މި މަހުގެ ދެވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ކާފިއު ހިންގާ ވަގުތުތަކާއި ކައިރި ކުރުމަށްފަހު ބައެއް ފަރާތްތަކުން ފިހާރަތަކަށާއި އަދި ބައެއް އެހެނިހެން ބޭނުންތަކަށް ބޭރަށް ނިކުންނަކަން ފާހަގަކުރެވިފައިވާ ކަމަށާއި އެކަން އެގޮތަށް ކުރުމުން ކާފިއުގެ ހަގީގީ މާނަ ގެއްލިގެންދާ ކަމަށް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ކާފިއު ހިންގަނީ ހުރިހާ ރައްޔިތުންގެވެސް ރައްކަލަކަށް ކަމަށެވެ. އެހެންނަމަވެސް އެންމެން އެއް ވަގުތެއްގައި މަގުތަކަށް ނިކުމެގެން ކާފިއު ހިންގުމުގެ އަސްލު ބޭނުން ނުހިފޭ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަފްޒަލް ފާހަގަކުރެއްވީ ކާފިއު ހިންގާ ވަގުތުތާއި ކައިރި ކޮށްފައި ބައެއް އާއްމު ރައްޔިތުން ފިހާރަތަކަށާއި އަދި ބައެއް އެހެން ކަންކަމަށް ބޭރަށް ނިކުންނަ ކަމަށެވެ.

"ނޫނީއްޔާ އަނެއްކާ ކާފިއު ހަމަ ނިމޭއިރުގައި އާދަޔާ ހިލާފަށް މަގުތަކަށް މީހުން ނިކުތީމަ އެ ކާފިއުގެ ފުރިހަމަ މާނަ ގެއްލޭނެ. ފިހާރަތަކާއި އަދި ޒަރޫރީ އެހެން ބޭނުންތައް ވެސް ކާފިއުގެ ވަގުތާއި ކައިރި ކޮށްފައި ނުކުރުމަށް އެދެން. ދުވަހުގެ ކޮންމެވެސް އެހެން ގަޑިއަކަށް ބަހާލައިގެން އާއްމުން އެއް ގަޑިއެއްގައި މަގުތަކަށް އެއް ނުވާނެ ކަހަލަ ގޮތަކަށް ކަންކަން ކުރެވޭތީ އެބަ ބަލަންޖެހޭ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ޑރ. އަފްޒަލް ވަނީ އާއްމު ރައްޔިތުން މިކަމުން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންކަމާއި ކަމާބެހޭ އިދާރާތަކުން ކުރުމަށް އަންގާފައިވާ ކަންކަން ކުރުމަށް އިލްތިމާސް ކުރައްވާފައެވެ. މީގެއިތުރުން ފިހާރަތައް ފަދަ ތަންތަނުގައި މަސައްކަތް ކުރާއިރުވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެމުން ގެންދާ އިރުޝާދުތަކަށް ބޯލެނބުމަށް ޑރ. އަފްޒަލް އިލްތިމާސް ކުރެއްވިއެވެ.

ޑރ. އަފްޒަލް ކާފިއުއާ ގުޅިގެން މިފަދައިން ވިދާޅުވިއިރު ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމުގެ ޓީމުގައި ހަރަކާތްތެރިވާ ޑރ. މޫސާ މުރާދު ވަނީ މިވަގުތު ތިން ގަޑިއިރަށް މާލެ ސަރަހައްދުގައި ކާފިއު އިއުލާން ކުރި ނަމަވެސް ކުރެވޭ އެންމެ ކަމެއްގެ ސަބަބުން އެ ވަގުތު 24 ގަޑިއިރަށް ބަދަލުވެގެން ދިއުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. ޑރ. މުރާދު ވިދާޅުވީ ކާފިއު ނިމޭ އިރަށް މަގުތަކަށް މީހުން އެއްވާ މަންޒަރުތައް ފެންނަމުންދާ ކަމަށެވެ. އަދި އެކަމަކީ އެންމެ ރަނގަޅު ގޮތް ނޫންކަން ފާހަގަކުރައްވާ ޑރ. މުރާދު ވިދާޅުވީ އާއްމުންނަށް ހެދޭ އެންމެ ގޯހަކުން ވެސް މުޅި މަންޒަރު ބަދަލުވެގެން ހިނގައިދާނެ ކަމަށެވެ.

މި މަހުގެ އެއްވަނަ ދުވަހު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫމާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވި އެންގެވުމެއްގައި ވަނީ މި މަހުގެ ދެވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކޮންމެ ދުވަހަކުވެސް ހަވީރު 17:00 އިން ރޭގަނޑު 20:00 އަށް މަގުތަކަށް ނިކުތުމާއި އުޅަނދުތައް ދުއްވުން މަނާ ކުރުމަށް އަންގާ ކަމަށެވެ. އަދި އެ ނޫން ވަގުތުތަކުގައި ވެސް ތިން މީހުންނަށްވުރެ ގިނައިން މަގުތަކަށް ނުނިކުތުމަށް ވަނީ އަންގާފައެވެ.

ރާއްޖޭގައި ކޮވިޑް-19 ފެނިފައިވުމާއި ގުޅިގެން ސަރުކާރުން ވަނީ އެކި ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން މިދިޔަ މަހުގެ 12ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ރިސޯޓުތަކުން ރަށްތަކަށް އަދި ރަށްތަކުން ރިސޯތުތަކަށް ދިއުން މަނާކޮށްފައިވެއެވެ. މީގެއިތުރުން މާލެ ސަރަހައްދުގެ ހުރިހާ ކެފޭ ރެސްޓޯރެންޓުތަކެއް ބަންދުކޮށްފައިވާއިރު ދާދިފަހުން ވަނީ 24 ގަޑިއިރު ފިހާރަތަކާއި ކެފޭތަކުގައި ދެމުން ދިޔަ ޓޭކް އަވޭ ހިދުމަތްވެސް ދިނުން މެދުކަނޑާލުމަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލީ

    ކާފިއުގެ ބޭނުމެއްނުހިފޭ. ކާފިއުގެ އަސްލު މައްސަލައަކީ ސަރުކާރު އިދާރާތަކުން ހިދުމަތް ނުދީ މުވައްޒަފުން އޮފީހުގަ އުޅުން.

    6
    1
  2. ކިނބޫ

    ރައްޔިތުން ފެލަން ހަވީރު ކާފިއު ހަދަނީ

    4
    2
  3. ޟ

    އަސްލުވެސް ތެޅޭނެގޮތަކަން ތެޅެން ދޫކޮލާ. ކިހާވަރަކަށް ހަނދާންވެސްކޮށްދެވިއްޖެ. ނޭހިއެއްނުން. ބޯހަރު އެއްބާރުލުން ނުދޭ ދިވެހިން.?

  4. ޑރ އަންނި

    ޑރ އަފްޒަލް އަކީ ވާތުފިޔާގެ ތަޖުރިބާ ހުރި ބޭކަލެއް.

    1
    1