ކޮވިޑް-19 އާއި ގުޅިގެން ހ.ދ. ކުޅުދުއްފުށީގައި ހުޅުވި ފުލޫ ކުލިނިކް އަށް 130 އަށް ވުރެ ގިނަ ބަލި މީހުން ދައްކައިފި ކަމުގައި އެ ކްލިނިކް އިން ބުނެފިއެވެ.

ކުޅުދުއްފުށީގައި ފުލޫކުލިނިކެއް ހުޅުވާފައިވަނީ ކޮވިޑް-19 އާއި ގުޅިގެން އެރަށުގައި ގާއިމްކޮށްފައިވާ ލޯކަލް މާރްކޭޓް ބަންދުކުރުމަށް ފަހު އެތަނުގައެވެ.

ކޮވިޑް-19 އާއި ގުޅިގެން އެރަށުގައި ގާއިމު ކޮށްފައިވާ ފްލޫ ކްލިނިކަށް ހުޅުވި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް 138 މީހަކު ދައްކާފައިވާކަމަަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗުން) ބުނެއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާއިން ރައްކާތެރިވުމަށް ކުޅުދުއްފުށީން އަޅަމުން ގެންދާ ފިޔަވަޅުތަކަކުގެ ދަށުން އެ ރަށުގައި ގާއިމްކުރި މި ފުލޫކްލިނިކް ހުޅުވާ ފުރަތަމަ ޙިދުމަތް ދޭން ފަށާފައިވަނީ މާޗް މަހުގެ 21 ވަނަ ދުވަހުއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ މިހާތަނަށް 138 މީހަކު އެ ކުލިނިކުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި އޭގެ ތެރޭގައި 134 މީހުންނަކީ ދިވެހިން ކަމަށާއި ދެން ހިމެނެނީ ހަތަރު ބިދޭސީން ކަމަށެވެ. މާރިޗު މަހު 122 މީހުން ދައްކާފައިވާއިރު މި މަހުގައި މިހާތަނަށް 16 މީހަކު ކްލިނިކް އަށް ދައްކާފައިވާ ކަމަށް އެރަށު ހޮސްޕިޓަލް އިން ބުނެއެވެ. ޖުމްލަ 70 ފިރިހެނުންނާއި 68 އަންހެނުން ވަނީ އެ ކްލިނިކް އަށް ދައްކާފައެވެ.

ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ ހޮސްޕިޓަލަށް ނުވަތަ ކުލިނިކަށް އައުމުގެ ކުރިން ވީހާވެސް އަވަހަށް ކޮވިޑް-19 ހެލްޕް ލައިން ނަމްބަރު 7606688 ގުޅުއްވުމަށް އެ ހޮސްޕިޓަލް އިން ވަނީ އެދިފައެވެ.

ބިދޭސީންނަށްވެސް ހިލޭ ކުލިނިކުން ފަރުވާ ލިބޭނެ ކަމަށާއި ފްލޫ ކްލިނިކް ހުޅުވާފައި ހުންނާނީ ހެނދުނު 09:00 – 12:00 އަދި މެންދުރު ފަހު 13:00 ން ހަވީރު 15:00 އަށް ކަމަށް ކުޅުދުއްފުށި ހޮސްޕިޓަލް އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު