ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ސުޕްރީމް ކޯޓުން އެހެން ކޯޓުން ނެރުނު ސަރކިއުލާއެއްގައި އެހެން ކޯޓުތައް މި ދަނޑިވަޅުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވުމަކީ ޝަރުއީ ދާއިރާގެ މުސްތަގިއްލު ކަމަށް އެކަމުގެ ސަބަބުން އަސަރުތަކެއް ފޯރާނެ ކަމެއް ނޫން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 17ވަނަ ދުވަހު، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާގުޅޭ ޚާއްޞަ އިރުޝާދުގެ ނަމުގައި ނެރުނު އެ ސަރކިއުލާގައި ވަނީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޕެންޑަމިކްއާ ގުޅިގެން 2020 މާރިޗު 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހެލްތުން، ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވީ ހިނދު، ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާއި ކޯޓުތަކުގެ ޚިދުމަތްހޯއްދަވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ސަރުކާރުން އިޢުލާންކުރައްވާފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގައި، އަޅަންޖެހޭ ފިޔަވަޅުތައް ރާއްޖޭގެ ހުރިހާ ކޯޓުތަކަށް އަންގާފައެވެ.

މައިކްރޯ ސޮފްޓް އޮފީސްގެ ޓީމްސް މެދުވެރިކޮށް ޖޭއެސްސީން ބޭއްވި މި ބައްދަލުވުމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ އެލާޓް ލެވެލްތަކާއި ގުޅިގެން ކޯޓުތަކުން އަމަލުކުރާނެ ގޮތެއްގެ އިރުޝާދު ދީ ސުޕްރީމް ކޯޓުން ނެރެފައިވާ ސާކިއުލާ އާ ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރެވިފައިވާތީ އެކަމާއި މެދު ޖޭއެސްސީގެ މެންބަރުންގެ މެދުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.

"އަދި، މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެންދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން، ކޯޓުތަކުން ޢަމަލުކުރުމަށް ދެއްވާފައިވާ އިރުޝާދުތަކަކީ، ވަގުތާ ހާލަތަށް ރިއާޔަތްކޮށްދެއްވާފައިވާ އިރުޝާދުތަކެއް ކަމަށާއި އަދި މި އިރުޝާދު ދިނުމުގެ ސަބަބުން އެއްވެސް ފަނޑިޔާރެއްގެ އަދި ޝަރުއީ ދާއިރާގެ މުސްތަގިއްލު ކަމަށް އަސަރެއް ފޯރާނެ ކަމަށް ނުފެންނަ ކަމަށް ކޮމިޝަނުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުން ފާހަގަކުރެއްވިއެވެ،" ޖޭއެސްސީން ބުންޏެވެ.

ސުޕްރީމް ކޯޓުގެ ސާކިއުލާގައި ބުނެފައި ވަނީ ރާއްޖޭގެ ހުރިހާ ކޯޓުތަކުން މީސްމީހުންނަށް އަންގާ އެންގުންތައް އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް އެންގުމުގެ އިންތިޒާމުތައް ހަމަޖައްސައި، އެގޮތުގެމަތިން ވީ އެންމެ އަވަސް ފުރުސަތެއްގައި މަސައްކަތްތައް ތަރުތީބުުކުރަން ޖެހޭނެ ކަމަށެވެ. ދެވަނަ ނުކުތާގައި އަންގާފައި ވަނީ ކޮންމެހެން ކޯޓުގެ ސަރަޙައްދުގެ ތެރެއަށް ވަންނަން ޖެހޭ މީހުން، އެހެން މީހުންނާ ކޯޓުގެ ތެރޭގައި ގައިގޯޅި ނުވާނެ ގޮތަކަށް ދުރުމިނުގައި ތިބެވޭނެ އަދި ވަދެ ނިކުމެވޭނެ ގޮތް ހެދުމަށާއި އެކަންކަން ބެލުމަށް ކޯޓުގެ މުވައްޒަފަކު ހުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފަރިހިހުސްނޫ

    ކީހައި ޅެން ފަރިއްސަށްވެ ނިމުނީ.

  2. ރައްޔިތުމީހާ

    ކިހާ ފައްކާ މިހާރު ސްޕްރީމް ކޯޓުން ނެރޭ ހުރިހާ ސަރކިއުލަރ އަކާއި އަމުރުތައް ބަރާބަރު އެއްވެސް މައްސަލައެއްނެތް ނުފޫޒު ފޯރުވާކަމަކަށްވެސް ނުވޭ!

  3. ބްރޯ

    ސަރީއަތަކީ 3 މަރުހަލާ އިން ނިންމަާ ކަމެއް އެކަމަށް އެއްކޯޓުން އަނެއްކޯޓަކަށް ލަފައެއް ނެރުވޭނެ . އެނޫން ހުރިހާކަންކަމަށް ސްޕްރިމްކޯޓުން ލަފާއެރުވޭނެ. ހަދަންވާގޮތްވެސް ބުނެދެވޭނެ.އެއީގާނޫނުއަސާސީގެ 141 ގަ ވާފަދައިން. އެންމެ މަތީކޯޓަކީ ސްޕްރީމްކޯޓް ކަމުގާވާތީ