ހދ. ކުރިނބީގައި، ދަނޑުވެރިކަން ކުރުމަށް ހިލޭ ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

އެރަށު ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ދިމާވެދާނެ އިގްތިސާދީ ހީނަރު ކަމަށް ބަލައި ރަށުގެ ދެކުނު ފަރާތުން ވަގުތީ ގޮތުން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި، މިގޮތުން ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ދަނޑުވެރިކަންކުރަން ބޭނުންވާ ގޭގެއިން ކޮންމެ ގެޔަކަށް އެއް (އެކެއް) ބިމެވެ.

އަދި މިއީ ރައްޔިތުންނަށް ބޭނުންވާ ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް އެއްވެސް ކުއްޔަކާ ނުލާ ރަށުގެ ދެކުނު ފަރާތުން ދޫކުރާ ބިންތަކެއް ކަމަށް ވެސް ބުނެފައި ވެއެވެ. އެ ކައުންސިލުން ބުނެފައިވާ ގޮތުގައި، ދަނޑުވެރިކަމަށް ދޫކުރާ ދަނޑުގެ ބޮޑު މިން ކަނޑައަޅާނީ އެކަމަށް އެދޭ ފަރާތްތަކަށް ނިސްބަތްކޮށް ދަނޑު ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ބޮޑުމިނަށް ބަލައިގެންނެވެ.

އަދި މިގޮތުން ދޫކުރެވޭ ދަނޑުތަކަކީ ކުރު މުއްދަތަށް ދޫކުރެވޭ ވަގުތީ ދަނޑުތަކަކަށްވާތީ މި ދަނޑުތަކުގައި ހެއްދޭނީ ގޮވާމާއި، ފަލަމަޑީގެ ބާވަތްތައް ފަދަ ކުރު މުއްދަތުގައި ހައްދައިގެން ކާނާ ލިބޭ ބާވަތްތަކެއް ކަަމަށްވެސް ބުނެފައި ވެއެވެ.

މި އުސޫލުގެ ދަށުން ދަނޑު ބިން ބޭނުންވާ ގޭގެއިން އޭޕްރިލް 9 ވަނަ ދުވަހުގެ ކުރިން މި އިދާރާއަށް ގުޅައިގެން ނަން ނޯޓު ކުރަން އެ ރަށު ކައުންސިލުން އެދެއެވެ.