ނުރައްކާތެރި ވައިރަސް ކޮވިޑް-19 މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ މި ދަނޑިވަޅުގައި އެންމެންހެން ތިބެނީ ގެތަކަށް ވަދެއެވެ. ބޭރަށް ނިކުމެ އުޅެނީ ވަރަށްވެސް މަދު ބަޔެކެވެ. މި ދުވަސްވަރަކީ ގެވެށި އަނިޔާ ލިބޭ މީހުންނަށް ވަރަށް އުނދަގޫ ދުވަސްވަރަކަށް ވެގެންދާނެއެވެ. ނަމަވެސް، އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނާނެ އެތައް ގޮތެއް އެބަހުއްޓެވެ.

ދާދި ފަހުން ފްރާންސުގެ އަވަށެއްގައި ގެވެށި އަނިޔާ ލިބެމުން ދިޔަ މީހަކު ވަނީ ފާމަސީ އަކަށްގޮސް ހާއްސަ ކޯޑެއް ބޭނުންކޮށްފައެވެ. މިއީ ހުރިހާ ކަމެއް އޮޅުންފިލުވައި ދިނުމުގެ ބަދަލުގައި ގެވެށި އަނިޔާ ލިބޭކަން ހާމަކުރުމަށް ބޭނުންކުރާ ކޯޑެކެވެ. އެއީ ”މާސްކް-19“ އެވެ.

އެންމެ ފުރަތަމަ މިގޮތަށް ކަންތައް ކުރަން ފެށީ ސްޕެއިންގައި ނަމަވެސް ފްރާންސުގައިވެސް މިހާރު ވަނީ މިގޮތަށް އަމަލުކުރަން ފަށާފައެވެ. އެ އަންހެން މީހާ ފާމަސީ އަށް ގޮސް ”މާސްކް-19“ އޭ ބުނުމުން ވެގެން އުޅޭ ގޮތް ފާމަސިސްޓަށް އެނގުމުން ވަގުތުން އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެއެވެ. އަދި ފުލުހުން ވަނީ ފަހުން އެގެއަށް ގޮސް އެ އަންހެން މީހާ އަށް ގެވެށި އަނިޔާ ކުރަމުން ދިޔަ ފިރިމީހާ ހައްޔަރުކޮށްފައެވެ.

ރާއްޖޭގަައިވެސް މިދުވަސްވަރު މިފަދަ އަނިޔާ ލިބެމުންދާ މީހުން ތިބުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ ފަރާތެއް ސީދާ ފުލުހުންނަށް ގުޅަން ޖެހިލުންވާނަމަ މިފަދަ ކޮންމެވެސް ގޮތަކުން އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނާށެވެ. އެއްވެސް ހާލެއްގައި އަނިޔާ ކުރަން ދީގެން ހުރުމަކީ އެކަމަށް ހައްލެއް ލިބޭނެކަމެއް ނޫނެވެ. އަޅައިނުލައި ހުންނަން ވެއްޖެނަމަ ދެން ފެންނަ މަންޒަރު މާ ހުތުރުވެދާނެއެވެ.