ކޮވިޑް-19 ގެ ސަބަބުން ރާއްޖެ އަށް ދިމާވެފައިވާ އިގްތިސާދީ ހާލަތުން އަރައިގަތުމަށް ސަރުކާރުން ތައާރަފްކުރި ސްޓިމިއުލަސް ޕެކޭޖް ތަންފީޒުކުރުމުގައި އަމަލު ކުރާ އުސޫލުތަކާ ބެހޭ ގޮތުން މައުލޫމާތު ސާފުކުރަން ހަތަރު މިނިސްޓަރަކާ އެކު މަޝްވަރާ ކުރަން ރައްޔިތުންގެ މަޖިލިހުގެ އިގްތިސާދީ ކޮމިޓީން ރޭ ނިންމައިފިއެވެ.

އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި ނިންމީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އެކު ކޮމިޓީ ކުރިއަށް ގެންދިއުމަށެވެ. ކޮމިޓީ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ވެބް ކޮންފަރެންސް މެދުވެރިކޮށް އޮންލައިންކޮށެވެ.

އިގްތިސާދީ ކޮމިޓީން 17 ކަމެއް ފާހަގަކޮށްފައިވާ އިރު، އޭގެތެރޭގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ޓޫރިޒަމާއި އިކޮނޮމިކް މިނިސްޓްރީއާ ގުޅޭ ކަންކަން ހިމެނެއެވެ.

މަޖިލީހުގެ ގަވާާއިދު ބުނާ ގޮތުން މަޖިލީހުގެ ކޮމިޓީއަކަށް ކަމާ ގުޅޭ މުއައްސަސާއެއްގެ ބޭފުޅުން ހާޒިރު ކުރާއިރު ފަސް ދުވަހުގެ މުއްދަތުގެ ނޯޓިހެއް ދޭން ޖެހެއެވެ. އެގޮތަށް ނިންމިޔަސް، ދިމާވެފައިވާ ހާއްސަ ހާލަތާ ގުޅިގެން މިނިސްޓަރުންނަށް ބައްދަލު ކުރެވެން އޮތް އެންމެ އަވަސް ތާރީހެއްގައި ބައްދަލުވުން ހަމަޖައްސަން ކޮމިޓީން ނިންމިއެވެ.

ސަރުކާރުން ޖުމްލަ 2.5 ބިލިން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފް ކުރުމަށް ނިންމާފައިވާ އިރު، އެއީ ވިޔަފާރިތަކަށް ވޯކިންގ ކެޕިޓަަލް ހޯދައިދިނުމަށް ތައާރަފްކުރުމަށް ނިންމި ޕެކޭޖެކެވެ. މި ލޯން ދިނުމުގެ ބޭނުމަކީ ވިޔަފާރިތައް ހީނަރުވުމާއި ގުޅިގެން ދިވެހިން ވަޒީފާ ގެއްލުމުގެ ފުރުސަތާއި ޕްރައިވެޓް ސެކްޓަގެ މުސާރަތައް ކުޑަ ކުރުމަށް އޮވެދާނެ ފުރުސަތުތައް ކުޑަ ކުރުމަށް ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ގެއްލުން ލިބޭ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް، ބީއެމްއެލް އާއި އެސްޑީއެފްސީ މެދުވެރިކޮށް، އެ ލޯނު ދޫކުރުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

މީގެއިތުރުން ބޮޑުކަންނެލީގެ މަސްވެރިކަމަށް އެހީތެރިވެދިނުމަށްވެސް ސަރުކާރުން މިހާރު ވަނީ ޚާއްޞަ ޕެކޭޖެއް އެކުލަވައިލައިފައެވެ. ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ ކުންފުނިތަކަށް ލޯނު ދޫކުރަން ފަށާފައިވާއިރު، މި ދުވަސްވަރު މަސްވެރިންނަށް ދަތިނުވާނެގޮތަށް، މަސްވެރިންނަށް ސަރުކާރުން ފައިސާ ދޫކުރާނެކަން ސަރުކާރުން ވަނީ އިއުލާން ކޮށްފައެވެ. އަދި ފަތުރުވެރިކަން ދަށްވެ، ރާއްޖެއަށް ބޭރު ފައިސާ ވަނުން މަދުވެފައިވިޔަސް، ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ޑޮލަރުގެ އަގު މިހާރަށްވުރެ ބޮޑުވިޔަނުދީ ހިފެހެއްޓުމަށް ކަމަށާއި އެމް.އެމް.އޭ. އިން ބޭންކުތަކަށް އިތުރަށް ޑޮލަރު ދޫކުރަމަށް ނިންމަވާފައިވާކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު