ރާއްޖޭގައި ޗުއްޓީއެއް ހޭދަކޮށް، ޗައިނާއަށް ދިޔަ ފަހުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވްވި) ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިޔާ މަރުއޯން ފެލައިނީއާ ކޮންޓެކްޓްވި ތިން މީހަކު އައިސޮލޭޓްކޮށް އެމީހުން ޓެސްޓް ކުއިރު ދެފަހަރަކު ނައްސި (ނެގެޓިވް) ވުމުން އެމީހުން ދޫކޮށްލައިފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ފެލައިނީ އާއި ބައްދަލުވި މީހުންގެ ތެރެއިން ވެލިދޫ ގައި އައިސޮލޭޓް ކޮށްފައި ތިބި ތިން މީހުން ޑަބަލް ނެގެޓިވް ވުމުން ދޫކޮށްލާފައިވާ ކަމަށެވެ.

ކޮވިޑް-19 އަށް ފެލައިނީ ފައްސިވީ ރާއްޖޭގެ ވަން އެންޑް އޮންލީ ރީތިރަށުގައި ޗުއްޓީ ހޭދަކުރުމަށް ފަހު މާޗު 12 ގައި، އެނބުރި ޗައިނާ އަށް ދިޔަ ފަހުން މާޗް 20 ވަނަ ދުވަހު އެވެ.

މަބްރޫކް ކުރިން ވިދާޅުވީ ފެލައިނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައި ވަނީ މާޗް 20 ވަނަ ދުވަހު ކަމަށާއި ނަމަވެސް އޭރު އޭނާ ރާއްޖެ އިން ފުރައިގެން ދިޔަތާ 14 ދުވަސް ނުވާތީ އޭނާ ރާއްޖެ އިން ފުރައިގެން ދިޔައިރު ވެސް ކޮވިޑް-19 ޖެހިފައި ހުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ފެލައިނީ އަށް ކޮވިޑް-19 ޖެހުނީ ރާއްޖެ އިން ފުރައިގެން ދިޔަ ފަހުން ކަމަށް ބެލެވުނު ނަމަވެސް އޭނާ އާއި ބައްދަލުވި ދިވެހިން އެކަހެރި ކުރީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.