މިދިޔަ ހޮނިހިރު ދުވަހު އައްޑޫ ސިޓީ ހިތަދޫ އިން ގެއްލުނު ދެ ކުދިން ހޯދުމަށް ޑައިވިން ރޮބަޓް ބޭނުންކޮށްގެން ކަނޑު އަޑީގެ ބޮޑު ސަރަހައްދެއް ބަލައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ގެއްލުނު ދެ ކުދިން ހޯދުމަށް އެމްއެންޑީއެފްގެ ޑައިވަރުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މިއަދު ވެސް ޑައިވިން ރޮބޮޓް ބޭނުންކޮށްގެން ކަނޑު އަޑީގެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
ހޮނިހިރު ދުވަހު މޫދަށް އެރި އުޅެނިކޮށް ގެއްލުނީ އައްޑޫ ސިޓީ ހިތަދޫ ޗަނބޭލީގޭ، އަލީ ފަހުމީ އާއި ޓޮޕާޒް، މަޔާމީން އަލީއެވެ.
އަލީ އާއި މަޔާމީންގެ އިތުރުން ރާއިފް ކިޔާ ކުއްޖަކު ހިތަދޫ ފުއްޓަރު ފަރާތައް މޫދަށް އެރި އުޅެނިކޮށް ތިން ކުދިން ރާޅާއި އެކު ބޭރަށް ދަމައިގަތެވެ. ނަމަވެސް އަތިރިމަތީގައި ހުރި ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް އެމަންޒަރު ފެނިގެން ރާއިފް ވަނީ ސަލާމަތް ކޮށްފައެވެ. އަނެއް ދެކުދިން ސަލާމަތް ކުރެވުމުގެ ކުރިން އެކުދިން ވަނީ ގެއްލިފައެވެ.
ގެއްލިގެން ހޯދަމުންދާ ދެ ކުދިންގެ ތެރެއިން އަލީ ފަހްމީ ލައިގެން އުޅުނު ސޯޓް މިދިޔަ ހޯމަ ދުވަހު ފުލުހުން ވަނީ ހޯދާފަ އެވެ.
އަލީ އާއި މަޔާމީން ހޯދުމުގެ މަސައްކަތް ކަނޑު މަގުންނާއި ވައިގެ މަގުން އަދިވެސް ހުއްޓުމެއް ނެތި ދަނީ ކުރަމުންނެވެ.
ދެކުދިން ހޯދުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުންގެ އިތުރުން ވަރަށް ގިނަ އަދަދެއްގެ އާންމުން ވެސް ދަނީ ބައިވެރި ވަމުންނެވެ.