އެއީ ސިނަމަން ވެލިފުށި މޯލްޑިވްސް އަށް ޗުއްޓީ ހޭދަ ކުރުމަށް އައި ދެމަފިރިންނެވެ. މިދިޔަ މަހުގެ 22 ވަނަ ދުވަހު ދެމަފިރިން ހަނީމޫނަށް ރާއްޖެ އައީ ހަ ދުވަހަށެވެ. އެކަމަކު، ރާއްޖޭގައި ތިބި ފަހުން، އެމީހުންނަށް ދިމާވީ މާ ހިތްދަތި ގޮތެކެވެ. އެމީހުން އެނބުރި ދިއުމަށް ހަމަޖެހިފައިވާ ގައުމު، ސައުތު އެފްރިކާ ފުރަބަންދު (ލޮކްޑައުން) އަކަށް ދިޔައެވެ. ރިސޯޓުތަކުގައި ތިބި ފަތުރުވެރިން ރިސޯޓުން ފޭބުން މަނާ ކުރިއެވެ. ބައިނަލްއަގުވާމީ ދަތުރުތައް ހުއްޓާލާފައި އޮތުމުން އެނބުރި އައި ގައުމަށް ދެވޭނެ ގޮތެއް ނުވިއެވެ.

އޮލިވިއާ އާއި ރައުލް ޑި ފެރެއިޓަސް ގަބޫލު ކުރާ އެއް ކަމެއް އެބައޮތެވެ. ރާއްޖޭގައި ހުންނަން ޖެހުމަކީ ވަރަށް ބޮޑެތި ހަރަދުތަކެއް ހިނގާ ކަމެކެވެ. އެކަމަކު، އެ ހަރަދުތަކާ އެއްވަރަށް އެމީހުންނަށް ރިސޯޓުން ލިބޭ ހިތްހަމަޖެހުން ވަރަށް ބޮޑެވެ. ރިސޯޓުގެ ހުރިހާ މުވައްޒަފުން ތިބީ ދެމަފިރިންގެ ފަހަތުގައެވެ. އެ ދެމީހުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަށެވެ. ރިސޯޓުގެ ކޮންމެ މުވައްޒަފެއްގެ ފަރާތުން އެމީހުންނަށް ފެނިގެން ދަނީ އަޅާލުމާއި ލޯތްބެވެ. އިހްތިރާމާއި ގަދަރު ކުރާ ތަނެވެ.

އޮލީވިއާ.

ދެމަފިރިން، ޗުއްޓީ ހޭދަ ކުރުމަށް ފަހު، ރާއްޖެ އިން ފުރައިގެން ދިއުމުގެ ދޮރު ބަންދުވީ ކޮވިޑް-19 ފެތުރުނަ ނުދިނުމަށް ދިވެހި ސަރުކާރުން އެޅި ފިޔަވަޅުތަކުންނެވެ. އޭގެ ފަހުން، ދެކުނު އެފްރިކާގެ ހުރިހާ އެއާޕޯޓުތަކެއް ބަންދު ކުރިއެވެ. ދެކުނު އެފްރިކާ އަށް ވެސް އެތެރެވޭވެނެ ދޮރުތައް ވެސް ބަންދުވިއެވެ. އެމީހުން އެނބުރި ގައުމަށް ދާން ލިބުނު ވަގުތުކޮޅު ކުޑަކަމުން ރިސޯޓުގައި މަޑު ކުރީއެވެ. އެއީ އިތުރު ތަނެއްގައި ތާށިވެއްޖެ ނަމަ، އެމީހުންނަށް ލިބޭނެ ގެއްލުން ވެސް ބޮޑުވެދާނެ ކަމަށް ވިސްނާފައެވެ. އެމީހުން މަޑު ކުރަން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ ވެސް ރާއްޖެ އާއި ސައުތުު އެފްރިކާއާ ދެމެދު ކުރަން ޖެހޭ ދަތުރުގެ ވަގުތުތައް ގިނަކަމުންނެވެ.

މިދިޔަ ހަފްތާގައި އެ ރިސޯޓުގައި ތިބި ފަތުރުވެރިންތައް ވެސް ރާއްޖެ ދޫކޮށް، އެމީހުންގެ ގައުމުތަކަށް ދިޔައެވެ. އެންމެ ފަހުން ރިސޯޓުގައި ދެމަފިރިން އެކަންޏެވެ.

