ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ދަނޑިވަޅުގައި ގާނޫނުއަސާސީގައި އަތްލަން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ހާލަތު އާއްމު ހާލަތަކަށް ރުޖޫއުވެ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމާއި ހަމައަށް މިހާރު ހިނގަމުންދާ ކައުންސިލްގެ ދައުރު ދަންމާލުމަށް ގާނޫނުއަސާސީ އަށް އިސްލާހު ހުށަހެޅުމަށް ރައްޔިތުންގެ މަޖިލިހަށް ވަނީ ފޮނުވައިފައެވެ. އެ އިސްލާހު މަޖިލިހަށް ފޮނުއްވީ ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް)އެވެ.

މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ދަންމާލަށް ގާނޫނުއަސާސީއަށް އިސްލާހެއް

އޮންލައިންކޮށް ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި އާޒިމް ވިދާޅުވީ ރާއްޖޭގައި މިހާރު އޮތީ ގާނޫނުއަސާސީގައި ބުނާ ފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް ނޫން ކަމަށާއި އެކަމާ ދޭތެރޭގައި އެއްވެސް ގޮތަކަށް އިންކާރު ނުކުރައްވާ ކަމަށެވެ.

މިކަހަލަ ހާލަތްތަކުގައި ހުދުމުހުތާރު ވެރިއަކު ހުންނެވި ނަމަ، ގާނޫނުއަސާސީ އަށް ބަދަލު ގެނައުމަކީ ވަރަށް ގާތް ކަމެއް ކަމަކަށް ވިދާޅުވެ، އާޒިމް މިސާލު ނެންގެވީ ކުރީގެ ރައީސް އަދި މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށެވެ.

"މިސާލަކަށް ވަކި ވެރިއަކު ބުނާ ކަމަށްވަނީ ނަމަ، ޔާމީން ވެރިއަކަށް ހުންނެވި ވަގުތެއްގައި މިކަހަލަ ހާލަތެއް އައިސްގެން ގާނޫނުއަސާސީ އަށް ބަދަލު ގެނައުމުގެ ވިސްނުން ގެންގުޅުމަކީ ވަރަށް ގާތް ކަމެއް. މިސާލަކަށް ވެރިކަމުގެ ދައުރު ބަދަލުކޮށްލުމުގެ ފުރުސަތު އެބައޮތް. ނަމަވެސް ކުއްލި ނުރައްކަލުގެ މިހާރު އޮތް ހާލަތުގެ ދަށުން، އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ގެނައި ކުއްލި ނުރައްކަލުގެ ހާލަތެއް މި ހާލަތަކީ. މި ހާލަތުގެ ދަށުން ވެސް އެބަދެވޭ ވަރަށް ބޮޑު ބާރުތަކެއް،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ މަތިން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ވަރަށް ގިނަ ކަންކަން މިހާރު ވެސް މަނާ ކުރެވެއެވެ. އެގޮތުން މަގުމައްޗަށް ނުކުމެ އުޅުމާއި ކޯޓު އަމުރަކާ ނުލައި މީހުން ހައްޔަރު ކުރުން ފަދަ ބޮޑެތި ބާރުތަކެއް ލިބިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ނިންމުމަކަށް ވާންވީ މިކަހަލަ ހާލަތުގައި ނުވާނެއޭ ގާނޫނުއަސާސީގައި އަތްލާކަށް. ގާނޫނުއަސާސީގައި އަތްލައިފި ކަމަށްވާ ނަމަ، ހުދުމުހުތާރު ނުބައި ވެރިއަކު ހުންނަ ވަގުތެއްގައި ގާނޫނުއަސާސީގައި އޮންނަ ވެރިކަމުގެ ބާރާއި މަޖިލިސް އުވާލުން މިހެން ގޮސް ނުކުރެވޭނެ އެތައް ބާރުތަކެއް އަތަށް ދަމައިގަތުމުގެ ފުރުސަތު އެބައޮތް. އެހެންވީމަ އަޅުގަނޑުމެން ގަބޫލު ކުރަނީ މިވަގުތު ގާނޫނުއަސާސީގައި އަތްލާކަށް ނުވާނެއޭ. އަތްލުމަކީ ބުއްދިވެރި ގޮތެއް ނޫނޭ،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު އޮތީ އާދައިގެ ހާލަތެއްގައެއް ނޫނެވެ. ގާނޫނުއަސާސީގައި އަތްލާންވީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އާންމު ހާލަތަކަށް ދިޔައީމަ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ގޯނބިލި

