ހިޔާ ދޭއްގައި ހެދި ޓްރެވެލާސް ކްލިނިކް ފްލޫ ކްލިނިކަކަށް ބަދަލުކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ.

ޓްރެވެލާސް ކްލިނިކް އެންމެ ފުރަތަމަ ހާއްސަ ކުރީ ރާއްޖެއިން ބޭރަށް ދަތުރުކޮށް، 14 ދުވަހުގެ ޓްރެވަލް ހިސްޓްރީއެއް އޮތް މީހުންގެ ތެރެއިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތެއް ނުވަތަ ހުމާ ރޯގާގެ އަލާމާތެއް ހުރި ފަރާތްތައް ޑޮކްޓަރަށް ދެއްކުމަށެވެ.

އެކަމަކު، ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖެއިން އޮންއަރައިވަލް ވިސާ ދޫކުރުން ހުއްޓާލުމާއި، ރާއްޖެއިން ބޭރުން ދަތުރުކޮށްފައި އަންނަ ހުރިހާ ދިވެހިންވެސް ކަރަންޓީން ފެސިލިޓީއެއްގައި ބެހެއްޓުމަށް ނިންމާފައިވުމުން ޓްރެވަލާސް ކްލިނިކް ވަނީ ފްލޫ ކްލިނިކަކަށް ބަދަލުކޮށްފައެވެ.

އެ ތަން ހިންގަމުން އަންނަ އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ އަލަށް ގެނައި މި ބަދަލުގެ ސަބަބުން ރޯގާ ނުވަތަ ހުމުގެ އަލާމާތެއް ފެނިއްޖެ ނަމަ ހޮސްޕިޓަލަށް ނުގޮސް އެ ފްލޫ ކްލިނިކަށް ގޮސްގެން ޑޮކްޓަރަކަށް ދެއްކުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެ ކްލިނިކުން ދިވެހިންނާއި ބިދޭސީންނަށްވެސް ފަރުވާ ދިނުމަށް ވަނީ ނިންމައިފައެވެ.

މި ކްލިނިކުގެ ހިދުމަތް ދޭނީ ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 22:00 އަށް ކަމަށް އައިޖީއެމްއެޗް އިން ބުންޏެވެ.

ރާއްޖޭގައި ފްލޫ ކްލިނިކްތަކެއް ގާއިމުކޮށް ހިދުމަތް ދެނީ މިހާރު ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 އަކީ ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއް ކަމުން އެ ބަލިން ރައްކާތެރި ވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިންނެވެ.

މާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް އަންނަނީ މިފަދަ ކްލިނިކްތައް ވަނީ ގާއިމުކޮށްފައެވެ.