ރައުލް ބުނި ގޮތުގައި ރިސޯޓުގައި މަޑު ކުރަން ހިޔާލު ދިނީ ވެސް އޮލީވިއާއެވެ.

ރާއްޖޭގައި ހުރި ދުވަސްތަކުގެ ތެރޭގައި ދެމަފިރިން ވަނީ ރާއްޖޭގައި ހުންނަ އެފްރިކަން ކޮންސިއުލޭޓްގެ އެހީއަށް ވެސް އެދިފައެވެ. ސްރީލަންކާގައި ހުންނަ ސައުތު އެފްރިކާގެ އެމްބަސީއަށް ވެސް މިކަން އެންގިއެވެ. އެމީހުން ސާފު ކުރި ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ސައުތު އެފްރިކާގެ ސާޅީހަކަށް މީހުން އެބަތިއްބެވެ. އެ އިދާރާތަކުގެ ވިސްނުމަކަށްވީ އަމިއްލަ ހަރަދުގައި ޗާޓާޑް ޖެޓެއް ހަމަޖެއްސުމެވެ. އެ ޗާޓާޑް ޖެޓަށް 104،000 ޑޮލަރު ހަރަދުވާނެ ކަމަށް ވެސް ބުންޏެވެ.

ޑި ފްރެއިޓަސް

މިކަމުގައި މަޝްވަރާ ކުރެވިފައިވަނީ ދެބައިކުޅަ އެއްބައި މީހުންނާ ކަމަށްވެއެވެ. އަދި އެމީހުން މިހާ ބޮޑު އަދަދެއް ދައްކަން ދެކޮޅު ހެދިއެވެ. މިހާތަނަށް އައިއިރު، ސައުތު އެފްރިކާ އަށް ދާން ބޭނުންވާ ބޭރުގެ ފަތުރުވެރިންނަށް ހާއްސަ ފްލައިޓެއް ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ފަރާތުން ވެސް ހަމަޖެއްސިފައެއް ނުވެއެވެ.

އެހެންވެ، އިއްޔެއާ ޖެހެންދެން އެމީހުން ތިބީ ސިނަމަން ވެލިފުށި މޯލްޑިވްސްގައެވެ. އެއީ އެއް ފަހަރާ 180 މީހުންނަށް ހިދުމަތްދެވޭ ފެންވަރުގެ ފަސް ތަރީގެ ރިސޯޓެކެވެ. އެމީހުންގެ އާދައަކަށްވެފައި އޮތީ ނިދުމާއި ސްނޯކްލިން އަށް ދިއުމެވެ. އެމީހުންނަށް ދުވަސްތައް ދާ ގޮތް އިންތިހާ އަށް ދިގެވެ. އެކަމަކު، އެމީހުން ފާހަގަ ކުރާ ގޮތުގައި ރިސޯޓުގެ މުވައްޒަފުންގެ ފަރާތުން ފެންނަނީ ނަމޫނާއެކެވެ. ދެމަފިރިން ފޫހިފިލުވައި ދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް މުވައްޒަފުން ފުރިހަމަކަމާ އެކު ކުރިއެވެ.

ރިސޯޓުގައި ހުރިހާ މުވައްޒަފުން ތިބި އިރު، އެމީހުންނަށް ރިސޯޓުން ފޭބޭނީ ހުރިހާ ފަތުރުވެރިން ރިސޯޓުން ފައިބާތާ 14 ދުވަސް ފަހުންނެވެ. ދެމަފިރިން ބުނި ގޮތުގައި ހުރިހާ މުވައްޒަފުން ވެސް ވަރަށް ހިތް ހެޔޮއެވެ. ރޫމްބޯއީ ދުވާލަކު ފަސް ފަހަރު މަތިން އެމީހުންގެ ހާލަތު ބަލާ ކަމަށް ބުންޏެވެ. ބީޗުގައި ރޮމޭންޓިކް ޑިނާއެއް ބޭއްވި ކަމަށް ވެސް އެމީހުން ބުންޏެވެ. ރިސޯޓުގައި މަޑުކުރި ކޮންމެ ރެއަކު، ރެސްޓޯރަންޓުގައި ހާއްސަ ޝޯއެއް ބާއްވައި ދިން ކަމަށް ބުންޏެވެ.