    އާޒިމަށް ތިޔަ ހެޔޮވިސްނުން ދެއްވިކަމައްޓަކައި ﷲ އަށް ޙަމްދާއި ޝުކުރުކުރަން އެކަމަކު ދެރައީ ގިނަ ޤަމާރުންނަށް ނުވިސްނޭތީ

  2. ގާދިރު

    މިދަނޑި ވަޅުގައި އެންމެ ބުއްދިވެރި ގޮތަކީ މަޖިލިސް އުވާލުން އޭރުން މަހެއްގެ މައްޗަށް 30 މިލިއަން ރުފިޔާ ސަލާމައި ކުރެވުނީ. އޭގެންވެސް ހުރިހައި ދިވެހި ރައްޔިތުން ނަށް ކައިގެން އުޅެވޭނެ. އަޅުގަނޑު ވަރަށް އަދަބުވެރި ކަމާއެ ރައީސް އަށް ގޮވާލަން މަޖިލިސް އުވާލަ ދިނުމަށް.....................

  3. ބްރޯ

    ކައުންސލް ދެންމުމަށް ހެދޭނެ ފުރަތަމަ ގޮތަކީ ގާނޫނުއަސާސީ އިން ކައުންސލްގެ ދަވްރު 5 އަހަރަށް ބަދަލު ކޮށްލާ ދެންގާނޫނު ވެސް 5 އަހަރަށް ބަދަލު ކުރީމަ އެވީ ދެވަނަގޮތަކީ ގާނޫނުއަސަސީގެ 80 ވަނަ މާއްދާގަބުނާ މަޖިލީހުގެ އިންތިހާބުނޫނަސް އާންމު އިންތިހަބެއް ބޭއްވުމަށް ދަތިވެއްޖެ ކޮންމެ ހާލަތެއްގާވެސް މަޖިލީހުން އެކަމާބެހޭގަރާރެއް ގާނޫނުއަސަސީގެ 80 ވަނަ މާއްދާގެ ދަށުންފާސްކުރެވިދާނެ އަދި އެގަރާރު ސްޕްރީމްކޯޓަށް ހުށަހެޅިދާނެ އަދި ސްޕްރީމްކޯޓުން މިކަމުގާ ނިޔާއެއް ކަނޑައެޅިދާނެ. އޭރުން ގާނޫނުއަސަސީއަށްވެސް ގާނޫނަށް ވެސް އިސްލާހެއްގެންނަކަށެއްނުޖެހޭނެ. .ދެން ކޮން ސަންސެޓެއް އެގާނޫނު ހަދާކަށް ނުޖެހޭނެ މިކަމަށް ހައްލު ގެނެވިދާނެ ދެގޮތަކީ މިއީ

  4. ޑާން

    ގާނޫނުއަސާސީން ހެދޭ ގަވާއިދަކުންވިޔަސް އެއްވެސް މިންވަރަކަށް ރައްޔިތުންގެ ކަންތައްތަކެއް ހާލަތެއް ދިމާވެގެން ހިފެހެއްޓިފައިވާ ހާލަތެއްގައި ގާނޫނުއަސާސީ ގައިއަތްލައި އެއެފުށްމިފުށަށް ޖަހަންއުޅުމަކީ ހުދުމުހުތާރު ވެރިކަމޭ ބުނެވޭނެ

    4
    1
  5. ދިވެހި

    އެއީ ކަނު އެއްޗެއް

  6. ޑަކައިތަ

    ގާނޫނުއަސާސީން ހެދޭ ގަވާއިދަކުންވިޔަސް ހާއްސަ ހާލަތެއް ދިމާވެގެން އެއްވެސް މިންވަރަކަށް ރައްޔިތުންގެ ކަންތައްތަކެއް ހިފެހެއްޓިފައިވާ ވަގުތެއްގައި ގާނޫނުއަސާސީއާ އަތްލައި އެފުށްމިފުށަށް ޖެހުމަކީ ހުދުމުހުތާރުގެ ލަގަބުލިބިގެންދާނެކަމެވެ

    3
    1
  7. ބޭޗާރާ

    ކޮން ހާލަތެއްގެ ވާހަކައެއް ދައްކާކަށްތަ؟ ޞިއްޙަތާބެހޭ ގާނޫނަށް ބައެއް އިތުރުކޮށްފައި އިލެކްޝަނެއް ބޭއްވުމަށް މަގުފަހިވެއްޖެކަން ނޫންކަން ކަނޑައެޅުމުގެ ބާރު ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތަށް ދިނީމާ ނިމުނީ. މިހާލަތުގައި ތިޔަ މަޖިލީހުގެ މެންބަރުންގެ މުސާރަ ނެގުން ގޯހެއް ނުވާނެތަ؟!