ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާލެ ސަރަހައްދުގައި ކާފިއު އިއުލާން ކުރާ ވަގުތާއި ދިމާކޮށް ވިލިމާލޭގެ ފެރީގެ ވަގުތަށް ބަދަލުތަކެއް އެމްޓީސީސީން ގެނެސްފިއެވެ.

އެމްޓީސީސީން ބުނީ ކާފިއު ވަގުތުގެ ކުރިން ބާއްވާ އެންމެ ފަހު ފެރީ މީގެކުރިން ބާއްވަނީ ހަވީރު 16:30ގައި ކަމަށެވެ. ނަަވެސް މިހާރު އެވަގުތު 16:20 އަށް ބަދަލުކޮށްފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ. އެމްޓީސީސީން އެ ބަދަލު ގެނެސްފައިވަނީ ކާފިއުގެ ވަގުތާއި ކައިރިވެފައި ހުއްޓާ ފެރީ އައުން އެއީ ބޭރުގައި އުޅެންޖެހޭނެ އުޒުރަަށް ހެދުމަށް ފުރުސަތު ނުދިނުމުގެ ގޮތުންނެވެ.

މީގެއިތުރުންވެސް އެމްޓީސީސީން ވަނީ އެ ކުންފުނިން ގެންދާ ބަހުގެ ހިދުމަތްތައް ވެސް ހަވީރު 16:30 ގެ ކުރިން ހުއްޓާލަން ނިންމާފައެވެ. އަދި ފަހުން ބަހުގެ ހިދުމަތް ދިނުމަށް ފެށުމަށް ނިންމާފައިވަނީ ކާފިއުގެ ވަގުތު ނިމުމުންނެވެ.

އެމްޓީސީސީން ބުނީ، މިހާރު ކަނޑައަޅާފައިވާ ގޮތުން އެމްޓީސީސީގެ ފެރީގެ އިތުރުން ބަހުގެ ހިދުމަތްތައް ވެސް 4:30 ގެ ކުރިން ނިމޭނެ ކަމަށެވެ. ދެން ދަތުރުތައް ފަށާނީ ކާފިއު ވަގުތު ނިމުމުންނެވެ.

މި މަހުގެ އެއްވަނަ ދުވަހު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫމާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވި އެންގެވުމެއްގައި ވަނީ މި މަހުގެ ދެވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކޮންމެ ދުވަހަކުވެސް ހަވީރު 17:00 އިން ރޭގަނޑު 20:00 އަށް މަގުތަކަށް ނިކުތުމާއި އުޅަނދުތައް ދުއްވުން މަނާ ކުރުމަށް އަންގާ ކަމަށެވެ. އަދި އެ ނޫން ވަގުތުތަކުގައި ވެސް ތިން މީހުންނަށްވުރެ ގިނައިން މަގުތަކަށް ނުނިކުތުމަށް ވަނީ އަންގާފައެވެ.

ރާއްޖޭގައި ކޮވިޑް-19 ފެނިފައިވުމާއި ގުޅިގެން ސަރުކާރުން ވަނީ އެކި ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން މިދިޔަ މަހުގެ 12ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ރިސޯޓުތަކުން ރަށްތަކަށް އަދި ރަށްތަކުން ރިސޯތުތަކަށް ދިއުން މަނާކޮށްފައިވެއެވެ. މީގެއިތުރުން މާލެ ސަރަހައްދުގެ ހުރިހާ ކެފޭ ރެސްޓޯރެންޓުތަކެއް ބަންދުކޮށްފައިވާއިރު ދާދިފަހުން ވަނީ 24 ގަޑިއިރު ފިހާރަތަކާއި ކެފޭތަކުގައި ދެމުން ދިޔަ ޓޭކް އަވޭ ހިދުމަތްވެސް ދިނުން މެދުކަނޑާލުމަށް އަންގާފައެވެ.