ލަންކާއިން މީހުން ގެނައުމުގައި މޯލްޑިވިއަންގެ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށް މޯލްޑިވިއަންގެ ޕީއާރު އެންޑް ކޮމިއުނިކޭޝަން މޫސާ ވަސީމް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ، ލަންކާއިން މީހުން ގެނައުމުގައި މޯލްޑިވިއަން އިން ބެލި އުސޫލެއް ނޯންނާނެ ކަމަށެވެ. އަދި 1000 އަށް ވުރެ ގިނަ މީހުން ލަންކާއިން އެނބުރި ރާއްޖެއަށް އައުމަށް އެދުނު ކަމަށާއި، އޭގެ ތެރެއިން ޓިކެޓް ލިބުނު މީހުންނާއި ޓިކެޓް ނުލިބޭ މީހުންނަށް ވެސް އެކަން އަންގާފައިވާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

އެކަންކޮށްފައި ވަނީ އޮޓޮމެޓިކް ސިސްޓަމެއް މެދުވެރިކޮށް ނޫން ކަމަށާއި، އެކަން ކުރީ ވަކިވަކިން މޯލްޑިވިއަންގެ މުވައްޒަފުން މެދުވެރިކޮށް، ލަންކާއިން ރާއްޖެ އަންނަން އެދުނު މީހުންނަށް ޖަވާބުދާރީ ވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ރާއްޖެއަށް ގެނައި މީހުންގެ ތެރޭގައި ސިއްހީ ފަރުވާ އަށް ރާއްޖެއިން ބޭރަށް ދިޔަ މީހުންނާއި، މޯލްޑިވިއަން މެދުވެރިކޮށް އަނބުރާ އައުމަށް ކުރިން ޓިކެޓް ނަގާފައި ވަނިކޮށް، ދަތުރު ކެންސަލްވި މީހުންނަށް އިސްކަން ދިން ކަމަށް މޫސަ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް އިނގޭ އިނގޭތޯ ތި ކޮންސާން ހަމަ އަންނާނެ. އަޅުގަނޑުމެންނަށް ވެސް ހަމަ ތިގޮތަށް އާދޭ. މިސާލަކަށް ކިހިނެތްތޯ ބެލުނީ، ކާކުތޯ ކާކުތޯ އޭނަ ފްލައިޓް ކެންސަލް ކުރިތޯ ބެލީ. އަޅުގަނޑުމެންނެއް ނޫންތޯ އެތަނަށް ދަތުރު ކުރަނީ. މޯލްޑިވިއަންއިން ދަތުރު ކުރާ އިރެއްގައި އަޅުގަނޑުމެންނަށް އިނގޭ ދެއްތޯ ފްލައިޓް އެންމެ ފަހުން ކެންސަލްވީ ދުވަހު، ދަތުރުކުރަން ތިބީ ކޮންބައެއްކަން." މޫސަ ވިދާޅުވިއެވެ.

ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ބޭރު ގައުމުތަކުގައި ތިބި ދިވެހިން ރާއްޖެ އަށް ގެންނަން ކުރާ މަސައްކަތުގެ ދަށުން ސްރީލަންކާގައި ތިބި ދިވެހިން ގައުމީ އެއާލައިން، މޯލްޑިވިއަން އިން ޗާޓާޑް ފްލައިޓުން ރާއްޖެ ގެނައުމުގައި އެއްވެސް ނުފޫޒެއް ސަރުކާރުން ނުފޯރުވާ ކަމަށް ސަރުކާރުން ކޮވިޑް-19 ގެ މައުލޫމާތު ދިނުމަށް ހާއްސަކޮށްފައިވާ ތަރުޖަމާނު، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒްވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އަދި އެ ނޫން ގޮތަކަށް ކަމެއް ހިނގާފައިވާ ކަމަށް ރިޕޯޓުކޮށްފި ނަމަ، އެ މައްސަލައެއް ބައްލަވާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. ރޭގެ ވަގުތެއްގައި މޯލްޑިވިއަން އިން ވަނީ ލަންކާގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެއައުމަށް ބޭނުންވި މީހުންގެ ތެރެއިން 100އަށްވުރެ ގިނަ މީހުން ރާއްޖެ ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު