ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހްމަދު ނުއުމާން އަވަހާރަވުމާ ގުޅިގެން ކަސްޓަމްގެ ހެޑް އޮފީސް މިއަދު ބަންދުކޮށްފިއެވެ.

ކަސްޓަމުން ކުރި ޓްވީޓެއްގައި ބުނީ ނުއުމާން އަވަހާރަވުމާ ގުޅިގެން މިއަދަކީ ކަސްޓަމްގެ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށާއި ކުރިއަށް އޮތް ތިން ދުވަހުގެ ނިޔަލަށް ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ކަސްޓަމްސްގެ ދިދަ ހުންނާނީ ބައި ދަނޑިއަށް ތިރިކޮށްފައި ކަމަށެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ނުއުމާން އަވަހާރަވެއްޖެ

ނުއުމާން އަވަހާރަވީ، ކިޑްނީ ޓްރާންސްޕްލާންޓް އޮޕަރޭޝަނަކަށް އިންޑިއާ އަށް ވަޑައިގެން އުޅުއްވަނިކޮށެވެ.

ނުއުމާން ކަސްޓަމްސްގެ އެންމެ އިސްވެރިޔާގެ މަގާމަށް އައްޔަން ކުރެއްވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު 11 ވަނަ ދުވަހު އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ އަދާލަތު ޕާޓީގެ ސްލޮޓެއްގައެވެ.

ނުއުމާން އަކީ ގައުމަށް އެކި ރޮނގު ރޮނގުން ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެެވެ. ނުއުމާން ވަނީ ފެނަކަ އުފެއްދި އިރު އެ ކުންފުނީގެ ޗެއާމަންގެ މަގާމު ފުރުއްވައިފައެވެ. އޭގެ ކުރިން ސްޓެލްކޯ އާއި ހައުސިން މިނިސްޓްރީގައި ވެސް އޭނާ މަސައްކަތް ކުރެއްވިއެވެ.

ނުއުމާން އަވަހާރަވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އޭނާގެ އާއިލާއަށް ތައުޒިއާ ކިޔަމުންނެވެ.