މިދިޔަ މަހު މާލޭ ސަރަހައްދުގެ 3 ޖަލަކަށް ވަގަށް 40 ފޯނު ވައްދާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހާމަ ކޮށްފިއެވެ.

ކަރެކްޝަންސް މިދިޔަ މަހުގެ ތެރޭގައި މާލެ ޖަލާއި މާފުށި ޖަލުގެ އިތުރުން އައްސޭރި ޖަލުގައި ހިންގި އޮޕަރޭޝަންތަކުގެ މައުލޫމާތު ހާމަކޮށް ކަރެކްޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މާފުށީ ޖަލުން މިދިޔަ މަހު ވަގަށް 29 ފޯނާއި، 6 ސިމް ކާޑާއި 21 ފޯނު ޗާޖަރާއި 11 ހެޑްސެޓާއި 11 ފޯނު ބެޓެރީގެ އިތުރުން ފަސް ފޯނު މެމޮރީ ކާޑާއި 6 ޔޫއެސްބީ ކޭބަލް އަދި ޖަލަށް ވެއްދުން މަނާކޮށްފައިވާ 17 ތަކެތި މާފުށި ޖަލުގެ އެކި ގޮޅިތަކުން ފެނިފައިވާ ކަމަށެވެ.

މާލެ ޖަލުން މިދިޔަ މަހު ވަގަށް 8 ފޯނާއި، ދެ ސިމް ކާޑާއި ހަތަރު ފޯނު ޗާޖަރާއި ޖަލަށް ވެއްދުން މަނާ ހަތް ތަކެތި އެ ޖަލުގެ އެކި ގޮޅިތަކުން ފެނިފައިވާ ކަމަށެވެ. އައްސޭރި ޖަލުގެ އެކި ގޮޅިތަކުން ތިން މޮބައިލް ފޯނާއި ތިން ސިމް ކާޑުގެ އިތުރުން ޖަލަށް ވެއްދުން މަނާ ދެ ބާވަތެއް ފެނިފައިވާ ކަމަށެވެ.

މިދިޔަ މަހުގެ ތެރޭގައި އިތުރު 60 މީހަކު ވަނީ ޖަލަށް ގެންގޮސްފައެވެ. އޭގެތެރެއިން 35 މީހުންނަކީ ޖަލު ހުކުމް އިއްވި މީހުންނެވެ. އަދި ބާކީ 24 މީހުންނަކީ ތަހުގީގު ނިމެންދެން ބަންދު ކޮށްފައި ތިބޭ މީހުންނެވެ.

އެންމެ ގިނައިން މިދިޔަ މަހުގެ ޖަލަށް ލާފައިވާ މީހުންނަކީ މަސްތުވާތަކެއްޗާއި ގުޅޭ މައްސަލަތަކުގައި ޖަލަށްލި މީހުންނެވެ. އެގޮތުން މިދިޔަ މަހު ޖަލަށްލި މީހުންގެ 37.1 ޕަސެންޓު މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ގުޅިގެން ޖަލަށް ލާފައިވާ މީހުންނެވެ. ދެން އެންމެ ގިނައީ އަމުރެއް ނުކިޔަމަންވާ މީހުންނެވެ. 11.4 ޕަސެންޓު މީހުން އަމުރަށް ނުކިޔަމަންވެގެން ޖަލަށްލާފައިވާއިރު މިދިޔަ މަހު ޖަލަށްލި މީހުންގެ ތެރެއިން 8.6 ޕަސެންޓު މީހުންނަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ޖަލަށް ލެވުނު މީހުންނެވެ.

އަލަށް އައްޔަން ކުރެއްވި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅުގެ ބެލުމުގެ ދަށުން ޖަލުގައި ހިނގާ ކަންކަން ބެލުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އަދި ޖަލުގެ ގައިދީންނާއި ޖަލު އޮފިސަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށްވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. "ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019"ގައި ހުރި ކަންކަން ތަންފީޒު ކުރުމުގެ ގޮތުން، ހާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާކަން ފާހަގަކޮށްލެވެއެވެ. އެ ކޮމިޓީއަކީ ޖަލިއޮޑިޓް ރިޕޯޓްގައި ގައި ފާހަގަކުރައްވާފައިވާ ކަންކަމުގެ ތެރެއިން ކަރެކްޝަނަލް ސާވިސްއަށް ހުށަހަޅާފައި ހުރި ކަންކަން ތަންފީޒުކުރުމަށާއި، އެ މަސައްކަތްތައް ކުރިއަށްދާ މިންވަރު ބެލެހެއްޓުމަށް ހާއްސަ ކޮމިޓީއެއް ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.