ބޭރަށް ނިކުތުމާއި ވެހިކަލް ދުއްވުން މަނާ ކޮށްފައިވާ ވަގުތުގައި މިއަދު 183 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 17:00އިން ފެށިގެން 20:00އާ ހަމައަށް 183 މީހަކަށް ނަސޭހަތް ދީފައިވާއިރު އޭގެތެރެއިން 150 މީހަކީ ދިވެހިން ކަމަށެވެ. އަދި 33 މީހަކީ ބިދޭސީން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ދެވަނަ ފަހަރަށް ހަ މީހަކަށް ނަސޭހަތް ދީފައިވާ ކަމަށެވެ. އަދި މިއަދުވެސް އެކަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މިއަދުވެސް މީހަކު ޖޫރިމަނާ ކޮށްފައިވާއިރު އިއްޔެވެސް ފުލުހުން ވަނީ އެކަކު ޖޫރިމަނާ ކޮށްފައެވެ.

މިއަދު 183 މީހަކަށް ނަސޭހަތް ދީފައިވާއިރު މިއީ އިއްޔެ ނަސޭހަތް ދިން މީހުންނަށްވުރެ ގިނަ އަދަދެކެވެ. އެގޮތުން އިއްޔެ ނަސޭހަތް ދިނީ 139 މީހަކަށެވެ.

މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 17:00އިން ފެށިގެން 20:00އާ ހަމައަށް މީހުން މަގުތަކަށް ނިކުތުމާއި ވެހިކަލްތައް ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި އެ ނޫން ވަގުތުތަކުގައި ވެސް ތިން މީހުންނަށް ވުރެ ގިނަ މީހުން ނުނިކުތުމަށް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައްޔު

    ފުރަތަމަވެސް ސީޕީ 3 ވަނަފަހަރަށޭ ޖޫރިމަނާކުރަނީއޭ ބުނުމަކީ ހެދުނުގޯހެއް ދިވެހިން 3 ފަހަރޭ ބުނެފިނަމަ ތިންފަހަރު ހަމަކުރާނެ.

    3
    2
  2. ޛސޖސހ

    އަސްލު ޖޫރިމަނާ ނުކުރެވިގެން މިއުޅެނީ އެމް.ޑީ.ޕީ މީހުން ކަންނޭންގެ އާމުކޮށް މިފެންނަނީ މަގުތަކުން. އެހެން ނޫނީ 183 މީހުން ނުކުމެ އުޅުން އިރު ކީއްވެތޯ އެންމެ މީހެއް ޖޫރިމަނާކުރީ.

  3. ރައްޔިތު މީހެއް

    ހެޔޮ ނުވާނެ ތި މީހުންގެ މައްޗަށް އަމު ރަށް ނުކިޔަމަންތެ ރި ވުމުގެ ދަޢުވާކޮށް އަދަބު ދީބަލަ ބޮޑުވެއްޖެ ކަމެއްނުންތި