ލާމަރުކަޒީ ޤާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް، މިހާރު ތިބި ކައުންސިލަރުންނަށް ބާރު ދޭން ޖެހޭ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ކޮމިޓީގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު ލަސްވާތީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދެމިގެންދާނެ ކަމަށާއި ރާއްޖޭގެ ހާލަތުން އަރައިގަތުމުގައި ކައުންސިލްތަކުގެ ދައުރު ބޮޑު އިރު، މިހާރު ތިބި ކައުންސިލަރުންނަށް ބާރުތަކެއް ދިނުން މުހިއްމުކަމަށެވެ.

"އިންތިޚާބު ނުބޭއްވި މިހާރު ސިޓިން މެމްބަރުންގެ ގޮތުގައި ތިއްބެވި މެމްބަރުންގެ ދައުރު ދެމިގެން ދާކަހަލަ ގޮތަކަށް ކަންނޭނގެ މި ދަނީ މިހާރު ހުށަހެޅިފައި އޮތް ބިލުން. ދެން އަޅުގަނޑުމެން އިހަކަށް ދުވަހު ފާސްކުރި ޤާނޫނުގައި ބާރުތައް ވަރަށް ބޮޑަށް ދެވިފައި މިހުރީ. ކޮންމެވެސް ވަރަކަށް އެބަ ހުރި މިހާރު ތިބި މެމްބަރުންނަށް ވެސް މިހާރު އޮތް ކައުންސިލްތަކަށް ވެސް އެކަމަކު އޭގަ ޖުމްލަ ބާރުތައް ދެވިފަ މިއޮތީ އަސްލުގައި އަލަށް އިންތިޚާބުވާ ކައުންސިލަށް." އޭނާ ވިދާޅުވިއެވެ.

އާންމުދަނީ ހޯދުމަށް ދަނޑުވެރިކަމަށް ބާރުއެޅުމުގެ ގޮތުން ރަށްރަށުން ބިން ދޫކުރާ އުސޫލުތަކަށް ބަދަލުގެންނަން ޖެހޭ ކަމަށާއި، ދަނޑުވެރިކަން ކުރަން ބިން ދޫކުރުން މުހިއްމު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ވަރަށް ގިނަ ރަށްތައް އެބަހުރި ބިމުގެ ސައިޒުން ކުޑަ، ނޫނީ މިސާލަކަށް މި ވަގުތަށް މިއޮތީ ވަރަށް ބޮޑަށް ސަރުކާރުންވެސް މިއީ ވަރަށް ބޮޑަށް ބާރު މި އަޅަނީ ރަށްރަށަށް އާމްދަނީ ހޯދަން. ދަނޑުވެރިކަމަށް ވަރަށް ބޮޑަށް ބާރު އެބަ އަޅާ. އެކަމަކު ބައެއް ރަށްރަށަކީ ދަނޑުވެރިކަން ކުރާނެ ޖާގަ ނެތް ރަށްރަސް. ކުރާއިރުގައި ވަރަށް ގިނަ ރަށްތައް މިހުންނަނީ އެކި އެކި ބޭނުމަށް ދެވިފައި." އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ކުރާ އިގްތިސާދީ އަސަރު ކުޑަކުރުމަށް ލާމަރުކަޒީ ކޮމިޓީ އާއި ހަވާލުކޮށްފައި ވަނީ 3 ކަމެއް ކުރުމަށެވެ. އޭގެ ތެރޭގައ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ރާވާ ކަންކަމަކީ ލާމަރުކަޒީ އުސޫލުން ހިނގާކަންކަން ކަން ކަށަވަރުކުރުމަށް ސަރުކާރުން ހިންގާ ކަންކަމުގައި އެ ނިޒާމަށް ކަންކަން ހިންގުމަށްލަފާ އެރުވުމާއި، މާރުކޭޓް ގޮޅިތަކުގައި ވިޔަފާރިކުރާ ފަރާތްތަކަށް ލުޔެއް ދިނުމުގެ އިތުރުން މާރުކޭޓުގެ ހާލަތު ރަނގަޅުކޮށް، ޒަމާނީ ދަތުރުވެރިންގެ މާރުކޭޓެއް އެޅުމާއި މެދު މާލެސިޓީ ކައުންސިލާއި އެކު މަޝްވަރާކުރުމެވެ.

ލާމަރުކަޒީ ޤާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް، މިހާރު ތިބި ކައުންސިލަރުންނަށް ބާރު ދޭން ޖެހޭ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވިއިރު ސަރުކާރުގެ ފަރާތުން ވަނީ މިއަހަރު ބޭއްވުމަށް ނިންމާފައި އޮތް ކައުންސިލް އިންތިހާބު ނުބޭއްވުމުގެ ސަބަބުން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ގާނުނުއަސާސީއަށް އިސްލާހު ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައްޔިތުމީހާ

    ސަރުކާރުގެ ހަރަދު ބޮޑުވާހާ ކަންކަން ކުރަންތިބޭ ބަޔެއްތި މަޖުލިސް މެންބަރުންނަކީ ތިމީހުން ދައުރު ނިއްމާފަ ގެޔަށް
    ދިޔައިމަ ކިހާބޮޑު ހަރަދެއް އެލުއިވީ މިދަނޑިވަޅުގަ. ކުރީގަ 3 ކައުންސިލަރުން ތިބިތަންތަނަށް މިހާރު 5 ކިހާމޮޅު ރޮއެ އާދޭސް މިކުރަނީ ހަރަދު ކުޑަކުރާށޭ.