ޖޭޑަބްލިއު ރިސޯޓުން ރޭ ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ އިންޑިއާ އަށް އުފަން އެމީހާ ހޯދުމަށް މިހާރު ކަނޑުގެ 120،000 ސްކޮޔާ މީޓަރު ބަލާފައިވާ ކަމަށެވެ. ނަމަވެސް އެމީހާގެ އެއްވެސް ހިލަމެއް ވެފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. ކަނޑުގެ ސަރަހައްދު ބެލުމަށްޓަކައި އެމްއެންޑީއެފް އިން ކޯސްޓްގާޑްގެ ލޯންޗު ބޭނުންކޮށްގެން ހަރާތްތެރިވަމުން ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ފީނައިގެންވެސް ދަނީ ކުރަމުންނެވެ.

ރޭ ގެއްލިގެން ހޯދަމުން އަންނަނީ އެ ރިސޯޓުގައި އިމާމެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އުމުރުން 30 އަހަރުގެ މީހެކެވެ.

އެމީހާ ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ ރޭ 22:13 ހާއިރު ކަމަށާއި، ސީސީޓީވީ ފޮޓޭޖްތަކުން ފެންނަ ގޮތުގައި ފޯނެއްގައި ހުރެފައި ގޮސް އޭނާ ފުންމާލައިފައި ވަނީ ސަޕްލައި ޖެޓީ އިން މޫދަށް ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.