ސިނާނުގެ މައްޗަށް ދައުލަތުން ބައްތިރީސް ހެކި ހުށަހަޅައިފި މައްޗަންގޯޅީ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސިނާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ނިރުބަވެރިކަމުގެ (ޓެރަރިޒަމްގެ) ދައުވާ ސާބިތު ކުރުމަށް 32 (ބައްތިރީސް) ހެކި ހުށަހަޅައިފިއެވެ.

ދައުލަތުން މއ.ބެރިއަންފަރު، އަބްދުﷲ ސިނާނުގެ މައްޗަށް ނިރުބަވެރިކަމުގެ ދައުވާ އުފުލާފައިވަނީ، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު 2017 ވަނަ އަހަރުން ފެށިގެން ވައްޓާލަން މަސައްކަތް ކޮށްފައިވާތީއާއި، ދައުލަތުގެ ވަކިވަކި ބާރުތަކަށް ބުރޫ އަރާގޮތަށް، 2018 ފެބުރުވަރީ 1 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ނެރެފައިވާ ކޯޓު އަމުރަކީ ރިޝްވަތު ދީގެން ނެރެފައިވާ ކޯޓު އަމުރެއް ކަމަށާއި، އެ އަމުރު ނެރުމުގައި ސިނާނު ބައިވެރިވެފައިވާކަމަށާއި، ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް މެދުވެރިކޮށް އިތުރު ފުލުހުންތަކެއް ލައްވާ ފުލުހުންނާ ކުރިމަތިލައި ޤައުމުގެ ސުލްހަމަސްލަސްކަން ނަގާލައި، ދައުލަތާއި ޤައުމީ ސަލާމަތަށް ނުރައްކާކޮށް ދިވެހި ސަރުކާރު ވައްޓާލަން މަސައްކަތް ކޮށްފައިވާކަމަށް ބުނެއެވެ.

ސިނާނުގެ މައްޗަށް 32 ހެކި ހުށަހަޅާފައިވާނެކަމަށް ދައުލަތުން މިއަދުގެ އިބްތިދާއީ އަޑުއެހުމުގައި ވިދާޅުވިއެވެ. ދައުލަތުން ވިދާޅުވީ، އެ ހެކިތަކުގެ ތެރޭގައި 16 ސިއްރު ހެކިވެރިޔެއްގެ ހެކިބަހާއި، 4 ސިއްރު ކިތާބީ ހެކީގެ އިތުރުން 6 ފުލުހުންގެ ހެކިބަސްވެސް ހިމެނޭނެ ކަމަށެވެ.

ދައުލަތުން ހުށަހަޅާފައިވާ ބައެއް ސިއްރު ހެކިންނަކީ، ރިޝްވަތު ހިފައިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ދަރިކަލުން ފާރިޝް މައުމޫންގެ ޑައިރެކްޝަނަށް ބައެއް ކަންކަން ސިނާނު ކޮށްފައިވާކަން ސާބިތު ކުރުމަށާއި، މި މައްސަލައާއި ގުޅުންހުރި ކަޅު ފޮއްޓެއް މީހަކާ ހަވާލު ކުރިކަން އަދި މައްސަލައާއި ގުޅުންހުރި ބައެއް ތަންތަން ބަލާ ފާސްކުރިއިރު ފެނުނު ބައެއް ލިޔުންތަކުގައި ސިނާނުގެ ބައިވެރިވުން ހިމެނިފައިވާކަން ސާބިތު ކުރުމަށް ހުށަހަޅާފައިވާ ހެކިވެރިންނެވެ.

ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ސިއްރު ލިޔުންތަކުގެ ތެރޭގައި، ތަހްޤީގަށް ލިބިފައިވާ ބައެއް ލިޔުންތަކުގެ ރިޕޯޓާއި، ބައެއް ސީސީޓީވީ ފުޓޭޖްވެސް ހިމެނެއެވެ. ސީސީ ފުޓޭޖްގެ ތެރޭގައި ނަސަންދުރަ ކުރިމަތިން އެއް ކާރުން އަނެއް ކާރަށް ކަޅު ފޮށި (މި މައްސަލައިގައި ލިޔުންތައް ފެނުނު ކަޅުފޮށި) ބަދަލުކުރާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްވެސް ހިމެނެއެވެ. މީގެ އިތުރުން ސްޕްރީމް ކޯޓު މެދުވެރިކޮށް ރައީސުލް ޖުމްހޫރިއްޔާ އަޒުލު ކުރުމަށް އެ ކޯޓަށް ހުށަހެޅިފައިވާކަންވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ސިއްރު ލިޔުންތަކުން ސާބިތުވާނެކަމަށް ދައުލަތުން ވިދާޅުވެއެވެ.

