ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ލޮކްޑައުންކޮށްފައި އޮތުމުން ރާއްޖެ ނާދެވި ތާށިވެފައި ތިބި 188 ދިވެހިން ރާއްޖެ ގެނެސްފިއެވެ.

އެ ދިވެހިން ރާއްޖެ ގެނެސްފައި ވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓަކުންނެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮޗިން އިން ރާއްޖެ ގެނައި މީހުންގެ ތެރޭގައި ހިމެނެނީ ރާއްޖެ އަންނަން ޓިކެޓު ނެގި ފަހުން ފްލައިޓް ކެންސަލްވުމުގެ ސަބަބުން ނާދެވުނު 117 މީހަކާއި ބޭސް ފަރުވާއަށް އެ ގައުމަށް ގޮސް ތިބި 71 ދިވެހީން ކަމަށެވެ.

މީގެކުރިން، އަވަށްޓެރި ސްރީ ލަންކާގައި ތިބި 100 ދިވެހިން ވެސް ރާއްޖެ ވަނީ ގެނެސްފައެވެ. އެމީހުން ވެސް ގެނައީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. އަދި މެލޭޝިއާއިން ރާއްޖެ ނާދެވިފައި ތިބި ގިނަ މީހުން ގެނައުމަށް ސަރުކާރުން ފްލައިޓެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މަބްރޫކް ވިދާޅުވީ ގައުމުތަކާ ވާހަކަ ދައްކައިގެން ހުއްދަ ލިބޭ މިންވަރަކުން ދިވެހިން ގެންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ބޭރުގެ އެކި ގައުމުތަކުގައި ރާއްޖެ ނާދެވިފައި ތިބި ދިވެހިންގެ އަދަދު ވަރަށް ގިނައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައިޔަތުމީހާ ގެ އަޑު

    މިއީ ބޮޑުންނާއި ވެރިންގެ އާއިލާތަކަށް ލިބޭ ސާވިސްތަކެއް..

    އާންމުން ނަށް ނުވެސްގުޅޭނެ ދޭނަންބަރަށް ސައިޓުވެސް ޑައުކޮށްފަ އެޓެކޭ ފަޅޮލޭކިޔާނެ..

    މިއީ ކޮންކަމެއް އެމީހުން ކުރާ ކަމެއް ކޮށްބަލަ.. އަހަރުމެން ނަ ހައްދާ ގަނޑު ނުގަނަންވާ

    އަހަރުމެން ގެ އުންމީދާއި ނުކުޅެ.. ވަގުތު ބޭކާރު ނުކުރުވާ..

    މިއީ މެލޭޝިޔާ ފްލައިޓްގެ އެކްސްޕީރިއެންސް.. ހުދޮގު ހަދާ ބަޔެއް..ޓިކެޓް ވިއްކީ ހަމަ އެކަނި ދޭންބޭނުންވާ ބޮޑުންނާއި ވެރިންގެ އާއިލާތަކަށް..

    ﷲއަށް ބިރުވެތިވޭ ތީ ހަމަ އަމާނާތް.. އޭގެ ބަލަދުވެރިން ޖަވާބުދާރީވާންޖެހޭނެ..މިއަދު ނުވިޔަސް މާދަމާ..

    އަހަރުމެންނަށް މިޖެއްސި ބުރަޔާއި ތަކުލީފުގެ އަގު އަދާކުރާނީ ކޮންގޮތަކުންކަން ﷲ މޮޅަށް ދެނެވޮޑިގެންވާނީ.