ހދ. ކުޅުދުއްފުށީގައި ހިންގި މާރާމާރީއެއްގައި ބިދޭސީއެއްގެ ވޮލެޓް ފޭރިގެންފިއެވެ.

ފުލުހުން ބުނީ ރޭ 10:30 ހާއިރު ކުޅުދުއްފުށީގައި މަސައްކަތްކުރާ ބަންގްލަދޭޝް ފިރިހެނެއް މަގުމަތިން ދަނިކޮށް ސައިކަލެއްގައި ދިޔަ ބަޔަކު އޭނާއަށް ހަމަލާދީފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ބިދޭސީ މީހާ އަށް ހަމަލަދިނީ ކާކު ކަން ނޭނގޭ ގޮތަށް މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ކަމަށް ފުލުހުން ބުންޏެވެ.

ސައިކަލެއްގައި ދިޔަ ދެ މީހަކު ދަނޑިބުރިއަކުން ބިދޭސީ މީހާ އަށް ހަމަލާދީ ވޮލެޓް ފޭރިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މާރާމާރީގެ ސަބަބުން ބިދޭސީ މީހާގެ ވާތު ބުމަ މަތިން އެއް އިންޗި ހުންނަ ވަރުގެ ތަނެއް ފަޅައިގެން ގޮސް ކަނާތު އަތަށް އަނިޔާ ލިބިފައިވެއެވެ.

މި މައްސަލައިގައި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.