ސްރީ ލަންކާގައި މިވަގުތު ތިބި ދިވެހިންނަށް ތަކެތި ފޮނުވުމަށް ފުރުސަތު ހުޅުވާލި ފުރުސަތުގައި 8.9 ޓަނުގެ ތަކެތި ލިބިފައިވާ ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

މޯލްޑިވިއަން އިން ބުނީ މިހާރު ލަންކާއަށް ދަތުރު ކުރުމަށް ތައްޔާރުވެފައިވާ މޯލްޑިވިއަންގެ ފްލައިޓަށް 8.9 ޓަނުގެ ތަކެތި ނުވަތަ ކެއާ ޕެކޭޖު ލިބިފައިވާ ކަމަށެވެ. މި ތަކެތި މޯލްޑިވިއަން އިން ބަލައިގަންފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ލަންކާގައި ތިބި ދިވެހި އާއިލާތަކަށް ކެއާ ޕެކޭޖުތައް ފޮނުވަނީ ކޮންމެ އާދީއްތަ ދުވަހެއްގައި ލަންކާއަށް މުދާ ބަލާ ދަތުރު ކުރާ މޯލްޑިވިއަންގެ ކާގޯ ފްލައިޓުންނެވެ.

ލަންކާއަކީ 15،000އަށްވުރެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ ގައުމެކެވެ. އެގައުމުގައި ކޮވިޑް19 ގެ ސަބަބުން އެއާޕޯޓުތައް ވަނީ ބަންދުކޮށްފައެވެ. އަދި އެކި ސަރަހައްދުތަކުގައި އަންނަނީ ކާފިއު ހިންގަމުންނެވެ. އެކަމުގެ ސަބަބުން ދިވެހިންނަށް އެތައް ދައްޗަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.

މޯލްޑިވިއަން އިން އަންނަނީ ލަންކާއަށް ކާގޯ ފްލައިޓެއް ބާއްވަމުންނެވެ. އެއީ ރާއްޖެއަށް މުދާ ގެނައުމަށެވެ. މީގެއިތުރުން މޯލްޑިވިއަންގެ ފްލައިޓެއް ލަންކާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އައުމަށް ބޭނުންވާ މީހުން ގެނައުމަށް ވެސް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިންޑިއާގެ ކޮޗިންގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އެނބުރި އަންނަން ބޭނުންވާ ދިވެހިންނަށް އެ ފުރުސަތު ވަނީ ދީފައެވެ. ހަމައެއާއެކުގައި މޯލްޑިވިއަން އިން ވަނީ މެލޭޝިޔާ އަދި އިންޑިއާގެ ޓްރިވެންޑްރަމްގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އައުމަށް ބޭނުންވާ މީހުން ގެނައުމަށް ފްލައިޓެއް ބޭއްވުމަށް ނިންމާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުރަސް

    ބައެއް މީހުން ފަތުރާ ވާހަކައެއްމީ. ލަންކާއިން ސްޕެޝަލް ފުލައިޓުގައި ރާއްޖެޔަށް ގެންނަނީ ސިޔާސީ ގޮތުުން ބާރުގަދަ ވަކިބަޔަކާ އެބައެއްގެ ގާތް މީހުނޯ. އެހެން ވިއްޔާ މިރޭގެ ޕްރެސްގައި ބުނަންވީނު މިހެން؟
    އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ދެއްވާށޭ ރާއްޖެޔަށް މީހުން ގެންނަން އިވެލުއޭޓު ކުރަން ބޭނުންކުރި މިންގަނޑުގެ ކޮޕީއަކާ، ގެނައި މީހުންގެ ނަމާ އެޑްރެސް ހުރި ލިސްޓަކާ؟
    މިއީ އާންމު މަސްލަހަތުވެސް ގޯސްވެދާނެ ރިޔުމާއަކަށް ވިޔަނުދޭން އަޅުގަނޑުމެންވެސްް ތިޔަބޭފުޅުންނާ އެއްބާރުލާން މިމައުލޫމާތު ދެއްވަން ވީނޫންތޯއޭ!