ހެނދުނުގެ ނާސްތާ ވެސް ވަރަށް ފުރިހަމައެވެ. އެމީހުންނަށް އިހްސާސްވީ މަޝްހޫރު މީހަކަށް ހިދުމަތްދޭ ގޮތަށެވެ. ޑައިވިން އިންސްޓްރަކްޓަރު ކައިރިން ދާ ކޮންމެ ފަހަރަކު، އޭނާ އާދޭސް ކުރަނީ ސްނޯކްލިން އަށް ދިއުމަށެވެ. ހުރިހާ މުވައްޒަފުންގެ ފަރާތުން ވެސް ފެނުނީ މަޑުމައިތިރިކަމާއި ހިތްތިރި ކަމެވެ.

"އަހަރުމެން ވަރަށް ގިނަ އިން ޓޭބަލް ޓެނިސް ކުޅެން. ބިލިއާޑް ވެސް،" ޑި ފްރެއިޓަސް ކިޔައި ދިނެވެ.

ޑި ފްރެއިޓަސް ކިޔައި ދިން ގޮތުގައި ބައެއް ދުވަސް ދުވަހު ހަވީރު ގަޑީގައި ނުކުންނަނީ މުވައްޒަފުންނާ އެކީގައި ފުޓްބޯޅަ ކުޅުމަށެވެ.

ސައުތު އެފްރިކާ މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ލޮކްޑައުން ކުރަން އެ ގައުމުގެ ސަރުކާރުން ވަނީ ނިންމައިފައެވެ.

ޑި ފްރެއިޓަސް

"ގަބޫލެއް ވެސް ނުކުރެވޭ މިގޮތަށް އިތުރު ވަގުތު ލިބޭނެ ކަމަކަށް. އެކަމަކު، މާލީ ގޮތުން އަހަރުމެން ބޮޑު ބުރައެއް އުފުލަން ޖެހޭ،" ޑި ފްރެއިޓަސް ބުންޏެވެ.

ޑިސްކައުންޓް ރޭޓެއްގައި ހިދުމަތްތައް ދިން ކަމުގައިވިޔަސް، ދައްކަން ޖެހޭ ބިލްތައް ވަނީ ގިނަވެފައެވެ. އެންމެ ފަހުން ބޭނުން ކުރަން ޖެހުނީ އެއްކޮށްފައި ހުރި ފައިސާ ކަމަށް ބުންޏެވެ. އެހާ ގިނަ ހަރަދުތަކެއްކޮށްފައި ވަނިކޮށް، އެމީހުންނަށް އެމްބަސީން އެންގީ ރިސޯޓުން ފޭބުމަށެވެ.

އަދި އިއްޔެ އެމީހުން ލޯންޗެއްގައި ގެންދިޔައީ ފަސް ތަރީގެ ރިސޯޓަކަށެވެ. އެ ރިސޯޓުގައި މުޅިން ވެސް ތިބީ ސައުތު އެފްރިކާގެ ފަތުރުވެރިން ކަމަށްވެއެވެ. ދެމަފިރިން ކިޔައި ދިން ގޮތުގައި އެ ރިސޯޓުގައި އެކަނި ވެސް ސައްވީހަކަށް ފަތުރުވެރިން އެބަތިއްބެވެ.

ރިސޯޓުގެ މެނޭޖްމަންޓުން އަންގާފައި ވަނީ އެ ތަނުގައި ތިބި ކަމުގައިވިޔަސް ހަރަދުތަކެއް ދާނެ ކަމަށާއި އެ ތަނުގައި ދެ ހަފްތާ ވަންދެން މަޑު ކުރަން ޖެހޭނެ ކަމަށެވެ.

އެމީހުންނަށް އެނބުރި މަންޒިލަށް ދެވޭނެ އިރެއް ވެސް އަދިވެސް ނޭނގެއެވެ. އެކަމަކު، އެމީހުން މިހާރު ކުރަން ޖެހިފައި މިވަނީ ތަފާތު ތަޖުރިބާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދެރަ22

    ހައި ކްލާސް ސާރވިސް ނުދީ އެމީހުނަށް އެހީތެރިވެވޭނެ ގޮތެއް ކަންނޭގެ ރާވަންވީ..

    77
  2. މޫމި

    މިހާރު ރަނގަޅު