ރ. އިންނަމާދޫގައި ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު ބިދޭސީއަކަށް ހަމަލަދީގެން ހައްޔަރު ކުރި ދެ ދިވެހީން ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ނިންމައިފިއެވެ.

ފުލުހުން ބުނީ އިންނަމާދޫގައި ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު 28 އަހަރުގެ ބަންގުލަދޭޝް ރައްޔިތަކަށް ހަމަލަދީގެން ރިޕޯޓްކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. އެ މައްސަލައާ ގުޅިގެން 38 އަހަރާއި 48 އަހަރުގެ ދެ ދިވެހީން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށް ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ދެ ދިވެހިން ދޫކޮށްލި މައްސަލާގައި ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ހެއްކާއި ގަރީނާ ހުށަހަޅާފައި ވަނިކޮށް އެ މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހުން އިންނަމާދޫ ކޯޓުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ. ޕީޖީ ޝަމީމް ވަނީ މެޖިސްޓްރީޓެ ކޯޓުތަކުން ހިންގާ މިފަދަ އަމަލުތައް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލުމަށް ގޮވާލައިފައެވެ.

https://twitter.com/HuShameem/status/1247127079264501761?s=20

އެ މާރާމާރީ ހިނގަން މެދުވެރިވީ، 48 އަހަރުގެ ދިވެހި ފިރިހެން މީހާ ދިރުއުޅޭގޭގައި ހުރި ގަސްތަކަށް އޭނަ ފެން ދޭން އުޅުމުގެ ތެރޭގައި، ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު މީހުން ގެންގުޅޭ މެޝިންތަކަށް ފެން ބުރުމުން ބިދޭސީ މީހާ އެ ޝަކުވާ ކުރުމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ މާރާމާރީގައި ބިދޭސީ މީހާގެ ނޭފަތްމަތިން ފަޅައިގެން ގޮސް ދުޅަވުމުގެ އިތުރުން ވާއަތު ލޯކައިރިން ފަޅައިގެން ގޮސް މުޅި މޫނުމަތި ވެސް ދުޅަވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.