ކޮވިޑް 19 އާއި ގުޅިގެން ރިޕޯޓްކުރާ މައްސަލަތައް އިތުރުވިކަމަށް ފާހަގަނުވާ ކަމަށް ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޖެންޑަރ މިނިސްޓްރީގެ ހޮޓްލައިނަސް ގުޅާ މިންވަރު އިތުރުވާކަން ފާހަގަނުކުރެވޭކަމަށާ، ތަފާސް ހިސާބަށް ބަލާއިރު ވެސް މައްސަލަތައް އިތުރުނުވާ ކަމަށް އެކަމަނާ ވަނީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.

އެގޮތުން، މި އަހަރު ރިޕޯޓްކުރި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ގެވެށި އަނިޔާގެ ގޮތުގައި ޖެނުއަރީ މަހު ހުށަހެޅި 37 މައްސަލައަކާއި، ފެބްރުއަރީ މަހު 39 މައްސަލައަކާއި، މާޗް މަހު 26 މައްސަލައެއްކަމަށެވެ.

އަދި ކުޑަކުދިންނަށް ކުރާ އެކިކަހަލަ އަނިޔާގެ ތަފްސީލަށް ބަލާއިރު، ޖެނުއަރީ މަހު 121 މައްސަލަ، ފެބްރުއަރީ މަހު 169 މައްސަލަ، މާޗް މަހު 101 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޕްރޯ އެކްޓިވް އެކްޑް ރިއެކްޓިވް ދެއްތޯ ދެބައި މި އޮތީ. އެހެންވީމަ ރިއެކްޓިވްކޮށް ކުރަން ޖެހޭ ކަންކަމުގެ ތެރޭގައި މިއޮތީ، ހަމަ ކިހިނެތްތޯ ހަދާނީ ކަމެއް ރިޕޯޓް ވެއްޖެއްޔާ ހާއްސަ ހާލަތުގައި. އެހެންކަމަށްވަންޏާ އަޅުގަނޑުމެން ޚާއްސަ ޝެލްޓާތަކެއް ބަހައްޓަން ޖެހެނީ. އެހެންވީމަ ކުޑަކުދިންގެ ވެސް އަންހެނެއް ވިޔަސް ފިރިހެނެއް ވިޔަސް ހާއްސަ ހާލަތެއްގާ އަނިޔާ ލިބިއްޖެ ކަމަށްވަންޏާ އަޅުގަނޑުމެން ބަލަން ޖެހޭނެ." މިނިސްޓަރ ވިދާޅުވިއެވެ.

މާޗް މަހުގައި ގެވެށި އަނިޔާއާއި ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާ ރިޕޯޓުކޮށްފައިވާ އަދަދު ތަފާސް ހިސާބުތަކަށް ބަލާއިރު މަދު ކަމަށާ، އުންމީދަކީ އަނިޔާގެ މައްސަލަތައް މަދުވުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް ރިސާޗްތަކުން ދައްކާ ގޮތުގައި އަނިޔާކުރާ ފަރާތާއެކުގައި އުޅޭ ދުވަސްވަރެއްގައި ރިޕޯޓުކުރާ އަދަދު މަދުވާކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ޝެލްޓާތައް ބަހައްޓާނެ ތަންތަން ކޮންތަނެއްކަން ނާންގަނީ އެ ފަރާތްތަކުގެ ސަލާމަތަށްޓަކާ ކަމަށް މިނިސްޓަ އައިޝަތު ވިދާޅުވިއެވެ. ޕްރޮއެކްޓިވްކޮށް، ނުވަތަ މައްސަލައެއް ހުށަހެޅުމުގެ ކުރިން އަމިއްލަ އިސްނެގުމުގައި މައްސަލަތައް ބެލުމަކީ ފަސޭހަކަމެއް ނޫން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މިސާލަކަށް އަޅުގަނޑުމެން މި ކޮޓަރީގެ ތެރޭގައި ތިބެފައި ބަލަހައްޓައިގެން އިދެފައި މިވެނި މީހެކޭ ކުއްޖަކާ ބެހޭނީ، އެވެނި މީހެކޭ ކުއްޖަކާ ބެހިފަ ހުރީ. އެހެން ނުބުނެވޭނެ. މޫނުމަތި ބަލާފަކާއެއް ނޭނގޭނެ. އެންމެ ފުރަތަމަ އެކަން އެނގޭނެ އެ ވެށީގައި ތިބޭ މީހުންނަށް. އެހެންވީމަ އަޅުގަނޑު އެވެށީގައި ތިބި މީހުން ހޭލުންތެރިކަން ކުރުން އެއީ އަޅުގަނޑުމެން އެންމެންނަށް ކުރެވޭނެ އެންމެ ބޮޑު ކަމަކީ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ އަނިޔާގެ އެކި ބާވަތުގެ މައްސަލަތައް ހުއްޓުވުމަށް ރިޕޯޓް ކުރުމަކީ ކޮންމެހެން މުހިއްމު ކަމެއްކަން ފާހަގަކުރައްވާފައެވެ. އެންޖީއޯތަކާއި އެކު މި ދަނޑިވަޅުގައި ހޭލުންތެރިކަން އިތުރުކުރަން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖިންޑޭ

    ތިޔަވާހަކަ ރަނގަޅުވާނެ މިއަންނަ ރޯދަމަހު ރޯދަ ކުރުކުރާ ޕުރޮގްރާމް ތަކުގައި ދައްކަން ބަލަ ތިޔަ ބުނާ ގެވެށި އަނިޔާ ކުރެވޭނެހޭ 100 ފޫޓް 100ފޫޓް ގޮޅިއެއްގައި 10 12 މީުހްތިބޭއިރު ކޮން ގެވެހި އަނިޔާއެއް ކުރެވޭނީ މިޔޮއްކިޔަނީ ސަލާން ނުކުރާށޭ 3 ފޫޓް ދުރުގަޔޭ ތިބެން ޖެހޭނީ ބަޔަކައް ވާހަކައެއް ކިޔާދޭއިރު ތަންކޮޅެއް ވިސްނާލަން ޖެހޭނޫންތޯ

  2. އޯކޭ

    އަލްހަމްދު ލިﷲ