ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެއިން ފެނިފައިވުމާއި ގުޅިގެން ކައިވެނި ކޮށްދިނުން މެދުކަނޑާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް އަނެއްކާވެސް އެކަން ކުރަން ފެށުމަށް ފެމެލީ ކޯޓުން ނިންމައިފިއެވެ.

އެގޮތުން ފެމެލީ ކޯޓުން ވަނީ ހަފްތާއަކި ދެ ދުވަހު ކައިވެނި ކޮށްދިނުމަށް ނިންމާފައެވެ. މީގެކުރިން ގޭގެއަށް ގޮސް ނުވަތަ ކައިވެނި ހަފްލާތައް އޮންނަ ތަނަކަށް ގޮސް ކައިވެނި ކޮށްދިން ނަމަވެސް އެކަން ވަނީ ފެމެލީ ކޯޓުން މެދުކަނޑާލާފައެވެ.

މެދުކަނޑާލުމަށްފަހު އަލުން ކައިވެނި ކޮށްދިނުމަށް ފެމެލީ ކޯޓުން ނިންމީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދު ކޮށްފައި އޮންނާނެ މުއްދަތު ސީދާ ނޭނގޭތީއެވެ. ކައިވެނި ކޮށްދިނުމަށް ފެމެލީ ކޯޓުން ނިންމި ނަމަވެސް ކައިވެނި މަޖިލީހުގައި ބައިވެރިވެވޭނީ ކައިވެނިކުރާ ދެ މީހުންނާއި ހެކިވެރިންގެ އިތުރުން ވަލީ ވެރިޔާއަށެވެ.

ކައިވެނީގެ އިތުރުން ވަރި ސާބިތުކޮށްދިނުމާއި ގެވެށި އަނިޔާގެ މައްސަލަތަކާއި ދަރިންގެ މައްސަލަތަކުގެ އަޑުއެހުންތައް ވެސް ފަށަން ވަނީ ނިންމައިފައެވެ. މި މައްސަލަތައް ބަލާ ކޮންމެ ސެކްޝަނަކުން ވެސް ދުވާލަކު އެއް މައްސަލަ ބަލާނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުކޮށްފައި އޮންނަތާ މިއީ ތިންވަނަ ހަފްތާއެވެ. މިދިޔަ މަހުގެ 19ވަނަ ދުވަހުން ފެށިގެން ސަރުކާރުން ވަނީ ބަންދުކޮށްފައެވެ. ސަރުކާރު އޮފީސްތައް ބަންދު ކުރި ކަމަށްވީ ނަމަވެސް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ވަނީ އަންގާފައެވެ. މީގެއިތުރުން ސްކޫލުތަކާއިު ކޮލެޖު އަދި ޔުނިވާސިޓީތައް ވެސް ވަނީ ބަންދުކޮށްފައެވެ. ސަބަބަކީ މި ނުރައްކާތެރި ބަލިން ރައްކާތެރިވުމަށެވެ. އަދި މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 17:00 އިން ރޭގަނޑު 20:00 އާ ދެމެދު އަންނަނީ ކާފިއު ވެސް ހިންގަމުންނެވެ.