ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އަށް ރާއްޖެއިން ޝައްކުވާ މީހުން ނުވަތަ އަލާމާތްތައް ހުރެގެން ޓެސްޓު ކުރާ މީހުންގެ މެދުގައި ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް ކޮވިޑް-19 އާ ގުޅިގެން ނަފްސާނީ އިޖުތިމާއީ އެހީތެރިކަން ފޯރު ކޮށްދެމުން އަންނަ ދިވެހި ރެޑް ކްރެސެންޓުން ބުނެފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރެޑް ކްރެސެންޓުގެ ފާތިމަތު ހިމްޔާ ވިދާޅުވީ އެފަދަ ފަރާތްތަކަށް މުޖުތަމައުގެ ތެރޭގައި ތަފާތު ކުރުންތައް ގެންގުޅޭ ކަމަށާއި އެކަމުގެ ޝަކުވާތައް ރެޑް ކްރެސެންޓަށް ލިބެމުން އަންނަ ކަމަށެވެ. އޭނާ ވަނީ ކޮވިޑް-19 އަށް ޓެސްޓު ކުރާ ފަރާތްތަކާއި އެ ބައްޔަށް ޝައްކުވާ އަދި އަލާމާތްތައް ހުންނަ މީހުންނާއި މެދު ތަފާތު ކުރުންތައް ގެންގުޅޭ ނަމަ އެކަން ކުރުން ހުއްޓުވަން ޖެހޭ ކަމަށާއި އެކަމަށް ރައްޔިތުން ހޭލުންތެރި ކުރުވަން ޖެހޭ ކަމަށެވެ.

"މިސާލަކަށް ރިސޯޓުގައި މަސައްކަތް ކޮށްފައި ހުންނަ ފަރާތެއް މިސާލަކަށް އެ ފަރާތަކީ ބައްޔަށް ޓެސްޓު ކޮށްފައިވާ ފަރާތަކަށް ވެދާނެ، އެފަދަ މީހަކު އަނބުރާ ރަށަށް ދާއިރުގައި ރަށުން އަދި މުޖުތަމައުއިން އެމީހާ ބަލައިގަތުމާއި އެމީހާއަށް މުޖުތަމައުގައި އަލުން އުޅުމުގައި ދަތިތަކެއް އެބަ ދިމާވޭ. ހަމައެގޮތަށް މާލޭގައިވެސް އެކަހަލަ ކަންކަން އެބަ ދިމާވޭ. އެހެންވީމަ މިކަމަކީ އަޅުގަނޑުމެން މިކަމަށް ވިސްނާ މި ތަފާތު ކުރުންތައް ނައްތާލަން ޖެހޭ ކަމެއް،" ހިލްމާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބައްޔަށް ޓެސްޓު ކުރެވޭ ނުވަތަ ޝައްކު ކުރެވޭ މީހުންނާއި މެދު އެފަދަ ގޮތަކަށް އަމަލު ކުރާ ކަމަށްވާ ނަމަ ބައްޔަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކާއި މެދު އަމަލުކުރާނެ ގޮތަކާއި މެދު ވިސްނާލަން ވެސް ދަތި ކަމަށެވެ.

ހިލްމާ ވިދާޅުވީ ބިދޭސީންނަށް އަމާޒު ކޮށްގެންވެސް ވަރަށް ގޮތް ގޮތަށް ވާހަކަތައް ދެކެވެމުން އަންނަ ކަމަށެވެ. އެގޮތުން ބިދޭސީންނަށް ބަލި ޖެހިއްޖެ ނަމަ ދެން ކަންތައް ކުރާނީ ކިހިނެއްތޯއާ އެމީހުން އެނބުރި ގައުމަށް ފޮނުވާލާނީ ކޮން އިރަކުންތޯ މީހުން ސުވާލު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ކޮވިޑް-19 އަކީ ވަކި ނަސްލަކަށް ވަކި ގައުމެއްގެ މީހަކަށް ޖެހޭ ބައްޔަށް ނޫން ކަމަށާއި އެ ބައްޔަކީ ކޮންމެ މީހަކަށް ވެސް ޖެހިދާނެ ބައްޔެއް ކަމަށް ހިލްމާ ވިދާޅުވިއެވެ.

"ވަކި ފަރާތަކަށް ޖެހިއްޖިއްޔާ ހަދާނެ ގޮތެއް ނޫން ކަން ނޭނގެ އަޅުގަނޑުމެން ވިސްނަން ޖެހޭނީ. އާއްމުންގެ ފަރާތުން ވެސް ކޮންމެ މީހަކަށްވެސް ބަލި ޖެހިއްޖިއްޔާމު ދެން އެކަން ހައްލު ކުރާނެ ގޮތެއް ނުވަތަ އެކަމަށް ތައްޔާރުވާނެ ގޮތެއް މުހިއްމީ،" ހިލްމާ ވިދާޅުވިއެވެ.

ހިލްމާ ވިދާޅުވީ ދަރުބާރުގޭގައި ގާއިމް ކޮށްފައިވާ ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ހުންނަ ރެޑް ކްރެސެންޓުގެ ކޯލް ސެންޓަރުން އެކަނިވެސް 916 މީހަކަށް ނަފްސާނީ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކީކޭ ބުނާނީ

    ޖާހިލުކަން ބޮޑީ ހަމަ.

  2. ބްރޯ

    އެއީ ތަފާތު ކުރަނީކީ ނޫން ހޭލުންތެރިވީމަ އެބަލިން ސަލާމަތް ވުމަށް ދުރަށް ދެވެނީ . އެކަކު ވެސް އަމިއްލަޔަށް ބަލީވާކަށް ނެދޭނެ ދޯ. ބަލީގެ ނުރައްކާ މިންވަރު އެގެނީ .ބަލިޖެހިފަހުންނަމިހާ ގެ ކިބައިގަ އަލާމާތެއްނެތަސް އަނެއް މީހާގަޔަށް ބަލި އަރާކަން ދިވެހިންނަށް އެގޭތީބަލިމީހައާއި ކައިރިވެ އުޅެން ބިރުގަންނަނީ .ބަލިމީގުނާ ކައިރީގަ މަސައްކަތް ކުރާމީހުން ލައިގެންތިބެހެދުލާ އަޅާފަ ހުންނަ މާސްކާ ލޮލުގައަޅާފަ ހުންނަގޮގްލެސް ފެންނާތީ އެހެންގޮތަކަށް ތިބެ ބަލިމިހާއާ މުއާމަލާތަ ކުރަންބިރުވެތިވަނީ . ދިވެހިންނަކީ އެހެންމީހުނަށް ރަހުމް ކުރާ އޯގާތެރިބައެއް .

    14
    1
  3. ދިވެހިކޮރަކަލި

    ތިބާ ވެސް ބަލިވެދާއެވެ އަހަރެންވެސް ބަލިވެދާނެވެ ވީއިރު އަމިއްލަ ނަފްސައް އެދޭ މޮޅުގޮތް ތިބާގެ އަޚާ އަށްވެސް އެދޭށެވެ އިހްސާންތެރިވާށެވެ

  4. ކާރީމް

    ކުރިންބުނީ ދުރުވާށޭ. މިހާރު ދުރައް ޖެހިލެވޭތީވެ ބޮޑު ޖަރީމާ އަކައް ވަނީ. ބަލަ ދުނިޔޭގަ މިވަގުތު އެންމެންވެސް އުޅެނީ ދުރުދުރުންނޭ. ހޭލުންތެރިވޭ.