ކޮވިޑް-19 ގެ އަލާމާތްތައް ފެނި އެ ބައްޔަށް ޓެސްޓު ކުރެވޭ މީހުންނާއި އެ ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން ރަނގަޅުވެގެން ދޫކޮށްލާ މީހުންގެ ފަރާތުން ބަލި ނުޖެހޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ޑރ. ނަޒްލާ މިފަދައިން ވިދާޅުވެފައި މިވަނީ ކޮވިޑް-19 އަށް ޝައްވެގެން ނުވަތަ އަލާމާތްތަކެއް ފެނިގެން އެ ބައްޔަށް ޓެސްޓު ކުރާ މީހުންނާއި މެދު މުޖުތަމައުގެ ބައެއް ފަރާތްތަކުން ތަފާތު ކުރުންތަކެއް ގެންގުޅޭ ކަމަށް ރޭ ދިވެހި ރެޑްކްރެސެންޓުގެ ފަރާތުން ފާހަގަކޮށްފައި ވަނިކޮށެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ޝައްކުވާ މީހުން ނުވަތަ ބަލި ޖެހިފައިވާ މީހުން ދޫކޮށްލަނީ އެމީހުންގެ ހަށިގަނޑުން ކޮވިޑް-19 ގެ އަލާމާތްތައް ފެންނަން ނެތުމުން ކަމަށާއި އެމީހުން ދޫކޮށްލަނީ ޖެހިޖެހިގެން ދެ ޓެސްޓުވެސް ހެދުމަށްފަހު އެ ޓެސްޓުތަކުގެ ނަތީޖާ ނެގެޓިވްވުމުން ކަމަށެވެ. އެފަދަ މީހުންގެ ފަރާތުން ބަލި ޖެހުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި އެކަމުގެ ޔަގީންކަން ޑރ. ނަޒްލާ ވަނީ އާއްމު ރައްޔިތުންނަށް ދެއްވާފައެވެ.

"ބައެއް ފަހަރު ޓެކްސީތަކަށް ނޭރުވުމާއި ނުވަތަ އެބޭފުޅުން މަސައްކަތަށް ނިކުތީމަ މަސައްކަތުގައި އުޅުމުގަޔާ ރަށްޓެހިންނާއި އެކުގައި އުޅޭއިރުގައި އެހެން މީހުން އެކަމާ މައްސަލަ ޖައްސާ ކަންބޮޑުވުންފާޅު ކުރާކަމުގެ ވާހަކަތައް އަޅުގަނޑުމެންނަށް އެބަ އަޑުއިވޭ. އަދިވެސް އެއްފަހަރު އަޅުގަނޑު ފާހަގަކޮށްލަން އައިސޮލޭޗަން ފެސިލިޓީތަކުގައި ތިބޭ މި ބައްޔަށް ޕޮޒިޓިވްވާ މީހުން އަޅުގަނޑުމެން މި ދޫކުރަނީ މައިލްޑް ނޫނީ މޮޑަރޭޓް ކޭސަސްގައި އެމީހުންގެ ގައިން އަލާމާތްތައް ފެންނަ ފަށާތާ 14 ދުވަސް ހަމަ ކުރުމަށްފަހު އަލާމާތްތައް އެއްކޮށް ރަނގަޅުވީމަ އަދި އޭގެ އިތުރަށް ދެ ނެގެޓިވް ޓެސްޓު އެމީހުންގެ އައީމަ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެއިތުރުން މި ބައްޔަށް ޝައްކުވެގެން ޓެސްޓު ހެދުމުން ބައްޔަށް ނެގެޓިވްވާ މީހުންނާއި މެދުވެސް އަމަލު ކުރަނީ މިފަދައިން ކަމަށް ޑރ. ނަޒަލާ ފާހަގަކުރެއްވިއެވެ.

ޑރ. ނަޒްލާ މިފަދައިން ވިދާޅުވިއިރު ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރެޑް ކްރެސެންޓުގެ ފާތިމަތު ހިމްޔާ ވިދާޅުވީ އެފަދަ ފަރާތްތަކަށް މުޖުތަމައުގެ ތެރޭގައި ތަފާތު ކުރުންތައް ގެންގުޅޭ ކަމަށާއި އެކަމުގެ ޝަކުވާތައް ރެޑް ކްރެސެންޓަށް ލިބެމުން އަންނަ ކަމަށެވެ. އޭނާ ވަނީ ކޮވިޑް-19 އަށް ޓެސްޓު ކުރާ ފަރާތްތަކާއި އެ ބައްޔަށް ޝައްކުވާ އަދި އަލާމާތްތައް ހުންނަ މީހުންނާއި މެދު ތަފާތު ކުރުންތައް ގެންގުޅޭ ނަމަ އެކަން ކުރުން ހުއްޓުވަން ޖެހޭ ކަމަށާއި އެކަމަށް ރައްޔިތުން ހޭލުންތެރި ކުރުވަން ޖެހޭ ކަމަށެވެ.

މިއަދުގެ 16:00އާ ހަމައަށް 1793 ސާމްޕަލްއެއް ނަގާފައިވާއިރު އޭގެތެރެއިން ޕޮޒިޓިވްވެފައި ވަނީ މިހާތަނަށް 19 ސާމްޕަލްއެކެވެ. އަދި 1774 ސާމްޕްލް އެއް ނެގެޓިވްވެފައިވާއިރު ޕޮޒިޓިވްވި 19 މީހުންގެ ތެރެއިން 13 މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ. އަދި މިވަގުތު ބައްޔަށް ފަރުވާ ދެމުން އަންނަނީ ހަތަރު މީހަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސުލައިމާން

    ބޭރު ގައުމު ތަކުގައި ދިރިއުޅޭ މީހުން ކީއްކުރަންތޯ ތި ގެންނަނނީ. އަހަރެމެންނަށް ނުރައްކާތެރިކަމާއި ބިރުވެރިން އިތުރު ވުން ނޫން ކަމެއް ނެތް. އެމީހުން ތިބި ގައުމަކަށް ކާބޯ ތަކެތި ފޯރުކޮށްދެވޭނެ ޙަރަދު ކުޑަގޮތެއް ހޯދައިދިނުމުން ފުދެންޖެހޭ. ތަފާތު ކުރުންވެސް މިއޮތީ އިނތިހާއށް އިނގިރޭސިވިލާތުން މިގެނަންނަީ ބޮޑުންގެ އަާއިލާ، ދައިލަތުގެ ޙަރަދުަގަގަ، ލަންކާއިން މިގެންނަނީ ބޮލަކަށް 300ޑޮލަރު ނަގައިގެން. މިވެސް ދެން ކޮން އިންސާދެއް.