އައިޖީއެމްއެޗްގައި 24 ގަޑިއިރުން ކޮވިޑް-19 އަށް 300 ޓެސްޓް ކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހީމް ސަލީމް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލީމް ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ވަރަށް ބާރު ސްޕީޑްގައި ކަމަށެވެ. އެގޮތުން މިހާތަނަށް އައިއިރު، 1،750 ޓެސްޓް ހަދާފައިވާ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ. ރާއްޖޭގައި ކަރަންޓީން ކުރި އެންމެން ވެސް ދޫކޮށްލަނީ ޓެސްޓް ކުރުމަށްފަހުގައި ކަމަށް ވާތީ އެ މަސައްކަތް 24 ގަޑިއިރު ކުރިއަށް ގެންދާ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މިހާރުގެ ކެޕޭސިޓީއަކީ 24 ގަޑިއިރު ތެރޭގައި 200 ޓެސްޓް ހެދުން. އިތުރަށް 300 ޓޭސްޓަށް 24 ގަޑިއިރަކު މި ހެދުމުގެ ގާބިލްކަން ފުޅާ ކުރުމަށް. ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި ތިން ވަނަ މެޝިނެއް ބެހެއްޓި، 300 ޓެސްޓް ހެދުމުގެ ގާބިލްކަން އަޅުގަނޑުމެންނަށް ލިބޭނެ،" ސަލީމް ވިދާޅުވިއެވެ.

ސަލީމް ވަނީ ލެބުގައި ވަރަށް ގިނަ މުވައްޒަފުން މަސައްކަތް ކުރާ ކަން ފާހަގަ ކުރައްވައި ޓެސްޓް ކުރުމުގެ މަރުހަލާގައި އެހެނިހެން ބައެއް އިދާރާތަކުގެ އެހީތެރިކަން ހޯދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މި މެޝިނަށް ތަމްރީންވެފައި ތިބި މަދު ބަޔަކު މިތިބީ ރާއްޖޭގައި. އެގޮތުން އަޅުގަނޑުމެން ރިސޯސް ހޯދާފައި ހުންނާނެ ފުލުހުންނާއި ޝީގެ ފަރާތުން. އެހެންވީމަ އަޅުގަނޑުމެން މި ދަނީ އެ ތިބި ރިސޯސް ބޭނުން ކުރަމުން 24 ގަޑިއިރު މި އަންނަ ޓެސްޓްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެމުން،" ސަލީމް ވިދާޅުވިއެވެ.

ކޮވިޑް-19 އަށް މީހުން ޓެސްޓް ކުރުމުގެ ޒިންމާ ރާއްޖޭގައި ކުރަނީ ހަ މުވައްޒަފުން ނަމަވެސް، ޓެސްޓް ކުރުމުގެ މަރުހަލާގައި ގިނަ ބައެއްގެ އެހީތެރިކަން ދަނީ ލިބެމުން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ. އަދި ސާމްޕަލް ނެގުމަށާއި ސާމްޕަލް އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގައި ވެސް ބުރަ މަސައްކަތްތަކެއް ކެނޑިނޭޅި ދަނީ ކުރަމުންނެވެ.

ރާއްޖެއަށް މިއަދު ގެނައި އިތުރު 5000 ޓެސްޓިން ކިޓާ އެކު ޖުމްލަ 11،000 ޓެސްޓިން ކިޓު މިހާރު ރާއްޖޭގައި އެބަހުއްޓެވެ.