ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދު ކުރުމުގެ ސަބަބުން ވަކި ދުވަސްތަކެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވި ނަމަވެސް ކޮންމެހެން ދާން ޖެހިގެން ނުވަތަ ކޮންމެހެން ހޯދަން ޖެހޭ ހިދުމަތެއް ހޯދުމަށް ނޫނީ ބޭންކަށް މި ދަނޑިވަޅުގައި ނުދިއުމަށް އިލްތިމާސްކޮށްފިއެވެ.

ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ، އިންޓަނެޓް ބޭންކިން އާއި އޭޓީއެމްތަކުން ވެސް ލިބޭ ހިދުމަތްތައް ހޯދުމަށް ބައެއް ފަރާތްތަކުން ބޭންކަށް ގޮސްގެން ހިދުމަތް ހޯދަން ދާކަން ފާހަގަކުރެވޭ ކަމަށެވެ. އެކަމުގެ ސަބަބުން ބޭންކުތެރެ ތޮއްޖެހި ހިދުމަތްތައް ދިނުމަށް ގިނަ ވަގުތު ހޭދަވާ ކަމަށް ބީއެމްއެލްއިން ބުނެއެވެ. އެހެންކަމުން ކޮންމެހެން ބޭންކަށް ދާން ޖެހިގެން ނޫނީ ނުދިއުމަށް ބީއެމްއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިވަގުތު އިންޓަނެޓް ބޭންކިން އާއި އޭޓީއެމްތަކުން ލިބޭ ޚިދުމަތްތައް ބޭން ކުރުމަށް ބީއެމްއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ.

ބީއެމްއެލް އިން މިފަދައިން ބުނެފައިވ މިވަނީ ބޭންކުތައް ހުޅުވާ ދުވަސްތަކުގައި ގިނަ އަދަދެއްގެ މީހުން ބޭންކުތައް ކައިރިއަށް އެއްވެސް ހިދުމަތް ހޯދުމަށް ކިއު ހަދާފައި އޮންނާތީއެވެ. އަދި މި ދުވަސްވަރަކީ ރާއްޖެއިން ކޮވިޑް-19 ފެނިފައިވާ ދުވަސްވަރެއް ކަމުން މި ބަލިން ރައްކާތެރިވުމަށް އިޖުތިމާއީ ގައިދުރުމިން ބެހެއްޓުމަށް ސަރުކާރާއި ކަމާބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

ބޭންކުތައް ފަދަ ތަންތަން ވެސް ވަކި ދުވަސްތަކެއްގައި ވެސް ހުޅުވަނީ އާއްމު ރައްޔިތުންނަށް މިކަމުގެ ސަބަބުން ލިބިގެންދާ އުނދަގޫތަކަށް ހައްލެއް ގެނެސް ދިނުމަށެވެ. އެހެންނަމަވެސް ރާއްޖެއިން މި ބަލި މާބޮޑަށް ފެތުރޭ ގޮތް މެދުވެރިވެއްޖެ ނަމަ ވަކި ގޮތެއް އަންގަންދެން ބޭންކުތައް އެއްކޮށް ބަންދުކޮށްފައި ބެހެއްޓުމަކީ ވެސް އެކަށީގެންވާ ކަމަކެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގައި މިދިޔަ މަހުގެ 12ވަނަ ދުވަހުން ފެށިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު މި މަހުގެ ދެވަނަ ދުވަހުން ފެށިގެން އަންނަނީ ކޮންމެ ދުވަހެއްގެ ހަވީރު 17:00 އިން ރޭގަނޑު 20:00 އަށް ކާފިއު ހިންގަމުންނެވެ. ނަމަވެސް އެ ވަގުތުތަކުގައި ވެސް މީހުން މަގުތަކަށް ނިކުމެ އުޅެމުން އަންނާތީ ސިއްހީ މާހިރުން އަންނަނީ އެކަން އެގޮތަށް ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙޗބ

    މިގޮތަށް ނޫން ގޮތަކަށް ހިދުމަތްދޭން އެބަޖެހޭ. ތޮއްޖެހިފައި ތިބެންޖެހެނީ ރަނގަޅު އުސޫލުތަކެއް ހެދިފައި ނެތީމަ. އެޕޮއިންޓްމަންޓް ދޭ އުސޫލުން ވިޔަސް ބައެއް ހިދުމަތްތައް ބަދަލުކޮށް ސޭފް ޑިސްޓެންސިންގއެއް މެއިންޓެއިންކުރެވޭގޮތަށް ކަންތައްތައް ކުރެވެންޖެހޭ.

  2. ހަސަން

    ރިޓާންވާ ޗެކްވެސް ލިބޭނެ އެހެންގޮތެއް ހަމަޖަސަވާދެއްވުން އެދެން. ޕްލީސް

  3. އޮންލައިންކޮށް ނަމްބަރު

    އަހަރެން ތި އޭޓީއެމް އަކަށް ރުފިޔާ ޑިޕޮސިޓްކުރިގަޑީގަ އައުޓްއޮފް ސާރވިސް އެރީ، އެރުފިޔާ އެކައުންޓަށް ޑިޕޮސިޓްނުވެގެން ގުޅީމަބުނީ ވޯކިން 2 ދުވަސްވާނޭ ޖަމާވާން... މިގޮތަށް 3 ވަރަކަށްފަހަރު ދިމާވެއްޖެ.. ކިތަންމެމުހިންމުވިޔަސް ކުރެވޭނެކަމެއްނެތިފަ ހުންނަންޖެހުނީ... މިހާރުކުރިޔަސް ނުވާނެކަމުގެ އެއްވެސް ޔަގީންކަމެއް ނޯވެ، ގިނަފަހަރަށް އައުޓް އޮފް ސާރވިސް އަރާފަ ހުންނަނީ... އިސްލާމިކް ބެންކުގަހެން އޮންލައިންކޮށް ނަމްބަރު ދޫކޮށްބަލަ ގައިދުރުކުރަން....