ސިއްރު ހެކީގެ ގޮތުގައި ދައުލަތުން ހުށަހެޅި 16 ހެކިވެރިންގެ ތެރެއިން 10 ހެކިވެރިންނަކީ، ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް މެދުވެރިކޮށް އިތުރު ފުލުހުންތަކެއް ލައްވާ ފުލުހުންނާ ކުރިމަތިލައި ޤައުމުގެ ސުލްހަމަސްލަސްކަން ނަގާލައި، ދައުލަތާއި ޤައުމީ ސަލާމަތަށް ނުރައްކާކޮށް ދިވެހި ސަރުކާރު ވައްޓާލަން މަސައްކަތް ކޮށްފައިވާކަމަށް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިން ތަކެކެވެ. ސޯޅަވަނަ ސިއްރު ހެކިވެރިޔަކީ މި މައްސަލައާއި ގުޅޭ އެހެނިހެން ކަންކަން ސާބިތު ކުރުމަށް ހުށަހެޅި ހެކިވެރިއެއް ކަމަށްވެސް ދައުލަތުން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ސިނާނުގެ މައްޗަށް ނިރުބަވެރިކަމުގެ އަމަލެއް ހިންގުމުގެ (ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ) ކުށް ސާބިތު ކުރުމަށް 32 ހެއްކެއް ހުށަހަޅާފައިވާއިރު، ސިނާނުގެ ޤާނޫނީ ޓީމުން ވަނީ ސިނާނުގެ ފަރާތުން ދިފާއީ ހެކި ހުށަހެޅުމަށް އިތުރު ފުރުޞަތަކަށް އެދިފައެވެ. މި އެދުމާ އެއްގޮތަށް މައްސަލަ ބެއްލެވި ގާޒީ ހައިލަމް ވަނީ ދިފާއީ ހެކި ހުށަހެޅުމަށް ފުރުޞަތެއް ދެއްވާފައެވެ.

މިއަދުގެ އަޑުއެހުމުގައު ގާޒީ ވިދާޅުވީ، މި މައްސަލައަށް ބަލާއިރު މި މައްސަލަ މަދަނީ މިންގަންޑުން ކުރިއަށް ގެންދެވިދާނެ ކަމަށާއި، ނަމަވެސް މިކަމާ މެދު ގޮތެއް ނިންމަވާނީ މައްސަލައިގެ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ގޮތެއް ނިންމުމަށްފަހު ކަމަށެވެ.

މި މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން މިއަދު ހަވީރު ކުރިއަށް ގެންގޮސްފައިވާއިރު، އަޑުއެހުން ނިންމާލުމުގެ ކުރިން ދައުލަތުންވެސް އަދި މައްޗަންގޯޅީ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސިނާނުގެ ވަކީލުންވެސް ވިދާޅުވީ، ޝަރީއަތުގެ ކުރިން ހުށަހަޅުއްވަން ބޭނުންވާ ކަންކަން އެބަހުރި ކަމަށެވެ. މިއަދުގެ އިބްތިދާއީ އަޑުއެހުން ނިންމާލައްވާފައިވަނީ ޝަރީއަތުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް 2018 އެޕްރީލް 30 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުށަހެޅުމަށް ދެފަރާތަށްވެސް ފުރުޞަތު އެރުވުމަށްފަހުއެވެ.

މި މައްސަލާގައި އަބްދުﷲ ސިނާނުގެ އިތުރުން ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫނާއި، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އަދި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަޙްމަދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު އަރީފުގެ މައްޗަށްވެސް ނިރުބަވެރިކަމުގެ އަމަލެއް ހިންގުމުގެ ދައުވާ ކޮށްފައިވާއިރު، މި ކުށް ސާބިތު ވެއްޖެނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.